އދ. ގެ އާންމު މަޖިލީހުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަގުރީރު ކުރެއްވީ އެ މަޖިލީހުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ތަގުރީރު ނުކުރައްވާތާ ހަ އަހަރަށް ފަހު އެވެ. އެހެން ކަމުން ރޭ އދ. ގައި ރާއްޖޭގެ ރައީސް ދެއްވީ ތާރީހީ ތަގުރީރެކެވެ. އަދި އެއީ ބައިނަލްއަގުވާމީ ގުޅުމުގައި ރާއްޖެއަށް މުހިންމު ފެށުމެކެވެ. ރައީސްގެ ތަގުރީރުގައި މުހިންމު ގިނަ މައްސަލަތަކާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވި އިރު ރާއްޖެ އަލުން ޑިމޮކްރަސީ އިއާދަވުމުގެ މަގަށް ދަތުރު ފަށާފައިވާ ކަމަށް ދުނިޔެއަށް އިއުލާންކޮށް ދެއްވި އެވެ. ދިވެހިންގެ ހިތާ ގުޅިފައިވާ ފަލަސްތީނުގެ މައްސަލައަށް ބާރު އަޅުއްވާ ފަލަސްތީނާމެދު އިޒްރާއީލުން ގެންގުޅޭ އަރައިގަތުމުގެ ސިޔާސަތު ކުށްވެރި ކުރައްވާ ފަލަސްތީން މިނިވަން ދައުލަތަށް ވާންޖެހޭ ކަމަށް ވިދާޅުވި އެވެ. މައްސަލަ ހައްލު ކުރަން ދުނިޔެ ނުކުޅެދިފައިވާތީ ސުވާލު އުފެއްދެވި އެވެ.