ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

ރައީސްގެ ކަރުނަފުޅުން ދޭހަވީ ހާލަތުގެ ބިރުވެރިކަން!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ގައުމާ މުހާތަބު ކުރައްވަން ނިންމެވީ މުޅި މާލެ ބޮޑު ހާސްކަމެއްގެ ތެރޭގަ އޮއްވަ އެވެ. އެމަނިކުފާނު ގައުމާ މުހާތަބު ކުރައްވަން ނިންމެވީ ރައްޔިތުންނަށް ހާއްސަ އިލްތިމާސްތަކެއް ކުރެއްވުމަށެވެ. އެ އިލްތިމާސްތައް ކުރައްވަމުން ރައީސްގެ ބަސް ހުއްޓި ފެންކަޅިވި އެވެ. އެންމެފަހުން ކީރިތި ވެސް ކުރެއްވި އެވެ.

ރައްޔިތުން ކެތްތެރިވުމަށާއި އޯގާތެރިވުމަށް ރައީސް ރައްޔިތުންގެ ކިބައިން އާދޭހާއެކު އެދި. ވަޑައިގަތެވެ. އަނެއް މީހާއަށް އެހީތެރިވުމަށާއި ހިކުމަތްތެރިވުމަށް ވެސް ފެންކަޅިވެފައި އިންނަވައި ރައީސް ސޯލިހު އިލްތިމާސް ކުރެއްވި އެވެ. އެދިވަޑައިގެންނެވީ ގޭގައި ތިބުމަށެވެ. ސާފުތާހިރުވުމަށެވެ.

ރައީސް ސޯލިހު މިއަދު ދެއްވީ މުހިންމު މެސެޖެކެވެ. އެ މެސެޖާއެކު ރައީސް ކީރިތި ކުރައްވާ ހާލަތަށް ދިޔުމާއެކު މިހާރު ރާއްޖެ އޮތް ހާލަތާއި އޭގެ ބިރުވެރިކަން ވަރަށް ބޮޑަށް އިހްސާސް ކުރެވެ އެވެ. މި ބޮޑު ތޫފާނުގެ އިންޒާރު ސަރުކާރުންނާއި ޑޮކްޓަރުން ދެމުންގެންދާ އެތައް ދުވަހެކެވެ. އެކަމަކު، އޭގެ ސީރިއަސްކަން މިއަދާ ހަމައަށް ވެސް ގިނަ މީހުންނަށް ނުވިސްނުނީ އެވެ.

މާލޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާއަކީ އެއްވެސް ގައުމަކަށް ދަތުރުކޮށްފައިވާ މީހެއް ނޫނެވެ. އެހެންކަމުން މިއީ ރާއްޖޭގައި ކޮމިއުނިޓީ ޓްރާންސްމިޝަނެއް އޮތީ ކަމަށް ބެލެވޭ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. މުޅި މާލެ ލޮކްޑައުންކޮށް ކޮންޓެކްޓް ޓްރޭސިން ހަދަމުންދާއިރު މިހާރު ވެސް 54 މީހަކު ވަނީ އެކަހެރިކޮށްފަ އެވެ. އަދިވެސް އިތުރު މީހުން އެކަހެރިކުރުމުގެ މަސައްކަތް ކުރަމުންދާއިރު ހަތަރު ގެއެއް ހުރި ސަރަހައްދު ވަނީ އެއްކޮށް ބަންދުކޮށްފަ އެވެ.

މި ހާލަތުގައި ވެސް ރައްޔިތުންނަށް އެތައް ޔަގީން ކަމެއް ދެއްވި އެވެ. ބަލީގެ ބިރު ކިތަންމެ ބޮޑަށް އޮތް ނަމަވެސް ރައްޔިތުން ބިކަ ނުވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ. ކާބޯތަކެތި ލިބޭނެ ކަމުގެ ޔަގީންކަން ދެއްވި އެވެ. އާންމު ދިރިއުޅުމަށް ދަތިވި ނަމަވެސް ސަރުކާރުން އިންތިޒާމްތައް ހަމަޖައްސާނެ ކަމަށް ވިދާޅުވި އެވެ.

