މިދިޔަ ޑިސެންބަރު މަހު ޗައިނާއިން އުފަންވެ ފެތުރެން ފެށި ކޮވިޑް-19 އިގެ ޝިކާރަކަށްވެފައިވާ މީހުންގެ އަދަދު މިހާރު ވަނީ ފަސް ލައްކަ ފަހަނައަޅާ ގޮސްފަ އެވެ. އޭގެ ތެރެއިން 22،000 ވުރެ ގިނަ މީހުން މަރުވެފައި ވެއެވެ. ކޮވިޑްގެ ނުރައްކާ ބޮޑުވެ މުޅި ދުނިޔެ ހުއްޓުމަކަށް އައިސްފައިވާއިރު، ދުނިޔޭގެ އިގްތިސޯދަށް މިއިން ޒަމާނަކު ނުލިބޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް މިހާރުވެސް ވަނީ ވެފައެވެ.
މި ހާލަތުގެ ސަބަބުން ދިވެހިން ވެސް ތިބީ ބޮޑު ކަންބޮޑުވުމެއްގެ ތެރޭގަ އެވެ. ދިވެހިންގެ އިގްތިސޯދީ މައި އިންޖީނު، ޓޫރިޒަމް ވަނީ މުޅިން ހުއްޓިފަ އެވެ. ރާއްޖެއަށް ފަތުރުވެރިން އައުން މަނާ ކޮށްފައިވާއިރު ރާއްޖޭގައި ފަންސާހަށް ވުރެ ގިނަ ރިސޯޓް މިހާރުވެސް ވަނީ ބަންދު ކޮށްފައެވެ. އަދި ކުރިއަށް އޮތް ދެތިން ހަފުތާތެރޭ ހުރިހާ ރިސޯޓެއްގެ އޮޕަރޭޝަން ހުއްޓިގެން ދާނެ އެވެ. މި ހާލަތު ކުރިއަށް އޮތް ތިން މަހަށް ދެމިގެންދާނެ ކަމަށް ލަފާކޮށް ދާއިރާގެ ތަޖުރިބާކާރުން ވަނީ ފިޔަވަޅުތައް އަޅަން ފަށާފަ އެވެ.
ދުނިޔެއަށް ކުރިމަތިވެފައިވާ މި ނާޒުކު ހާލަތުގެ ސަބަބުން ދިވެހި ރައްޔިތުން ތިބީ ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައެވެ. ގޭގެ ކުއްޔާ، ފައިސާ ދައްކަން ޖެހިފައިވާ ލޯންތަކާއި، ފްލެޓް ޕޭމަންޓް އަދި ކަރަންޓާ ފެން ބިލް ނުދެއްކޭނެ ހާލަތަކަށް ދިރިއުޅުމުގެ ހާލަތު ގޮސްދާނެތީ އެކަމުގެ ކަންބޮޑުވުމުގަ އެވެ. ނިމިގެންދިޔަ ދުވަސްތައް ހޭދަމިވީ އެ ސުވާލުތައް ކުރުމުގަ އެވެ.
މިދިޔަ ބުދަ ދުވަހު ހަވީރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ނޫސްވެރިންނާ ބައްދަލު ކުރައްވާ ދިވެހި ރައްޔިތުންނަށް އުންމީދީ ހަބަރުތަކެއް ދެއްވާފަ އެވެ. އުނދަގޫ މިދަނޑިވަޅުގައި ރައްޔިތުންގެ ހިތުގައި އުފެދިފައިވާ ސުވާލަކަށް ރައީސް ޖަވާބު ދެއްވި އެވެ. ކަންބޮޑުވުންތަކަށް ސަރުކާރުގެ ފަރާތުން ލުއި ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
ފެނާނައި ކަރަންޓުގެ ބައެއްގައި ސަރުކާރުން ހިފުން
މުހިންމު އެއް ނިންމުމަކީ ކަރަންޓާއި ފެން ބިލުން ބައެއް ސަރުކާރުން ދައްކައިދޭން ނިންމުމެވެ. ރައީސްގެ ތަގުރީރުގައި އެކަން އިއުލާނު ކުރެއްވުމުގެ ކުރިން ސަރުކާރުން ވަނީ އެކަން އާންމުކޮށްފަ އެވެ. އެ ފިޔަވަޅާއެކު ކަރަންޓު ބިލުން 40 ޕަސެންޓް އަދި ފެން ބިލުން 30 ޕަސަންޓް އުނި ކުރަން ސަރުކާރުން ވަނީ ނިންމާފައެވެ. އެޕްރީލް އަދި މެއި މަހު ފޮނުވާ ބިލްތަކުގައި އެ އަދަދަށް ފައިސާ އުނި ކޮށްފައިވާނެ ކަމަށް ސަރުކާރުން ބުނެ އެވެ.
