ހަބަރު

ރައީސަށް ޑރ. ދީދީގެ ފާޑުކިޔުން: މިނިވަންކަން ވަނީ ގެއްލުވާލާފައި

ޝަރުއީ ދާއިރާ އިސްލާހު ކުރަނީ ހެޔޮ ނިޔަތުގައި ކަމަށް ރައީސް އިބްރާާހިމް މުހައްމަދު ސޯލިހު، ރޭ ވިދާޅުވުމުން އުއްތަމަ ފަނޑިޔާރު ކަމުން ވަކި ކުރި ޑރ. އަހުމަދު އަބްދުﷲ ދީދީ ފާޑުވިދާޅުވެއްޖެ އެވެ.

އުއްތަމަ ފަނޑިޔާރު ކަމުން ވަކި ކުރެއްވި ފަހުން އާންމުކޮށް ފުރަތަމަ ފަހަރަށް އެއްޗެއް އަހުމަދު އަބްދުﷲ ދީދީ ވިދާޅުވި މިއީ ފުރަތަމަ ފަހަރެވެ.

މިއަދު އަހުމަދު އަބްދުﷲ ކުރެއްވި ޓްވީޓްގައި ވިދާޅުވީ ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅަކީ އެއްގޮތަކަށް ވެސް ބަލައި ގަނެވޭނެ ވާހަކަފުޅެއް ނޫން ކަމަށެވެ. ރައީސް ސޯލިހުގެ ވެރިކަމުގައި ޝަރުއީ ދާއިރާގެ މިނިވަންކަން ވަނީ ނިޒާމްގެ ތެރެއިން ގެއްލުވާލާފައި ކަމަށް ވެސް ދީދީ ވިދާޅުވި އެވެ. އެކަން ރައީސްއަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދީދީ އުއްތަމަ ފަނޑިޔާރު ކަމުން ވަކި ކުރީ ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ނިންމުންތަކަކީ ގާނޫނު އަސާސީއާ ހިލާފު ނިންމުންތަކެއް ކަމަށް ބުނެ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެމަނިކުފާނުގެ ސުލޫކީ މައްސަލަތަކެއް ބެލުމަށްފަހު އެވެ.

ފަނޑިޔާރުންގެ ނިންމެވުންތަކާ ގުޅިގެން ސުލޫކީ މައްސަލަތައް ނުބެލޭނެ ކަމަށް ވިދާޅުވެ ދީދީ ގެންދެވީ އެކަމާ ދެކޮޅަށް ވާހަކަފުޅު ދައްކަވަމުންނެވެ. ޖޭއެސްސީއަށް ފާޑުވިދާޅުވެ ބަޔާންތައް ނެރުއްވައި އެތަނަށް ހާޒިރުވެވަޑައިގެންނެވުމަށް ވެސް ދެކޮޅު ހެއްދެވި އެވެ.

އޭރު ދީދީ ވިދާޅުވި ގޮތުގައި ޖޭއެސްސީއިން މަސައްކަތް ކުރަނީ ޝަރުއީ ދާއިރާގެ މިނިވަންކަން ނަގާލައި ވަކި ބައެއްގެ އަތް މައްޗަށް ޝަރުއީ ދާއިރާ ގެންދިޔުމަށެވެ. ދީދީއާއެކު އެ ކޯޓުގައި ދެން ތިއްބެވި ފަނޑިޔާރުން ވެސް ބޭރުކުރި އެވެ. މިހާރު ސުޕްރީމް ކޯޓު ވަނީ އެއްކޮށް ބަދަލުކޮށްފަ އެވެ.

ޝަރުއީ ދާއިރާއާ ގުޅޭ ގޮތުން ރައީސް ސޯލިހު ރޭ ވާހަކަފުޅު ދެއްކެވީ ޖުޑިޝަރީ އިޔާ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ. ރައީސް ވިދާޅުވީ ދައުލަތް ހިންގުމުގެ ނިޒާމަށް ރައްޔިތުން ގެނައި ބޮޑު ބަދަލާއެކު ފަނޑިޔާރުގެ އިސްލާހު ކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިގެން އުޅެނީ ތެދުވެރި ނިޔަތެއްގައި ކަމަށެވެ. އިސްލާހު ކުރުމުގެ މަސައްކަތުގެ ނަމުގައި ވިޔަސް، ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވުމުގެ އަމަލެއް ސަރުކާރުން ނުކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.