ސޯޝަލް މީޑިއާގެ ސަޅި ކަމަކީ ދަންނަ މީހުންނާއި ނުދަންނަ މީހުން ވެސް ކަމަކަށް ޝައުގުވެރިވާނަމަ އެއްމެން އެއްތަން ކޮށްލައިދޭތީ އެވެ. އެކަކު އެނެކަކާއި ހިޔާލު ފާޅުކޮށް މަޝަވަރާކޮށް ހުނަރު ތަރައްގީކޮށް ނެޓްވޯކެއް އުފައްދަން ލިބޭ ރަނގަޅު ޕްލެޓްފޯމަކަށް ސޯޝަލް މީޑިއާ ވެއެވެ. ތަފާތު ދާއިރާތަކުގައި މަސައްކަތް ކުރަމުން އަންނަ ދިވެހި ޒުވާނުން ތަކެއް ސޯޝަލް މީޑިއާ ބޭނުންކުރީ ހަމަ މި މަގުސަދުގަ އެވެ.
މާލޭގައި ހުންނަ ދަ ސްޕޭސް ކެފޭގައި "އާޓް އެންޑް ޗިލް 2" ނަމުގައި ހަ ޒުވާނަކު ވެގެން އެމީހުންގެ އާޓާއި ހުނަރު ދައްކާލަން ބޭއްވި ޕޮޕްއަޕް ޝޮޕަކީ އެ މީހުން ބޭއްވި މި ފަދަ ދެވަނަ އިވެންޓެވެ. މީގެ ކުރިން އެކަކު އަނެކަކު ނުދަތަސް ސޯޝަލް މީޑިއާއިން އެ މީހުން ގުޅުވާލީ އާޓަށް ހުންނަ ޝައުގުވެރި ކަމުގެ ސަބަބުންނެވެ.
އާޓް އެންޑް ޗިލް އާ ބެހޭގޮތުން އަލާނިޔާ އަބްދުލް ގައްުޔޫމް ބުނީ "އައިޑިއާ ޝެއާ ކުރީ ނުޝޫ ސޯޝަލް މީޑީއާއިން." ކަމަށެވެ. އަދި އޭނާ ބުންޏެވެ: "ނުޝޫ ހުންނަނީ މެލޭގައި ކިޔަވަން. އެކަމަކު އަހަރުމެން އެއްމެން ވެސް އައީ ކުރެހުމާއި އެކި އެކި އާޓް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުން،"
މިއިން ކޮންމެ އާޓިސްޓެއްގެ ވެސް ހުނަރު ތަފާތެވެ. އެމީހުންގެ ހުނަރު ދައްކާލުމަށް ބޭނުންކުރާ މީޑިއަމް ވެސް ތަފާތެވެ.
އަލާނިޔާ އަބްދުލް ގައްޔޫމް
އަލާނިޔާ އާއްމުކޮށް އާޓިސްޓުންގެ މެދުގައި މަގުބޫލު ވެގެން އުޅެނީ އެނާގެ ފެވަރިޓު މާ ކަމުގައިވާ ސަންފްލާވާ ގެ ނަމުންނެވެ. ސަންފްލަވާ އަށް ދިވެހިން ކިޔަނީ "އިރަށްއެނބުރޭމާ" އެވެ. އިރަށް އެނބުރޭމާ ގެ ނަމުގައި ސޯޝަލް މީޑިއާގައި އަލާނިޔާގެ ހުނަރު ދައްކާލަނީ ފެންކުލައިން ކުރަހާފައިވާ ކުރެހުންތަކުންނެވެ. އަލާނިޔާ ކުރަހަނީ ވެސް ގިނައިން މާމެލާމެއްޔެވެ. ބޭނުން ކޮށްފައިވާ ހުންނަނީ ވަރަށް ގަދަ ކުލައިގެ ސަމާ ވައިބެއް ގެންނަ ކަހަލަ ކުރެހުންތަކެކެވެ.
ކެރިއާ ގޯލެއް ގޮތުގައިވެސް އަލާނިޔާ ހިޔާރު ކުރަނީ ކުރެހުމާއި ގުޅޭ ކަމެއްގައި އުޅޭށެވެ. މިވަގުތު މަސައްކަތް ކުރަނީ އާޓީ ފިންގާސް ގައި ތުއްތު ކުދިންނަށް ކުރަހަން ދަސްކޮށްދޭ އެސިސްޓެންްޓް އާޓް ޓީޗަރެއްގެ ގޮތުގަ އެވެ.
އާޓް ޓީޗަރަކަށް ވާން ވިލާ ކޮލެޖުން ކިޔަވަމުން އަންނަ އަލާނިޔާ އޭނާގެ މަސައްކަތް ދައްކާލަން ފަންނުގެ ދަރިން ފެސްޓިވަލްގައި ވެސް ބައިވެރިވި އެވެ. އޭނާގެ އެންމެ ބޮޑު އުންމީދަކީ ކޮންމެވެސް އެއް ދުވަހަކުން އޭނާގެ އަމިއްލަ އެގްޒިބިޝަނެއް ބޭއްވުމެވެ. އެކަން އަދި ވާނެ އެވެ.
