ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މާލޭގެ ކޭސްތަކާއެކު ބަލީގެ ބިރުވެރި އަންދާޒާތަކެއް

Apr 17, 2020
2

ކޮވިޑް-19އަށް މާލެއިން ޕޮޒިޓިވްވި ކޭސްތަކާއެކު، މިވަގުތު ހުރި ހާލަތުގައި ރާއްޖޭގައި އެބަލި ފެތުރިގެންދާ މިންވަރު އިންތިހާއަށް އިތުރުވެގެންގޮސް، އެ ހުރިހާ އެންމެންނަށް ފަރުވާނުދެވެނޭކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެކުލަވާލި އާ އަންދާޒާތަކުގައި ބުނެފި އެވެ.

ޕަބްލިކް ހެލްތުގެ ތަޖުރިބާކާރެއްކަމަށްވާ ޑރ. ޝީނާ މޫސާ މިރޭ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި ނޫސްވުވެރިންގެ ބައްދަލުވުމުގައި ވަނީ މާލެއިން ފެނުނު ކޭސްތަކާއެކު ކުރެވުނު އަންދާޒާތައް އާއްމުކުރައްވައިފަ އެވެ.

މިހާރު ހުރި ޓްރެންޑަށް ބަލާއިރު، ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި ބަލިޖެހޭ މީހުންގެ އަދަދު ގިނަވެ، އަދި އޭގެ ތެރެއިން އެޑްމިޓުކުރަންޖެހޭ މީހުންގެ އަދަދުވެސް ވަރަށް ބޮޑަށް އިތުރުވެގެންދާނެކަމަށް އޭނާ ވިދާޅުވި އެވެ. ޑރ. ޝީނާ ވިދާޅުވި ގޮތުގައި، ޖުމްލަ 100،000 އެއްހާ މީހުނަށް ބަލިޖެހޭނެކަމަށް އަންދާޒާކުރެވޭ ކަމަށެވެ. އެއާއެކު އެ ހުރިހާ އެންމެންނަށް ފަރުވާދެވޭނެ ގާބިލުކަމެއް ރާއްޖޭގެ ސިއްހީ ނިޒާމުގައި ނެތް ކަމަށެވެ.

"އެހާ ގިނަ މީހުނަށް ފަރުވާދެވޭނެ ކެޕޭސިޓީއެއް ނެތް. އެ އަދަދަށް ވެންޓިލޭޓަރު، އޮކްސިޖެން، ޑޮކްޓަރުންނާއި އަދި ނަރުހުން ނެތީމާ، އެ ހުރިހާ އެންމެނަށް ފަރުވާ ނުދެވިދާނެއޭ. މިހާރު ހުރި ޓްރެންޑުގައި 21 ވަނަ ދުވަހާ ހަމައަށްދާއިރު، އެކަން ކުރާނެ ކެޕޭސިޓީއެއްނެތް. އެގޮތުން ބަލާއިރު، 2،000 އެއްހާ މީހުން މަރުވެގެން ދިއުމުގެ ފުރުސަތު ބޮޑު،" ޑރ. ޝީނާ ވިދާޅުވި އެވެ.

ޑރ. ޝީނާ ވިދާޅުވި ގޮތުގައި، މިހާރު އަންދާޒާތައް ބަދަލުކޮށްފައިވަނީ، މުޖުތަމައުގެ ތެރޭގައި ބަލިފެތުރިގެން ދިޔުމުން ގައިދުރުކުރުން ފަދަ ފިޔަވަޅުތަކަށް ތަބާވާ މިންގަނޑު 50 ޕަސަންޓަށް ދަށްކޮށްގެން ކަމަށެވެ.

އެގޮތަށް ބަލާއިރު، ކުރިއަށް 30 ދުވަހުގެ ތެރޭގައި ބަލިޖެހޭ މިންވަރު ޕީކަށް ދިޔުމުގެ ފުރުސަތު ބޮޑުކަމަށާއި، އެ ހާލަތު ބަދަލުކުރުމަށް ރައްޔިތުންގެ ކިބައިން ވަރަށް އާދޭހާއެކު ޑރ. ޝިނާ މިރޭ ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.

