އަހުމަދު ރިލްވާނަށް ހެދި ގޮތް ތަހުގީގުކޮށް ރިޔާސީ ކޮމިޝަނުން މިހާތަނަށް ތައްޔާރު ކުރީ ދެ ޑްރާފްޓެކެވެ. ރިޕޯޓެއް އަދި ނުލިޔެ އެވެ. އެއީ ރިޔާސީ ކޮމިޝަންތަކާބެހޭ ގާނޫނުގެ 21 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން، އެ ކޮމިޝަންގެ މަސައްކަތް ހިނގާ ގޮތުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް ހިއްސާ ކުރުމުގެ ގޮތުން އަރުވަން ޖެހޭ އަޕްޑޭޓް ޑްރާފްޓެކެވެ. ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ފަދައިން "ކޮންކްލޫސިވް ފައިނަލް ރިޕޯޓެ" އް ނެރެން ކުރަން ޖެހޭ އިތުރު މަސައްކަތް އަދި ބައިވަރެވެ.
މުޅިން ފުރިހަމަ ނުވި ނަމަވެސް ރިލްވާން މައްސަލައިގެ ދެވަނަ ޑްރާފްޓުން އެކަނި ވެސް ބޮޑެތި ކަންކަން މިވަނީ ދެނެގަނެވިފަ އެވެ. ފުލުހުން އެންމެ ގިނަ ވަސީލަތްތައް ބޭނުން ކޮށްގެން ތަހުގީގު ކުރި ކަމަށް ބުނާ ރިލްވާން މައްސަލާގައި އެންމެ ބޮޑަށް އިހުމާލުވީ ވެސް ފުލުސް އޮފީސްގެ ތެރެއިންނެވެ. ބޮޑެތި ޖަރީމާތަކުގެ އަޑިއަށް ފީނައި ބަލާ، ނުފޫޒު ގަދަވެރިންގެ އަތް ދަށުގައި ތިބި މީހުން ވަނީ ހޯދިފަ އެވެ. ސިއްރު ހެކިންގެ ބަޔާންތަކުގެ މައްޗަށް ބިނާކޮށް ޓެރަރިސްޓު ބޮޑު ނެޓްވޯކެއް ވެސް ވަނީ ހޯދާފަ އެވެ. އަދި އެ އޮޕަރޭޓް ކުރާ ގޮތާއި މީހުން ވެސް ވަނީ ދެނެގަނެވިފަ އެވެ. -- މިކަންކަން އަދި ޝައްކެއް ނެތް މިންވަރަށް ކޯޓެއްގައި ސާބިތު ކުރަންޖެހޭނެ އެވެ. އެއީ މުޅީން އެހެން ކަމެކެވެ.
އެ ބޮޑު، ބިރުވެރި ޑްރާފްޓާ ހަމައިން އެއް ކަމެއް ކުރަން ޖެހޭ ކަން އޮތީ ކަށަވަރުވެފަ އެވެ. އެއީ ކޮމިޝަންގެ ހޯދުންތަކަށް އަވަސް ފިޔަވަޅުތަކެއް އެޅުމެވެ. ކުށްވެރިން ފިލުމުގެ ކުރިން ލަސްނުކޮށް ހިފަންވެއްޖެ ކަމެވެ. ޓެރަރިސްޓު ނެޓްވޯކު ހަލާކުކޮށްލައި މުލުން ލުހެލަން ޖެހިއްޖެ ކަމެވެ.
އެކަމަކު ރިލްވާން ރިޕޯޓުން ހާމަވި ކަންކަމަށް ފިޔަވަޅު އަޅަން ފެށުމުގެ ކުރިން ލައިގަތީ އެއަށް ވުރެ ވެސް ހާސްވާން ޖެހޭ މައްސަލައަކާ އެވެ. ގާނޫނުގައި ވަރަށް ސަރީހަކޮށް އަޕްޑޭޓުތައް ދޭން ޖެހޭނީ ރައީސަށް ކަމަށް ބުނެފައި ވަނިކޮށް ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ އެދުމުގެ މަތިން ޑްރާފްޓު މަޖިލީހަށް ދިޔުމެވެ. އެއަށް ފަހު މަޖިލީހުގައި ގަރާރެއް އަނބުރާލާހެން، ތަޅުމުގައި ބަހައި، ވެބްސައިޓަށް ވެސް އަޕްލޯޑުކޮށްލީ އެވެ. ސިޔާސީ އެކްޓިވިސްޓުންގެ އަތަށް ވެސް ދިޔައީ އެވެ.