ލޯންތައް ދެއްކުން ހަ މަހަށް ފަސް
ކޮވިޑް-19 އާ ގުޅިގެން އިގްތިސޯދަށް ލިބެމުންދާ ގެއްލުން ތަކުން އަރައިގަތުމަށްޓަކައި ގައުމީ ބޭންކުގައި ހުރި ހުރިހާ ލޯނު ތަކެއް ފަސްކޮށްދޭން ވެސް ވަނީ ނިންމާފަ އެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި މި ވަގުތު އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ދިމާވެފައިވައި ދަތިތަކަށް ލުޔެއް ހޯދައި ދިނުމަށް އެ ފަރާތް ތަކުން ނަގާފައިވާ ލޯނުތަކުގެ ޕްރިންސިޕަލް އަދި އިންޓަރެސްޓް އަދަދު އަނބުރާ ދެއްކުމުގެ މުއްދަތު ވަނީ ހަ މަސް ދުވަހަށް ފަސްވެފަ އެވެ.
އެ މުއްދަތުގެ ލޯނުގެ އިންޓަރެސްޓަށްވާ ފައިސާ ލޯނުގެ އަދަދަށް އިތުރު ކުރެވިގެންދާނެތީވެ، ލޯނު އަނބުރާ ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތަށް ވެސް ހަ މަސް ދުވަސް ވަނީ އިތުރުކޮށްފަ އެވެ. މީގެ އިތުރުން ލޯނު ދެއްކުން ފަސް ކުރާ ހަ މަހަށް ފަހު ޖެހިގެން އަންނަ ހަ މަސް ދުވަހުތެރޭ ކޮންމެ މަހަކަށް ދައްކަން ޖެހޭ އަދަދު 20 ޕަސެންޓް މަދުކޮށް ދެއްކުމުގެ ފުރުސަތު ވެސް ހަމަޖައްސާފައި ވެއެވެ.
ރާއްޖޭގައި ހިންގަމުންދާ އެހެން ހުރިހާ ބޭންކަކުން ދޫކޮށްފައިވާ ލޯންތަކަށް ވެސް ލުއި ހޯދާ ދިނުމަށް ސަރުކާރުން މިހާރު ވަނީ މަސައްކަތް ފަށާފަ އެވެ.
ސްޓޫޑެންޓް ލޯން ދެއްކުން
މާލީ ދަތިތަކަށް ލުޔެއް ހޯދައި ދިނުމުގެ ގޮތުން ކިޔަވާ ކުދިންނަށް ދޫކޮށްފައިވާ ލޯނުތައް އަނބުރާ ދެއްކުން ހަ މަސް ދުވަހަށް ފަސް ކޮށްފައިވާ ކަމަށް ރައީސް ވަނީ އިއުލާނު ކުރައްވާފަ އެވެ. މަތީ ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ ތެރެއިން 4،000 އާ ގާތްކުރާ އަދަދެއްގެ ކުދީންނަކީ ލޯނު ނަގައިގެން ކިޔަވާ ކުދިންނެވެ.
ލޯން ނުނަގާ ކިޔަވަމުންދާ ދަރިވަރުންނަށް ދިމާވާ ދަތިތައް ވެސް އޮޅުން ފިލުވާ، އެ ކުދިންނަށް އެހީތެރިވެ ދިނުމަށް ވެސް ސަރުކާރުން ވަނީ މަސައްކަތް ފަށާފައިވެ އެވެ.
ބަނޑަށް ނުޖެހޭނެ ކަމުގެ ޔަގީންކަން
ކުރިއަށް އޮތީ ރޯދަ މަސް ކަމުން ދިވެހިންގެ ކެއިންބުއިމުގައި ބޭނުންކުރާ ބާވަތްތައް ހުސް ނުވެ ލިބުމަކީ އެންމެންގެ އެދުމެކެވެ. ނަމަވެސް މިހާރު މި އޮތް ހާލަތުން އެކަން އެ މަގަށް ހިނގާނެތޯ ގިނަ ބަޔަކު ސުވާލު ކުރެއެވެ.
އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން 10 މަސް ދުވަހަށް ރާއްޖެއަށް ބޭނުންވާ މިންވަރަށް ހަނޑުލާއި ހަކުރާއި ފުށް ރާއްޖެ ގެންނާނެ އެވެ. އަދި، ފަސް މަސް ދުވަހަށް ބޭނުންވާ މިންވަރަށް ފުޑް ސްޓޮކެއް ގެނައުމުގެ މަސައްކަތް ވެސް ކުރަމުން ގެންދެ އެވެ. އަދި އެހެން ބާވަތްތައް ވެސް ހުސްނުވެ ލިބޭނެ އެވެ. މޭވާއާ ތަރުކާރީގެ ބާވަތްތައް ހުސްނުވެ ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ހަފުތާއަކު އެއް ފަހަރު ނުވަތަ ދެ ފަހަރު ކާގޯ ފްލައިޓުތަކެއް ރާއްޖެއަށް ބޭއްވުމުގެ އިންތިޒާމުތައް ހަމަޖައްސާނެ އެވެ.
