ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ލޮކްޑައުން: ބިދޭސީން ހަދާނެ ގޮތް ނޭނގި މަގުމަތީގައި!

މާލޭ ސިޓީގެ ލޮކްޑައުން އިތުރު ކުރުމާއެކު މާލޭގައި ދިރިއުޅޭ ބިދޭސީންގެ މެދުގައި ނުތަނަވަސްކަން އިތުރުވެ، ހަދާނެ ގޮތް ނޭނގި އުޅެން ފަށައިފި އެވެ.

ލޮކްޑައުންގެ މުއްދަތު އިތުރު ކުރުމާ ގުޅިގެން ގިނަ ބިދޭސީންތައް މަގުތައް މައްޗަށް ނުކުތެވެ. އަދި ފިހާރަތައް ދޮށުގައި އެމީހުން ކިޔުތައް ދަމާލި އެވެ. ބަންދު ބޯޑު އަޅުވައިގެން ގިނަ ފިހާރަތަކުން ވިޔަފާރި ކުރެ އެވެ.

ކިޔު ދަމާލާފައި ބިދޭސީން ގިނަ ފިހާރަތައް ދޮށުގައި ތިބިއިރު އޭގެ ތެރޭގައި މިއަދު އަދި ކާނެ އެއްޗެއް ނެތިފައި ތިބި މީހުން ވަރަށް ގިނަ އެވެ. ކިޔުއެއް ހުއްޓަސް ފިހާރަތަކުން ބޮޑަށް އިސްކަން ދެނީ ދިވެހިންނެވެ. ބިދޭސީން ޖެހެނީ ފަހަތަށެވެ.

"ކަލޭމެން އިހަށް ފަހަތަށް ޖެހިލާ، މި މީހުން (ދިވެހިން) ނިމުނީ ގޮވާނަން،" މިއީ މިއަދު ހަވީރު ފިހާރައެއްގައި ހުރި ބިދޭސީ ސޭޓަކު އެހެން ބިދޭސީންއާ ދިމާލަށް ބުނި ގޮތެވެ.

ބައެއް ފިހާރަތައް ދޮރުމަތީ ތިބެގެން ބިދޭސީން އާދޭސް ކުރާ މަންޒަރު ވެސް ފެނެ އެވެ. ނަމަވެސް ގިނަ ފަހަރަށް އެމީހުންނަށް އެއްވެސް ބަޔަކު ސަމާލު ކަމެއް ނުދެ އެވެ. އެތައް އިރަކު ކިޔުގައި ތިބުމަށްފަހު ވެސް ދާން ޖެހެނީ ހުސް އަތާ އެވެ. ނުރުހުމާއި ދަށްކޮށްލުމުގެ ބަސްތައް ވެސް ބައެއް ދިވެހިންގެ ފަރާތުން އެމީހުންނަށް ރައްދު ކުރެ އެވެ.

"އަހަރެމެންނަށް ނޭނގެނީ ޑެލިވަރީ ކުރެވޭ މީހުންގެ ނަންބަރު، އޯޑަރު ކުރަން ހަދާނެ ގޮތެއް، ގޭގައި ކެއްކެން ވެސް ނެތީ، އެހެންވީމަ ފިހާރައިން އެއްޗެހި ގަންނަން މަޖުބޫރު ވަނީ،" ކިޔުއެއްގައި ހުރި ބިދޭސީއަކު ބުންޏެވެ.

އަނެއް ކޮޅުން ގިނަ ޑެލިވަރީ ހިދުމަތްތައް ދެނީ 100 ނުވަތަ 200 އަށްވުރެ މަތިން ވިޔަފާރި ކުރާނަމަ އެވެ. ބައެއް ފިހާރަތަކުން 500 ރުފިޔާއިން މަތީގެ ވިޔަފާރިއަކަށް ނޫނީ ޑެލިވަރީ ކޮށެއް ނުދެއެވެ. ކޮންމެ ބިދޭސީއަކަށް އެވަރަށް ވިޔަފާރި ކުރެވެން ނެތްކަން ވެސް އެމީހުން ބުނެ އެވެ.

ފިހާރަތައް ދޮށުގައި ބިދޭސީން ހަދާނެ ގޮތެއް ނޭނގިގެން އުޅުނުއިރު އެ ސަރަހައްދު ބެލެހެއްޓުމަށް އުޅޭ ފުލުހުން ވެސް އެމީހުން ގެއަށް ދާން މަޖުބޫރުކޮށްފައެއް ނުވެ އެވެ. ނަމަވެސް ފުލުހުން ވަނީ އަވަހަށް ކާއެއްޗެހި ހޯދައިގެން ގެއަށް ވަނުމަށް އިރުޝާދު ދީފަ އެވެ.

"ކިހިނެއް ގެއަށް ދަނީ، ކާނެ އެއްޗެހި ނުލިބެނީ، ފިހާރައިން ނުލިބެނީ އެއްޗެހި، ދެން ކިހިނެއް ހަދަނީ،" ގޮތް ހުސްވެ ތިބި އެ އެންމެންގެ ވެސް ޝަކުވާތައް ހުރީ މިހެންނެވެ.

މާލޭގައި ލޮކްޑައުން އިއުލާން ކޮށްފައިވާއިރު ގިނަ ބަޔަކު ވަނީ ޑެލިވަރީ ހިދުމަތަށް ބަރޯސާވާން ޖެހިފަ އެވެ. އެހެންކަމުން ޑެލިވަރީ ކުރާ ފަރާތްތަކަށް ބާރުބޮޑުވެ ޑެލިވަރީތައް ވަނީ ލަސްވެފަ އެވެ. އިންތިޒާމްތައް މިހެންހުރެ، ދިވެހިންނަށް ވެސް ގިނަ ދަތިތަކެއްވަމުންދާއިރު ވަރަށް ނިކަމެތިކޮށް އުޅެމުންދާ ބިދޭސީންގެ ހާލަތު ދަނީ އިތުރަށް ގޯސްވަމުންނެވެ. އެމީހުންނަށް ރަނގަޅު އިރުޝާދާއި މައުލޫމާތު ފޯރުކޮށްދެވިފައެއް ނެތެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވިދާޅުވި ފަދައިން މި ހާލަތަކީ އެކަކު އަނެއްކަކަށް އޯގާތެރިވެ އެހީތެރިވާންވީ ވަގުތެވެ. އެކަން ދިވެހިން ދިވެހިންނަށް އަދާކޮށްދެމުންދާއިރު މީގައި ބިދޭސީން އިސްތިސްނާކޮށްގެން ނުވާނެ އެވެ. އެމީހުންގެ ދަތިތަކަށް ލުއިއެއް ދިނުމަށް ވެސް އެހީތެރިކަން ފޯރުކޮށްދޭން ޖެހެ އެވެ.