މިހާރު ދެން ސިއްރު ހުރިހާ މައުލޫމާތުތައް ހާމަވެއްޖެ އެވެ؛ ރިޔާސީ ކޮމިޝަންގެ ބުރަ މަސައްކަތް އޮތީ ސޯޝަލް މީޑިއާގައި "ބޭޒާރު" ކޮށްލައިފަ އެވެ. މިއީ ރިލްވާންގެ މައްސަލާގައި މަރު ކޮމިޝަން އިން ކުރި ހުރިހާ މަސައްކަތެއް "ގެއްލުވާލުން" ފަދަ ކަމެއް ނޫން ހެއްޔެވެ؟
"ރިލްވާންގެ މަރާ ގުޅޭ ގޮތުންް ކޮމިޝަަނުން ކުރި ތަހުގީގު ރިޕޯޓުގެ ސިއްރު ހުރިހާ ބޭފުޅުން ވެސް ހިފަހައްޓަވާނެ ކަމާމެދު އަޅުގަނޑު އިތުބާރު ކުރަން،" ޕީޖީ ލީޑަރުންނަށް ރިޕޯޓު ބައްސަވާ ލެއްވުމަށްފަހު ރައީސް ނަޝީދު ދެއްކެވި ހުއްޖަތަކީ މިއީ އެވެ.
ރައީސް ނަޝީދު އިތުބާރު ކުރައްވާ ބައެއް ފަރާތްތަކަށް ރައީސް ސޯލިހު އިތުބާރު ނެތް ކަމާއި ރައީސް ނަޝީދުގެ އަމަލުތަކުން ރިލްވާނަށް އިންސާފު ހޯދަން ކުރާ މަސައްކަތަށް ވީ ޑެމޭޖުތައް ރައީސް ސޯލިހު އިއްޔެ ޕްރެސް ކޮންފަރަންސްއެއް ބޭއްވި އިރު އެމަނިކުފާނު މޫނުފުޅާއި ހަރަކާތުން ރަނގަޅަށް ފެނުނެވެ. ނުރުހުމާއި ކަންބޮޑުވުން ހުއްޓެވެ. ވާހަކާގައި ޑިޕްލޮމެސީ ހިފަހައްޓަވާފައި ވިޔަސް ރައީސް ސޯލިހުގެ ރާގު މުޅިން ބަދަލުވެ ހިތްޕުޅު ހަމަނުޖެހިފައިވާކަން ސާފުވި އެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ މި ރިޕޯޓްގަ މި ހުރި ސިއްރުތައް ކޮންމެހެން ހިފަހައްޓަން ޖެހޭ މައުލޫމާތުތައް ހިފެހެއްޓުން، މިހާތަނަށް ވީ ކަމެއް ވެފަ އެ އޮތީ، އެ ނުވާ ކަމަކަށް ދެން ނެތް ބުނެވޭކަށް، އަޅުގަނޑަކަށް ދެންނެވޭކަށް ނެތް ރިޕޯޓް ވަކި ބަޔަކަށް ނުފެނެއެކޭ، އެބަހުރި ފެނިފަ، އޭގަ ހުރި ބައެއް މައުލޫމާތުތައް އާންމު ވެއްޖެއްޔާ ތަހުގީގަށް ދަތިވާނެ މައުލޫމާތުތައް އެބަހުރި، އެ އެއްޗެހި ހިފެހެއްޓުން އަޅުގަނޑުގެ އެދުމަކީ،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ބަނޑާރަނައިބު އޮފީހުގެ ކުރީގެ ވަކީލަކު "އަވަސް" އަށް ވިދާޅުވި ގޮތުގައި ރިޔާސީ ކޮމިޝަންގެ ގާނޫނާއި އެހެން އެއްވެސް ގާނޫނެއްގައި އެ ކޮމިޝަން އިން ތައްޔާރު ކުރާ އެފަދަ ރިޕޯޓުތައް މަޖިލިސް ރައީސާ ހިއްސާ ކުރަން ޖެހޭ ކަމަކަށް ނުބުނެ އެވެ. އެކަމަކު ރިޔާސީ ކޮމިޝަންގެ ގާނޫނުގައި ރައީސް އުފައްދަވާ އެފަދަ ކޮމިޝަަންތަކުން ޖަވާބުދާރީވާން ޖެހޭނީ ސީދާ ރައީސަށް ކަމާއި އެއަށް ރައީސަކު އަަޅުއްވަން ޖެހޭ ފިޔަވަޅުތައް ވެސް ބަޔާންކޮށްފައި ވެއެވެ.