އިންޓަނެޓުގެ އަގު ހެޔޮ ކުރުން
ކޮރޯނާވައިރަހުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން މި ދުވަސްވަރު ގޭގައި ތިބުމަށް ސިއްހީ މާހިރުން ދަނީ އިރުޝާދު ދެމުންނެވެ. ގިނަ ވަގުތު ގޭގައި ހޭދަކުރަން ޖެހޭއިރު އެންމެ ގިނަ ބަޔަކަށް އެންމެ މުހިންމު އެއްޗަކަށް ވަނީ އިންޓަނެޓެވެ.
ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ވެސް އިންޓަނެޓްގެ އަގު އެންމެ ބޮޑު އެއް ގައުމެވެ. އެހެން ކަމުން އިންޓަނެޓްގެ އަގު ހެޔޮ ކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެއް ވެސް މެއެވެ. އެކަމަށް އަމަލީ ސިފަ އައުން އޮތީ އަދި މާ ދުރުގަ އެވެ.
ނަމަވެސް މިހާލަތުގައި އިންޓަނެޓް އަގަށް ހެޔޮ ބަދަލުތަކެއް އަންނަން ޖެހޭ ކަމަށް ރައީސް ސޯލިހް ވަނީ ވިދާޅުވެފަ އެވެ. އުފާވެރި ހަބަރު ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ލިބިގެންދާނެ ކަމަށް ވެސް އިއުލާން ކުރެއްވި އެވެ.
މަސްވެރިންނަށް ފަސޭހަ މަގެއް
ކޮވިޑް-19 ވެގެން ގޮސްފައިވަނީ ދުނިޔޭގެ ހުރިހާ ސިނާއަތްތައް ހުއްޓުވި ބަލާއާފާތަކަށެވެ. ރާއްޖޭގައި ދެވަނަ އަށް އެންމެ ފުޅާކޮށް ކުރެވޭ މަސްވެރިކަމަށް ވެސް އެކަމުގެ ހިޔަނި އެޅި އެ މަސައްކަތުން ދިރިއުޅުން ހަމަޖައްސަމުންދާ އެތައް ސަތޭކަ އާއިލާއެއް ވެސް ތިބީ ކަންބޮޑުވުމުގެ ތެރޭގަ އެވެ.
ގައުމުތައް ބަންދުވުމުގެ ސަބަބުން މަސް ބޭރު ކުރެވޭނެ ގޮތެއްނެތި، މަސްވެރިން ބާނާ މަސް ކިރޭނެ އިންތިޒާމް މުޅިން ހުއްޓިގެން ހިނގައިދާނެތީ އެވެ. މަސް ކިރުވުނު ނަމަވެސް ހަމަ އަގުގައި އަވަހަށް ފައިސާ ލިބުމުގެ މަގު ބަންދު ވެދާނެތީ މަސްވެރިން ތިބީ ކަންބޮޑުވެފަ އެވެ.
ނަމަވެސް ރައީސް ވަނީ ރާއްޖޭގައި ބާނާ މަސް އެކަށް ގަނެ ސްޓޯ ކުރެވޭނެ ވަރުގެ ކެޕޭސިޓީ އުފެއްދުމަށްޓަކައި މަސައްކަތްތަކެއްކޮށް އެކަމަށް ބަޖެޓް ވެސް ކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އޭގެ ސަބަބުން ރާއްޖޭގައި މަސް ރައްކާކޮށް، އަގު ހިފެހެއްޓޭނެ އެވެ.
އަދި މަސްވެރިންނަށް އަވަހަށް ފައިސާ ލިބޭނެ އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވެ އެވެ.
ދަނޑުވެރިންނަށް ގޮތެއް ހޯދައި ދިނުން
ދަނޑުވެރިކަން ކުރާ ދިވެހިންނަށް އެންމެ ރަނގަޅު އާމްދަނީއެއް ލިބޭ ދުވަސްވަރަކީ ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހެވެ. މިއަހަރުގެ ރޯދަ މަސް އޮތީ މަހަކަށްވުރެ ކައިރީގަ އެވެ. އެކަމަކު ކޮވިޑްގެ ނުރައްކަލާއެކު ދަނޑުވެރިން ތިބީ އެމީހުންގެ އުފެއްދުންތައް ވިއްކޭނެ ގޮތެއް ނެތިދާނެތީ ކަންބޮޑުވުމެއްގަ އެވެ.
ރައީސް ވިދާޅުވާ ގޮތުގައި ދަނޑުވެރިން ރޯދަ މަހަށް ތަކެތި ހައްދަމުންދާތީ އެ ތަކެތި މިހާރުން ފެށިގެން ވިއްކޭނެ ޕްލެޓްފޯމެއް އެސްޓީއޯ މެދުވެރިކޮށް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދެ އެވެ. އެ ޕްލެޓްފޯމްގެ ތެރެއިން ދަނޑުވެރިންނަށް ތާޒާ ކަމާއި ފަސޭހަކާއެކު އުފެއްދުންތައް ވިއްކޭނެ އެވެ.