އދ. ގެ 74 ވަނަ އާންމު މަޖިލީސްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، މިރޭ ތަގުރީރު ކުރައްވައިފި އެވެ. ނޮވެމްބަރު 17، 2018 ގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަަޑައިގެންނެވި ފަހުން، ރައީސް ސޯލިހު އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވި މިއީ ފުރަތަމަ ފަހަރެވެ. އެ މަނިކުފާނު މިރޭ ތަގުރީރު ކުރެއްވި އިރު އދ. ގެ އާންމު މަޖިލީހުގައި ރާއްޖެ ތަމްސީލު ކުރެއްވުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން ތަގުރީރު ނުކުރައްވާތާ ހަ އަހަރު ވެއްޖެ އެވެ. އެހެންވެ މިރެއަކީ ރާއްޖެއަށް ތާރީހީ ރެއަކަށްވެފައި ވެފައި ވެއެވެ. -- ގުޅޭ ހަަބަރުތައް އަންނަނީ --
މިދިޔަ ހަ އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއިން އދ. ގައި ތަގުރީރު ކުރައްވާފައި ވަނީ މުޅިންވެސް އޭރުގެ ރައީސް އަބްދުﷲ ޔާމީން ކަނޑައެޅުއްވެވި މަންދޫބެކެވެ. އެހެންކަމުން ރައީސް ސޯލިހުވެވަޑައިގެންފައިވަނީ މިދިޔަ ހަ އަހަރުގެ ތެރޭގައި، އދ ގައި ތަގުރީރުކުރެއްވި ފުރަތަމަ ރައީސަށެވެ. އެ މަނިކުފާނަކީ ރާއްޖޭގެ ހަތް ވަނަ ރައީސެވެ.
މިރޭ ރައީސް ދެއްވި ތަގުރީރު ގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލައްވާފައިވަނީ ވޭތުވެ ދިޔަ ދުވަސްތަކުގައި ރާއްޖޭގެ ސިޔާސީ މަސްރަހަށް އައި ބަދަލުތަކަށާއި އިންސާނީ ހައްގު ކުރިއަރުވަން ރާއްޖެއިން ކުރާ މަސައްކަތްތަކުގެ މައްޗަށެވެ. އެގޮތުން ވޭތިވެދިޔަ ދުވަސްތަކުގައި ރާއްޖެއަށް ކުރިމަތިވި ހާލަތު ރައީސް ބަޔާންކޮށްދެއްވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ މުއައްސަސާތަކުގެ މިނިވަންކަން އޮތީ ގެއްލިފައިކަމަށެވެ. އެގޮތުން ޖުޑީޝަރީގެ މިނިވަންކަން ގެއްލި، މަޖިލީހުގެ ބާރު ކަނޑުވާލާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި އިދިކޮޅު ހުރިހާ ލީޑަރުން ޖަލުގައި ނުވަތަ ގައުމުން ބޭރުގައި އަރުވާލެވިފައި ތިބެން ޖެހުންކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ތިމާވެށީގެ މައްސަލަތަކަށް ވެސް އެމަނިކުފާނުގެ ތަގުރީރުގައި އަލިއަޅުވާލައްވާފައި ވެއެވެ.
މީގެ އިތުރުން ހައްދުފަހަނައަޅާފައިވާ އިޒުރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ޖަރީމާތަކަށާ، އަދި ހިންގަން ރާވަމުންދާ ކަންކަމާމެދު ރައީސްގެ ވާހަކަފުޅުގައި ވަނީ އިޝާރަތް ކުރެއްވި ރައީސްގެ ތަގުރީރުގައި ދިވެހިންނަށް އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދިޔައީ ފަލަސްތީނާމެދު ޒަމާނުއްސުރެ ދިވެހިން ގެންގުޅެމުންދާ ވިސްނުން، އދގެ އާންމު މަޖިލީހުގައި، މުޅި ދުނިޔެއަށް އަޑުއިއްވާލައި ދެއްވުމުންނެވެ.