"މަޖިލިސް ރައީސަށް ރިލްވާންގެ ރިޕޯޓު ފޮނުވަން ޖެހޭ ސަބަބެއް ނެތް. ހާއްސަކޮށް ރައީސްގެ އިޒުނައެއް ނެތި އަދި ލަފަޔަކާވެސް ނުލަައި އެކަން ކޮށްފައި އެ ވަނީ ރިޔާސީ ކޮމިޝަަންތަކުގެ ގާނޫނާ ހިލާފަށް. އެ އަމަލުގެ ސަބަބުން ބޮޑު ތަހުގީގު މިހާރު ވަނީ ކޮމްޕްރަމައިޒްވެފައި. އެ ޒިންމާ ސީދާ އުފުލަން ޖެހޭނީ ކޮމިޝަންގެ ރައީސް،"
އެ ވަރަކުން ނުފުދުނު
ރައީސް ނަޝީދު އިދިކޮޅު މެންބަރުންތަކަކަށް ކުރެއްވި އިތުބާރެއްގެ ބޮޑު ކަމުންނާއެކު ރިލްވާން ރިޕޯޓު މަޖިލީހާ ހިސާބުން "ރަށްމެދު ރިޕޯޓަކަށް" ވެ އެކި ދިމާގައި ތާށިވީ އެވެ. އޭގެ ސަބަބުން މިއަދާ ހަމައަށް "ސުޕިން" ކުރުން ފިޔައިވައި އަސްލު މަަސައްކަތެއް ނުކުރެވެ އެވެ. ކުރަން އޮތް މަސައްކަތަކަކީ އެ މައްސަލައާ މެދު ފިޔަވަޅުތައް އަޅާ މީހުން ހައްޔަރު ކުރުމެވެ. ނަމަވެސް އެކަން ނުވެ ސަރުކާރަށް ކުރިމަތިވީ ބޮޑެތި ޕްރެޝަރުތަކެކެވެ.
ރައީސް ނަޝީދު "އުފެއްދި" އެ މައްސަލައިން ނުނެއްޓިގެން އުޅެނިކޮށް ސަރުކާރު ދިފާއު ކުރުމުގެ ބަދަލުގައި ފެނިގެން ދިޔައީ ރައީސް ނަޝީދުގެ އާ މީޑިއާ ސްޓަންޓެކެވެ. ފުލުސް އޮފީސް ރަނގަޅު ކުރަން ޖެހޭ މިންވަރު ހާމަ ކޮށްދެއްވާން ނަޝީދު ވިދާޅުވި ގޮތުގައި ފުލުހުން ގެންދަނީ އެމަނިކުފާނަށް ފާރަލަމުންނެވެ. މިއީ ކޮންކަހަލަ ވާހަކައެއް ހެއްުޔެވެ؟
އެންމެ ހައި ޕްރޮފައިލް ޕޮލިޓީޝަނަކު އަދި ރައްޔިތުން މަޖިލިސް ރައީސްގެ ޕާޓީ ވެރި ކަމުގައި އޮއްވާ އެ ރައީސް އެވަރު ވާހަކައެއް ވިދާޅުވުމުން އެއީ ހިޔާލަށް ނާންނަ ވަރުގެ ސީރިޔަސް މައްސަލައެކެވެ. މިއީ ފުލުސް މުއައްސަސާގެ އިތުބާރު އެންމެ ބޮޑަށް ހިފަހައްޓަން ޖެހޭ ދުވަސްވަރު މިހާރު އޮތް ކުޑަ ކުޑަ އުންމީދު ވެސް ގެއްލި ފުލުސް އިދާރާ "އަނގުރު އަލިފާނަ" ށް ވެގެން ހިނގައިދާނެ ފަދަ ވާހަކައެކެވެ.
