ޑޮނަލްޑް ޓްރަމްޕް

ޓްރަމްޕު މަގާމުން ދުރުކުރުމުގެ މަސައްކަތް ފަށައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ރައީސް ކަމުގެ މަގާމުން ދުރު ކުރުމުގެ މަސައްކަތް އިދިކޮޅު ޑިމްކްރެޓުން ރަސްމީކޮށް ފަށައިފި އެވެ.

ޓްރަމްޕު މަގާމުން ވަކި ކުރުމުގެ މަސައްކަތް އިދިކޮޅުން ފެށީ ޓްރަމްޕު، ރައީސްގެ މަގާމަށް އިންތިހާބުވި އިންތިހާބުގައި، ކުރި ހޯއްދެވުމަށް ބޭރު ގައުމެއްގެ އެހީ ހޯދި ކަމުގެ ތުހުމަތުތައް ކުރެވެން ފެށުމުންނެވެ. އެގޮތުން ތުހުމަތު ކުރެވެނީ ޔޫކްރެއިން ސަރުކާރުގެ އެހީއަށް ޓްރަމްޕު އެދި ވަޑައިގެންނެވި ކަމަށެވެ.

މި ތުހުމަތުތަކަށް ޓްރަމްޕު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް އިދާރާތަކުން ކުރަން ޖެހޭނެ ކަމަށް އިދިކޮޅު ޑިމްކްރެޓުން ދަނީ ބުނަމުންނެވެ. އިންތިހާބުން މޮޅުވާން ބޭރު ގައުމެއްގެ އެހީ ހޯއްދެވި ކަމަށް ތުހުމަތު ކުރުމުން ޓްރަމްޕު ވަނީ އެ ތުހުމަތު ދޮގު ކުރައްވާފަ އެވެ.

ޓްރަމްޕް މަގާމުން ވަކި ކުރެއްވުމަށް ޑިމޮކްރެޓުންގެ މެދުގައި ތާއީދު ބޮޑެވެ. އެކަމަކު އެކަން ކުރިއަށް ގޮސްފިނަމަ ރިޕަބްލިކަން ޕާޓީން ކޮންޓްރޯލް ކުރާ ސެނެޓުގެ ތާއީދު ލިބޭނެ ކަމާ މެދު ޝައްކެވެ.

އިންތިހާބުން ކުރި ހޯދަން ބޭރު ގައުމެއްގެ އެހީ ޓްރަމްޕު ހޯއްދެވި ކަމުގެ ތުހުމަތު އެންމެ ފުރަތަމަ ކުރީ ޕޮލިޓިކަލް ޖަސޫސެކެވެ. އެ މައްސަލަ އިދިކޮޅު ފަރާތްތަކަށް އެގުނީ ޓްރަމްޕަށް ފިޔަވަޅު އަޅައި ދިނުމަށް އެދި އެކަމުގެ މައުލޫމާތު އިދާރާތަކަށް ރަސްމީކޮށް މައްސަލަ ހުށަހެޅުމުންނެވެ. އެ މައްސަލާގައި ބުނަނީ ޓްރަމްޕް ޔޫކްރެއިނުގެ ރައީސް ލޮޑިމިއާ ޒެލެންސްކީއާ ފޯނުން ގުޅުއްވާ ވާހަކަތަކެއް ދެއްކެވި ކަމަށެވެ.