"ދިވެހިން އަބަދުވެސް ތިބޭނީ ފަލަސްތީނުގެ ރައްޔިތުންނާއެކު." ރައީސް ވިދާޅުވިއެވެ.
އެންމެ ފަހުން އދ. ގެ އާންމު މަޖިލީހުގައި ރާއްޖޭގެ ރައީސަކު ތަގުރީރު ކުރެއްވީ 2014 ވަނަ އަހަރުގަ އެވެ. އެއީވެސް އެވަގުތު ވެެރިކަމުގައި ހުންނެވި ބޭފުޅެއް ނޫނެވެ. އެއީ ކުރީގެ ރައީސެކެވެ. އެގޮތުން 2014 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީންގެ މަންދޫބެއްގެ ގޮތުގައި ވަޑައިގެންނެވި ކުރީގެ ރަައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ.
ރައީސް ވަހީދުގެ ވެރިކަމުގައި އެމަނިކުފާނު ވެސް އދ. ގައި ތަގުރީރު ކުރެއްވި އެވެ. އެއީ 2012 ވަނަ އަހަރު އެވެ. ޖެހިގެން އައި އަހަރު އެ މަނިކުފާނު ވަޑައި ނުގެން އެ މަޖިލީހުގައި އެ މަނިކުފާނުގެ މަންދޫބެއްގެ ގޮތުން ވަޑައިގެންނެވީ އޭރުގެ އެކްޓިން ފޮރިން މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ އެވެ.
ރައީސް ޔާމީންގެ ފަސް އަހަރުގެ ދައުރުގައި އދ. ގެ އާންމު މަޖިލީހުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.
ފާހަގަކޮށްލެވޭ ބައެއް ކަންކަން
- ރާއްޖެ އދ. ގެ މެންބަރަކަށްވީ މީގެ 54 އަހަރު ކުރިން ސެޕްޓެމްބަރު 21، 1965 ގައި
- ރައީސް މައުމޫން ދިވެހި ބަހުންވެސް އާންމު މަޖިލީހުގައި ތަގުރީރު ކުރައްވެވި
- ރައީސް މައުމޫން، ރައީސް ނަޝީދު، ރައީސް ވަހީދު ވަނީ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވި
- ރައީސް ޔާމީންގެ ފަސް އަހަރުގައި އެމަނިކުފާނު އާންމު މަޖިލީހުގައި ތަގުރީރެއް ނުކުރައްވާ
- މިދިޔަ ފަސް އަހަރު އާންމު މަޖިލީހުގައި ރާއްޖެ ތަމްސީލުކުރެއްވީ ރައީސްގެ މަންދޫބުން
ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވީ ގައުމުގެ ހާރިޖީ ސިޔާސަތު ހަރުދަނާކޮށް، ބައިނަލްއަގްވާމީ މުޖުތަމައުގައި ރާއްޖޭގެ ބައިވެރިވުން ހަރުދަނާ ކުރުމުގެ ވައުދާ އެކުގަ އެވެ. ރައީސް ސޯލިހުގެ ވެރިކަމަށް 10 މަހާއި 7 ދުވަސްވެފައިވާއިރު ރާއްޖެއިން ގެންދަނީ ގައުމުތަކާ އޮންނަ ގުޅުން ވަރުގަދަ ކުރެއްވުމަށް މަސައްކަތް ކުރައްވަމުންނެވެ. އަދި އދ. ގެ އާންމު މަޖިލީހަށް ވަޑައިގެން ތަގުރީރު ކުރެއްވުމުން ބައިނަލްއަގްވާމީ ދުނިޔޭގެ ރާއްޖޭގެ ނަން އިތުރަށް ރީތި ކުރުމަށް ރައީސް ސޯލިހު އިސްކަން ދެއްވާ މިންވަރު ހާމަވެގެން ދެއެވެ.