އެކަމަކު ފުލުހުން ބުނީ ރައީސް ނަޝީދަށް ނުރައްކަލެއް ނެތޭ އެވެ. އެހެންވެ ފާރަލާން ވެސް ޖެހޭ ސަބަބެއް ނެތޭ އެވެ. އެމްއެންޑީއެފް އިން ސީދާަ އެމަނިކުފާނުގެ ވާހަކަތައް ދޮގު ކޮށް އެފަދަ އިޝާރާތެއް ކުރައްވާފައި ނުވާނެ ކަމަށް އެބަ ބުނެ އެވެ. އެހެންކަމުން އެފަދަ އިތުރުފުޅެއް ... ނޫން "ހަމަ ބުހުތާނު ދޮގެއް" އެމަނިކުފާނު ހެއްދެވުމުގެ ބޭނުމަކީ ކޮބާތޯ ސުވާލު އުފެދެ އެވެ. އެ މަނިކުފާނު ދޮގެއް ނުހައްދަވާނެ ކަމަށް ކައިރި ބޭފުޅުން ވިދާޅުވިއަސް އެއީ ދޮގެކެވެ. އެހެންވެ ސުވާލު ކުރަން ޖެހެ އެވެ.
"ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ ބައެއް ފަހަރު ގާނޫނުތައް ފަރުމާ ކޮށްފައި ހުންނަ ގޮތުން އަބަދަކު ކުއްލިއަކަށް ބޭނުން ވެގެން ފިޔަވަޅު ނޭޅިދާނެ. އެކަމަށް ވެސް ތައްޔާރުވާން ޖެހޭ. ގާނޫނުތައް އިސްލާހު ކުރަން ތައްޔާރަށް މިތިބީ މުއައްސަސާތަކާ މަޝްވަރާ ކޮށްގެން ރަގނަޅު ފިޔަވަޅު އަޅާނަން، އެކަމަކު މިވަގުތަށް ބޭނުން ވަނީ ސިޔާސީ ފައިދާ ހޯދުމުގެ ބަދަލުގައި ސަރުކާރަށާއި މުއައްސަސާތަކަށް އެއްބާރުލުމާއި އެހީތެރިކަން. ސަމާލުކަން ހޯދަން ސަރުކާރުގެ އިތުބާރު ކަނޑުވާލުމެއް ނޫން، ސިޔާސީ ގޮތުން ޖެއްސުން ކުރުމެއް ނޫން." ސަރުކާރުގެ ދިފާއުގައި އެމްޑީޕީގެ އިސް މީހަކު ވިދާޅުވި އެވެ.
ރިލްވާން ރިޕޯޓު ތައްޔާރު ކުރުމުގެ މަސައްކަތް ކޮމިޝަނުން މިހާރު ވެސް ކުރަމުން އެބަދެ އެވެ. އަދި ޑްރާފްޓަށާއި ލީކުވި މައުލޫމާތުތަކުން ލިބުނު ގެއްލުންތަކާއި ހެދު ބާގަނޑު ފޫބެއްދުމުގެ މަސައްކަތް ފުލުހުންނާއި އޭޖީ އޮފީހުން ކުރިޔަށް އެބަގެންދެ އެވެ.
ރައީސް ސޯލިހު ސާބިތުކަމާއެކު އިއްޔެ ހާމަ ކުރެއްވި ވާހަކަތަކުން އަވަސް ފިޔަވަޅުތަކެއް ފެންނާނެ ކަމަށް މިހާރު އެބަބެލެވެ އެވެ. އެގޮތަށް ބެލެވުނަސް ހިނގާ ކަމެއް ހިގާނީ ވަގުތުކޮޅެއް ނަގައިގެން ކަމަށް ވެސް ބަލަން ޖެހެ އެވެ. ސަބަބަކީ ބައެއް ގާނޫނުތަކަށް ބަދަލުތައް ގެންނަންޖެހޭތީ އެވެ.
މިވަގުތު މަޖިލީހުން ވެސް ޒިންމާދާރު މަސައްކަތްކެއް ކުރަން އެބަޖެހެ އެވެ. ސަރުކާރުވެސް ޒިންމާދާރުވާން ޖެހެ އެވެ. ސަމާލުކަން ހޯދުމާއި ސިޔާސީ ކާޑު ދެއްކުން ހުއްޓާލަން ޖެހެ އެވެ.