ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އާދޭހެއް: ގޭގައި ތިބޭ، ރައްކާތެރިވެ ތިބޭ!

Apr 16, 2020
10
0%
0%
0%

ގަޑިން އަށެއް ޖަހަނީ އެވެ. މާލެ ލޮކްޑައުންގައި އޮންނަތާ 24 ގަޑިއިރަށްވުރެ ގިނައިރުވީ އެވެ. އިއްޔެ އާއި މިއަދު ހެނދުނު ފެނުނު މަންޒަރާއި މިހާރު މާލެއިން ފެންނަ މަންޒަރު ވަރަށް ތަފާތެވެ. މާލޭގައި މިހާރު އޮތީ ލޮކްޑައުންއަކަށް ނުވާ ލޮކްޑައުންއެކެވެ.

އިއްޔެ މާލެ ސިޓީގެ ރައްޔިތުން ސިއްސުވާލީ މާލެ ތެރެއިން އަންހެނަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުންނެވެ. އެއްވެސް ޓްރެވެލް ހިސްޓްރީއެއް ނެތް އެ އަންހެން މީހާއާ ކޮންޓެކްޓްވި ދަރިފުޅާއި އިތުރު މީހަކު ވެސް ވަނީ ބަލީގެ ޝިކާރައަށްވެފަ އެވެ. އޭގެ އިތުރުން އޭނާއާ އެކި ގޮތްގޮތުން ކޮންޓެކްޓްވި 200 މީހުން އެބަ ތިއްބެވެ. ހައިރިސްކްގައި 82 މީހަކު އެބަ ތިއްބެވެ. މި ކޭސްއާ ގުޅިގެން 11 ގެއަކާއި ރަށެއް ލޮކްޑައުންގައި އެބަ އޮތެވެ.

މިއީ ހަމަ ކޭސްއަކާ ގުޅިގެން ނުރައްކަލަށް ހުށަހެޅިފައިވާ މީހުންގެ މަދު އަދަދެކެވެ. ނުރައްކާ އެންމެންނަށް ވެސް އެބަ އޮތެވެ. އަވަހަށް ފެތުރޭ މި ބަލިން ރައްކާތެރިވެވޭނެ އައްޑަނެއް އޮތް މީހަކު އަދި ނެތެވެ. ކުރެވެން އޮތީ ހަމަ އެންމެ ކަމެކެވެ. ޑރ. ނަޒްލާ ވިދާޅުވާ ފަދައިން މި ބައްޔަށް އޮތް ފަރުވާއަކީ އިޖުތިމާއީ ގައިދުރުކުރުމާއި ގޭގައި ތިބުމެވެ.

މިއަދު ހެނދުނު މާލެ: ގިނަ މީހުން ލޮކްޑައުންގައި ގެއިން ނުކުމެ ހެނދުނު މަޑުކުރި - އަވަސް ފޮޓޯ

ލޮކްޑައުންގެ ބިރުވެރިކަމާއެކު އިއްޔެ އެންމެން ވެސް ތިބީ ގޭގަ އެވެ. މިއަދު ހެނދުނު ވެސް މާލޭގެ މަގުތަކުން ފެނުނީ ހަމަހިމޭން ކަމެވެ. މީހެއްގެ ހިލަމެއް ނުވެ އެވެ. އެންމެން ގޭގަ އެވެ. ބަސް އަހައިގެންނެވެ. ނަމަވެސް މެންދުރުފަހު، ލޮކްޑައުންގެ މުއްދަތު އިތުރު 24 ގަޑިއިރަށް އިތުރު ކުރުމާއެކު ހާލަތު ބަދަލުވި އެވެ. ގެއިން ބޭރަށް ނުކުތް މީހުން ގިނަ އެވެ.

ބައެއް މީހުން އެހެން ގޮތެއް ނެތިގެންނެވެ. މަޖުބޫރުވެގެންނެވެ. ފިހާރަތައް ދޮށުގައި ކިޔުތައް ދަމާލީ ޑެލިވަރީއަށް އޯޑާކޮށްކޮށް ގެއަށް އެތަކަތި ނާންނާތީ އެވެ. ބިދޭސީންނަށް ކާނެ އެއްޗެއް ނެތެވެ. ބޭރަށް ނުކުތުމަކީ އެމީހުންނަށް ޒަރޫރީ ކަމަަކަށްވީ އެވެ. އެކަމަކު، ކުޅި ބަލަން ނުކުންނަ މީހުންނާއި ސިނގިރޭޓް ބޯން ނުކުންނަ މީހުން ވެސް މަގުތަކުގައި މިހާރު ވަކި މަދެއް ނޫނެވެ. ބައެއް މީހުންނަށް މިހާރު އަނެއްކާ ބިރުވެރިކަމުގެ އިހުސާސް ކެނޑިއްޖެ ކަހަލަ އެވެ. އިތުރު ކޭސްއެއް ނުފެންނަތާ ގިނައިރުވުމުން ހަނދާން ނެތުނީހެން ހީވާ ކަހަލަ އެވެ.

މިއަދު ހެނދުނު މާލެ: ގިނަ މީހުން ލޮކްޑައުންގައި ގެއިން ނުކުމެ ހެނދުނު މަޑުކުރި - އަވަސް ފޮޓޯ

މި ހާލަތުގައި ގޭގައި ތިބެން އެންމެ މުހިންމުވާ ސަބަބަކީ ތިމާގެ ފަރާތުން ލޯބިވާ މީހުންނަށް ވެސް ބަލި ފެތުރިދާނެތީ އެވެ. ކަމެއް ނެތި ބޭރުގައި އުޅެނިކޮށް ކޮންޓެކްޓްވާ މީހެއްގެ ސަބަބުން އަމިއްލަ ގެއަށް ބަލި ގެންދެވިދާނެތީ އެވެ. މުސްކުޅި މާމަ، ކާފަ އާއި ތުއްތު ދަރިން ގޭގައި އުޅޭނެ އެވެ. އެމީހުން ވެއްޓޭނީ ހައިރިސްކަށެވެ. ބަލި ޖެހިއްޖެނަމަ ފަރުވާދޭން ވެސް އުނދަގޫވެ އެތައް ތަކުލީފެއް އެމީހުން އުފުލަން ޖެހޭނެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ކީރިތި ކުރައްވަމުން ރައްޔިތުންގެ ފަރާތުން އެދުނު އެދުމުގެ މަތިން ހަނދާން ނައްތާނުލާށެވެ. މި ދަނޑިވަޅުގައި ކެތްތެރިވެ، އެކަކު އަނެއްކަކަށް އެހީތެރިވެދޭށެވެ. އޯގާތެރިވާށެވެ. ބިރުވެރިކަމުގެ މައްޗަށް ހިކުމަތްތެރިކަން އިސްކޮށްފިނަމަ، މިކަމުން ރާއްޖެ ސަލާމަތް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. މިކަމުގައި އެއްބާރުލުންދޭށެވެ. އާދޭހާއެކު ބުނަމެވެ. ގޭގައި ތިބޭށެވެ. ރައްކާތެރިވެ ތިބޭށެވެ.

10 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910