ރައްޔިތުން ބިރުން ހާސްވެ ތިބި ދަނޑިވަޅުގައި އެތައް ޔަގީން ކަމެއް އަރުވަމުން ރައީސް ސޯލިހު މިއަދު ދެއްވި ތަގުރީރާ ގުޅިގެން އެމަނިކުފާނަށް ގިނަ ބައެއް ތައުރީފު ވެސް ދަނީ ލިބެމުންނެވެ. އަދި އެކަމަނިކުފާނުގެ އާދޭހާއި އިލްތިމާސްއަށް ބޯލަނބާނެ ކަމަށް ވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އެމަނިކުފާނާއެކު ތިބިކަން ހާމަކޮށް ގޭގައި ތިބޭނެ ކަމުގެ ޔަގީންކަން ވެސް ގިނަ މީހުން ރައީސް ސޯލިހަށް ގެންދަވަނީ އަރުވަމުންނެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވީ ރައީސް ސޯލިހު ތަގުރީރު ބެއްލެވިއިރު ޖަޒުބާތީވި ކަމަށެވެ. ރައީސް ސޯލިހަށް އަރުވާ ޔަގީންކަމަކީ ސަރުކާރުން އިއުލާން ކުރާ ފިޔަވަޅުތަކަށް އަމަލުކޮށް ކެތްތެރިކަމާއެކު ތިބޭނެ ކަމުގެ ޔަގީންކަން ވެސް ރައީސް މައުމޫން ވިދާޅުވި އެވެ. ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ ރައީސްގެ މިއަދުގެ ތަގުރީރުން ދިވެހި ރައްޔިތުންނާމެދު ރައީސްގެ ހިތުގައި ލޯބި އޮތް މިންވަރު ހާމަވެގެން ގޮސްފައިވާ ކަމަށެވެ.


"ރައީސް ކީރިތި ކުރައްވާތަން ފެނުމުން ހިތުގައި ޖެހުނު، މިކަމުގައި ހުރި ބިރުވެރިކަން ވެސް އިހުސާސް ކުރެވުނު،" ޓްވިޓާގައި މީހަކު ލިޔެފައިވެ އެވެ.

އިތުރު މީހަކު ބުނީ ރައްޔިތުންގެ ރައްކާތެރިކަމަށް ފިޔަވަޅުތައް އަޅަމުން އެކަމަށް އަމަލު ކުރަން ރައްޔިތުންގެ ކިބައިން އާދޭހާއެކު އެދިވަޑައިގަންނަވާނީ ރައްޔިތުންނާމެދު އިންތިހާއަށް ވިސްނައި، އޯގާތެރި ވެރިން ކަމަށެވެ. އެހެން ބައެއް ގައުމުތަކުގެ ވެރިން ވެސް ކޮވިޑް-19އާ ގުޅިގެން ގައުމާ މުހާތަބު ކުރެއްވި ދަނޑިވަޅުތަކުގައި ކީރިތި ކުރައްވާފައިވެ އެވެ.

"ތިމާގެ ޒިންމާގެ ދަށުގައި ތިބި އެތައް ބައެއް ނުރައްކަލަކަށް ހުށަހެޅިފަ ތިބި ވަގުތެއްގައި ނުރޮވޭނީ އެ މީހެއްގެ ޒިންމާގެ ދަށުގަ ތިބި ބަޔަކާމެދު އެއްވެސް ރަހުމެއް ހިތުގަ ނެތް މީހެއް،" ޓްވިޓާގައި މީހަކު ޝުއޫރު ފާޅުކޮށްފައިވެ އެވެ.

ރައީސްގެ މިއަދުގެ ތަގުރީރުން ގިނަ ބަޔަކަށް އަސަރުތަކެއް ކުރުވިކަން ޓްވިޓާގައިވާ ގިނަ ޓްވީޓްތަކުން ހާމަވެ އެވެ. އަދި ގޭގެ ސިޓިން ރޫމްތަކުގައި ތިބި މީހުންނަށް ވެސް ރައީސް ދޭން ބޭނުންވި މެސެޖް އޭގެ އެންމެ ފުން މިނުގައި ވަނީ ދެވިފަ އެވެ. މި ބިރުވެރިކަމުގައި ރައީސް ވިދާޅުވާ ފަދައިން އޮތީ ހިކުމަތްތެރިވުމެވެ. އޭރަށް މި ބޮޑު ތޫފާނުން ރާއްޖެ ސަލާމާތްވާނެ އެވެ.