ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ބިޒީ ދުވަހަކަށްފަހު، ރަށްތައް ހިމޭންވެފައި

ރޭ ދަންވަރު ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން އެންގި އެންގުމާއެކު މިއަދު ބައެއް ރަށްރަށަށް ވެގެން ދިޔައީ ވަރަށް ބިޒީ ދުވަހަކަށެވެ. އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށް މިހާރު މުޅި ރާއްޖެ އޮތީ ލޮކްޑައުންގަ އެވެ. އެ ހާލަތަށް ދިޔުމުގެ ކުރިން އެންމެން ވެސް އެމީހަކަށް ކުރެވެން އޮތް ވަރެއް ކުރި އެވެ.

ކުދި ރަށްރަށުން މިއަދު މީހުން ފުރައިގެން ކައިރީގައި އޮތް އިގުތިސޯދީ ގޮތުން ތަރައްގީ ރަށްރަށަށް ދިޔަ އެވެ. ގެއަށް ބޭނުންވާ ކާއެއްޗެއްސާއި އެހެން ވެސް ތަކެތި ގަނެ ރައްކާކުރަން އެންމެން އަވަސްވެ ގަތެވެ. އެގޮތުން ހދ. ކުޅުދުއްފުއްޓާއި ގދ. ތިނަދޫއަކީ މިއަދު އެންމެ ބިޒީވި ދެ ރަށެވެ.


ކުޅުދުއްފުއްޓަށް މިއަދު ވަނީ ފެރީތަކުގައި އާއި ލޯންޗުތަކުގައި ހއ.އިން ފެށިގެން ށ. އަތޮޅާ ހަމައަށް އޮތް ރަށްރަށުގެ މީހުން ޖަމާވެފަ އެވެ. ފިހާރަތަކުގައި ދިގު ކިޔުތަކެއް އޮތެވެ. ތޮއްޖެހި ފިހާރަތަކަށް ނުކަތާވަރުވި އެވެ. ބައެއް ބާވަތްތައް ވެސް ފިހާރަތަކުން ހުސްވި އެވެ. ތިނަދޫ އަދި އެހެން ވެސް ވެރިކަން ކުރާ ބައެއް ރަށްރަށުގެ ހާލަކީ މިއީ އެވެ.

"ވަރަށް ގިނަ މީހުން ޕެނިކް ބައިންގައި ފިހާރަތަކުގައި އުޅުނު، ފިހާރަތައް ހަމަ މީހުންނާއިގެން ފުރުނު،" ލ. ގަމުން ވާހަކަ ދެއްކި މީހަކު ބުންޏެވެ. "ހަޔެއް ޖަހަން ކައިރިއިރު ވެސް މީހުން އެއްޗެހި ގަންނަން ވަރަށް ގިނައިން އުޅުނު، އެކި ރަށްރަށުން ވެސް ގިނަ މީހުންތަކެއް މިއަދު އައި،" ތިނަދޫގައި މަސައްކަތް ކުރާ ފުލުހަކު ބުންޏެވެ.

"ފުވައްމުލަކުގައި މިއަދު މީހުން އެއްޗެހި ގަތް މިންވަރު ގިނަ ކަމުން ބައެއް އެއްޗެހި ފިހާރަތަކުން ވަނީ ހުސްވެފަ، ފިހާރަތައް ހެނދުނު ހެނދުނާ ފުރުނު،" އެ ސިޓީއިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

މިއަދު އިރުއޮއްސި ހައެއް ޖެހުމާއެކު މި ރަށްރަށުގެ މަންޒަރު އެއްކޮށް ވަނީ ބަދަލުވެފަ އެވެ. އެކި ރަށްރަށުން އެރި މީހުން ފުރައިގެން ދިޔަ އެވެ. ރަށްރަށުގައި މީހުން ގެތަކަށް ވަނެވެ. އެޗްޕީއޭއިން ވަނީ ޒަރޫރީ ބޭނުމެއްގައި ނޫނީ ގެއިން ނުނުކުތުމަށް އިލްތިމާސްކޮށްފަ އެވެ. ނަމަވެސް މަޖުބޫރެއް ނުކުރެ އެވެ. މި އިލްތިމާސްގެ އަޑު ގިނަ ރަށްރަށުން އަހާ މަންޒަރު އަދި ދަނީ ފެންނަމުންނެވެ.


"މިވަގުތު މަގުތަކުގައި މީހުން އުޅޭ މިންވަރު ވަރަށް މަދު، މަގުތައް ހަމަ އޮތީ ހިމޭންވެފައި،" ލ. ފޮނަދޫގެ މިހާރުގެ ހާލަތު ކިޔައިދިނެވެ. ތިނަދޫ އާއި ކުޅުދުއްފުށި ފަދަ އެހެން ބޮޑެތި ރަށްތަކުން ވެސް މިހާރު ފެންނަނީ ހަމަ އެއް މަންޒަރެވެ.

އާބާދީ ކުދި، ވަސީލަތްްތައް މަދު ރަށްރަށު މީހުން، މިއަދު ގަނެގެން ގެނައި އެއްޗެއްސާއެކު ވަނީ ގެއަށް ވަދެފަ އެވެ. ނަމަވެސް ގިނަ ދުވަހު އެހެން އުޅެންވެއްޖެނަމަ ދަތިވާނެ ކަމަށް އެމީހުން ދަނީ ބުނަމުންނެވެ. އެޗްޕީއޭއިން ވަނީ ކޮންމެ ރަށެއްގައި ވެސް ކާބޯތަކެއްޗާއި އެހެން ވެސް ބޭނުންވާ ތަކެތި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ޒިންމާ ކައުންސިލްތަކާ ހަވާލުކޮށްފަ އެވެ.


މާލެ ސިޓީއިން ކޮވިޑް-19 އަށް ޕޮޒިޓިވް އަށް މީހަކު ފެނިފައިވާއިރު މިހާރު ވަނީ މުޖުތަމައުގެ ތެރޭގައި ބަލި ފެތެރެމުންދާކަން ޔަގީން ކުރެވިފަ އެވެ. އަދި ޕޮޒިޓިވްވި ބައެއް މީހުންނާ ކޮންޓެކްޓްވި ފަރާތްތައް އެކި ރަށްރަށުގައި ވެސް އެބަ ތިއްބެވެ. އެހެންވެ މި ވަގުތަކީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި، ގޭގައި ތިބެން މަޖުބޫރުވެފައިވާ ދަނޑިވަޅެކެވެ. ދަތިވާނެ އެވެ. އެކަމަކު، ގޭގައި ތިބޭށެވެ.