ރިހާލް އާދިލް
އުމުރުން 20 އަހަރުގެ ރިހާލްއަކީ ގްރެފިކްސް ޑިޒައިނަރެކެވެ. ލިބޭ ހުސްވަގުތު އޭނާ ހިފަނީ ހުނަރު ބޭނުންކޮށް ތަފާތު ސްޓިކާ ހަދާށެވެ. އިންސްޓަގްރާމްގައި ރިހާލް ބޮޑު މަޝްހޫރު ކަމެއް ހޯދާފައި ވެއެވެ. ރިހާލް ގެ ސްޓިކާތަކަށް ބޮޑު ތަރުހީބެއް އާޓް އެންޑް ޗިލްގެ ފުރަތަމަ އިވެންޓްގައި ލިބުނެވެ.
ޑިޖިޓަލްކޮށް ރިހާލް ކުރަހާ މި ސްޓިކާތައް ކުރެހުމުގައި ބޭނުން ކުރަނީ "ވޯމް ފަޒީ ކަލާސް" ކަމަށް ރިހާލް ބުނެ އެވެ. އާޓް އެންޑް ޗިލްއާއި ގުޅުނީ އާޓަށް ޝައުގުވެރިކަން ހުންނަ ގިނަ މީހުންނައި ބައްދަލުވުމުގެ ބޭނުމުގަ އެވެ.
އައިމިނަތު އިޒާނާ ޝަމީމް
ނމިއީ ލޯ ޑިގްރީއަކަށް ކިޔަވަމުން އަންނަ އުމުރުން 19 އަހަރުގެ ޒުވާނެކެވެ. އާމިނަތު އިޒާނާ ޝަމީމެވެ. އިޒާނާ އަކީވެސް އާޓް އެންޑް ޗިލްގައި ބައިވެރިވި ޒުވާން އާޓިސްޓެކެވެ. ވޯޓާކަލާ އާއި ޑިޖިޓަލް އާޓްގައި އޭނާގެ ހުނަރު ސޯޝަލްމީޑިއާގައި ހިއްސާ ކުރެ އެވެ.
އިޒާނާ އަށް އެންމެ ކަމުދަނީ އިރުއޮއްސޭ މަންޒަރެވެ. އިޒާނާގެ ހުނަރު ދައްކާލާފައިވަނީ އިވެންޓަށް ފެން ކުލައިން އޭނާ ތައްޔާރު ކުރި އިރުއޮއްސޭ މަންޒަރު ހާމަވާ ބުކްމާކްތަކަކާއި ކުރެހުންތަކަކުންނެވެ. މީގެ އިތުރުންވެސް ޖެލީ ފިޝް ކުރެހުމަށް އޭނާ ހާއްސަ ޝައުގުވެރިކަމެއް ދެ އެވެ.
އިޒާނާގެ އާޓް ހުނަރު ދައްކާލާ ވޯލް މިއުރަލްތަކެއް ދައްކާލުމަށް މައިވޮންޑާބޮކްސް، ކޮފީ ސްޓޭޓް އަދި އައިލަންޑް ބާޒާރުގައި ގައި ޑިސްޕްލޭ ކޮށްފައިވެ އެވެ. އާޓް އެންޑް ޗިލް ގެ ފުރަތަމަ ސީރީސްގައި އޭނާ ހެދި "ވަރަށްވަރުބަލި" ސްޓިކަރއަށް ބޮޑު ތަރުހީބެއް ލިބިފައިވާތީ އޭނާގެ ސޯޝަލް މީޑިއާގެ ނަމަކީވެސް މިއީ އެވެ.
އައިޝަތު މަނާލް މުހައްމަދު
މަނާލްއަކީ ތަފާތު އާޓިސްޓެކެވެ. އާޓް ބައި ލޫލުގެ ނަމުގައި ހުނަރު ދައްކާލަމުން އަންނަ މަނާލް ކުރެހުމުގެ އިތުރުން އޭނާގެ ޝައުގުވެރިކަން ކޭކް އެޅުމާއި ޑެކަރޭޓް ކުރުމަށް އޮވެ އެވެ. އުމުރުން 12 އަހަރުގައި މަނާލް ކޭކެއް އެޅި އެވެ. އޭގެ ފަހުން އެކަން ވެގެން ދިޔައީ އޭނާ އެންމެ ކުރާހިތުން ކުރެވޭ އެއް ކަމަށެވެ. ކަލިނަރީ އާޓްސް އިން މަތީ ތައުލީމު ހާސިލު ކުރަން އޭނާ ބޭނުންވެ އެވެ. އެކަމަށް މާނާލް ރާއްޖެއަށް ބޭރަށް ދާން ދަނީ ތައްޔާރު ވަމުންވެ.
ޑިޖިޓަލް އާޓިސްޓެއް ގޮތުގައި މަނާލް މަސައްކަތް ފަށައިގަތީ މި ދިޔަ އަހަރު އެވެ. އޭނާ ބުނިގޮތުގައި އާޓަށް ޝައުގުވެރިވި ކަމުގައި ވިޔަސް އާޓަށް ހާއްސަ އެކައުންޓެއް ހުޅުވަން އޭނާ ފަސް ޖެހުވުނެވެ. ފަހުން ބެސްޓް ފްރެންޑް ރައުލާ ހުޅުވައި ދިން މި އެކައުންޓާއެކު އޭނާގެ އާޓް ހިނގައިގަތީ އެވެ. މަނާލްގެ ހުނަރު މިހާރު އޭނާ ދައްކަމުން އަންނަނީ ޑިޖިޓަލް ޕޯޓްރެއިޓް ކުރެހުމުގަ އެވެ. ކަލްލިނަރީ ދާއިރާ މިހާރު ބުރަވި ކަމުގައިވިއަސް ކޮންމެވެސް ދުވަހަކުން ޑިޖިޓަލް އާޓިސްޓް ދާއިރާއިން ޑިގްރީއެއް ހޯދުމަކީ އޭނާގެ އުންމީދެވެ.
އައިޝަތު ނުޝްއު މައުރޫފު
ނުޝްއު އަކީ މެލޭޝިއާގެ ޔުނިވާސިޓީއެއްގައި އިންގްލިޝް ލިޓަރޭޗާ އެންޑް ކްރިއޭޓިވް ރައިޓިން ކިޔަވަމުން އަންނަ 20 އަހަރުގެ ޒުވާނެކެވެ. ލިޓަރޭޗާ އަކީ ނުޝްއު ގެ ޕެޝަން އެވެ. ގްރޭޑް ސްކޫލް އިން ފެށިގެން ލިޓްރޭޗާއަށް ޝައުގުވެރިކަން އޭނާގެ ހުރެއެވެ. ނުޝޫގެ ހިންގުންތެރި ކަމުން ނުވެސް ދަންނަ ބަޔަކަށް ހިޔާލެއް ދީ، ޒުވާން އާޓިސްޓުންގެ މަސައްކަތް ދައްކާލުމަށް އާޓް އެންޑް ޗިލް އިވެންޓް ރާވައި ދިނެވެ. މިވަގުތު މެލޭޝިއާގައި ހުރުމުން އިވެންޓުން ނުޝޫ ނުފެނުނަސް އޭނާގެ އާޓް ރައްޓެހިން ވަނީ ނުޝޫގެ މަސައްކަތް ދައްކާލަން އެހީވެފަ އެވެ.
އާޓްގެ ހުނަރަށް ބަލާއިރު 2017 އިން ފެށިގެން ނުޝްއު ކުރަހަމުންނެވެ. އާޓް ހިއްސާ ކުރަނީ އިންސްޓަގްރާމް އެކައުންޓު އިންނެވެ.
ކުރަހަން ފެށީ ފޭން އާޓް ކަމުގައިވި އަސް މިހާރު ކުރަހާ ހިއްވާ ކޮންމެ އެއްޗެއްވެސް ކުރަހާލަނީ އެވެ. ނުޝޫގެ އާޓަށް އޭނާ އެންމެ ބޮޑު އިންސްޕިރޭޝަންއަކަަށް ވީ އޭނާގެ ފޮތްތަކެވެ. ފޮތްތަކުގެ ދުނިޔެއިން އިންސްޕަޔާ ވެގެން ކުރާހަނީ ޑިޖިޓަލްކޮށެވެ. ނުޝްއުގެ އެންމެ ބޮޑު ޑްރީމަކި ކުޑަކުދިންގެ ފޮތް އިލަސްޓްރޭޓްކޮށް ލިޔުމެވެ.
މި އާޓިސްޓުން ގަބޫލު ކުރާ ގޮތުގައި މިއީ ކުޑަ ގައުމަކަށް ނިސްބަތްވާ ކުދި ކުދި އާޓިސްޓުންތަކެވެ. އެމީހުން ހުނަރު ތަރައްގީ ކުރުމަށް މަސައްކަތް ކޮށް އެމީހުންގެ އަމިއްލަ ސްޓައިލް ދަސްކުރުމަށް އެމީހުން ތިބީ ތައްޔާރުވެގެނެވެ. މުސްޓަގްބަލުގައި އެ މީހުންގެ ހުނަރު ދައްކާލަން އެ މީހުން އަބަދުވެސް ބޭނުން ވެއެވެ.