"މިހާރު ހުރި ޓްރެންޑުން އެއް މަސް ދުވަހުގެ ތެރޭގައި ޕީކަށް އެބަދޭ. އޭގެ މާނައަކީ ރޯދަ މަހުގެ ތެރޭގައި އެންމެ ބޮޑަށް މި ބަލި ފެތުރިގެންދާނީ. ހެލްތު ސިސްޓަމުގެ އެވަރުގެ ކެޕޭސިޓީއެއްނެތޭ މި ދަންނަވަނީ. އަޅުގަނޑުމެންގެ އުއްމީދަކީ އަހަރެއްހާ ދުވަހަށް މި ބަލި ފެތުރޭ މިންވަރު ދަންމާލުން،" ބްލޫ ލައިނަށް ނުވަތަ ފިޔަވަޅުތަކަށް ތަބާވާ މިންވަރު 75 ޕަސަންޓަށް މަތިކުރަން މަސައްކަތް ކުރަންޖެހޭ ސަބަބު ސާފުކޮށްދެއްވަމުން ޑރ. ޝީނާ ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ވައިރަހާގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވި ގޮތުގައި، މިހާލަތަށް ރާއްޖެ ވެއްޓުނީވެސް ކަމާބެހޭ މާހިރުން ލަފަޔާއި އިރުޝާދުތަކަށް ބޯނުލެނބުމުން ކަމަށެވެ. ނަމަވެސް، މިހާރު މި ބަލިން ރާއްޖެ ސަލާމަތް ކުރުމަށް އެ އެންގުންތަކާ އެއްގޮތަށް އަމަލުކުރުން ނޫން އިތުރު އެއްވެސް ގޮތެއް ނެތް ކަމަށް މަބުރޫކު ވިދާޅުވި އެވެ.

"މިވަގުތު ކުރެވެން އޮތްކަމަކީ މި ބަލިން ރާއްކާތެރިވުމަށް އެޅޭނެ އެންމެ ރައްކާތެރި ފިޔަވަޅުތައް އެޅުން. ކުރެވެން ހުރި ހުރިހާކަމެއް ކުރެއްވުން. މިއީ ހަޔާތުގައި ދިމާވާނެ އެންމެ ބޮޑު އިމްތިހާނު. އަދި މިހާރު ކަންކުރާ ގޮތުން އެތައް ބައެއްގެ ފުރާނަ ގެއްލިދާނެ. މަސައްކަތް ކުރަންޖެހޭ ބަލިޖެހޭ މީހުންގެ އަދަދު މަދުކުރުން. އަދި ނޫރޮނގާ ދިމާލަށް ދަތުރުކުރެވި، އަދިވެސް ބަލި ޖެހޭ މީހުނަށް ސިއްހީ ފަރުވާ ދެވޭ ހިސާބަށް ދެވިދާނެ،" މަބުރޫކު އިލްތިމާސް ކުރެއްވި އެވެ.

އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވި ގޮތުގައި، ލޮކްޑައުންގެ ހާލަތުގައި މަގުމަތީގައި ނޫޅެވުނަސް، އެއް އިމާރާތެއްގައި ދިރިއުޅޭ މީހުން އަދިވެސް ބައްދަލުވެ، ދިމާވަމުންދާ ކަމަށެވެ.

"ކުރިއަށް އޮތް މަދު ދުވަސްތަކުގެ ތެރޭގައި 19،000 ކޭސްތޯ ނޫނީ 29 ކޭސްތޯ ފެންނާނީ، އޮތީ ހަމަ ތި ބޭފުޅުންގެ އަތްމަތީގައި،" ގައިދުރުކުރުމުގެ އުސޫލުތައް އިހުތިޔާރުކުރަން އިލްތިމާސް ކުރައްވަމުން ޑރ. ނަޒްލާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ އިތުރަށް ވިދާޅުވީ މިހާރު އަތޮޅު ތެރޭގައި އެ ރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށްފައިވާއިރު، ރަށްރަށުގައިވެސް ބޭނުމެއްނެތި މަގު މައްޗަށް ނުކުމެ، ގިނަ މީހުނާ ބައްދަލުނުވެ، ގޭގައި މަޑުކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން ހިތާމަކުރަން މިހާރު ކުރެވޭ ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތުގެ ތެރެއިންވެސް ދަތުރު ދިޔުމާއި، ބަލި މީހުނަށް ގޮވާލަންދިޔުން ފަދަ ކަންތައްތައް ކޮށްފައިވާކަން ފާހަގަކުރެވޭތީ. އަޅުގަނޑުމެން ކުރިންވެސް ބުނިން ރަށު ތެރޭގައިވެސް ނޭނގި އުޅެފާނެއޭ. އެހެންވީމާ، ރަށްރަށުގައި ލޮކްޑައުންނެތަސް ބަލި ޖެހިފައިހުރި މީހަކު އެނގުމުގެ ކުރިން ދިމާވާ މީހުން މަދުކޮށްގެން ގޭގަ ތިބުން އެންމެ މުހިއްމުކަމަކީ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

މާލޭގައި ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 48 ގަޑިއިރުގެ ތެރޭގައި އަށަކަށް އަރައިފަ އެވެ. އެ ބައްޔަށް ފުރަތަމަ ޕޮޒިޓިވްވި ތިން މީހުނާ އެކި ގޮތް ގޮތުން ބައްދަލުވި މީހުންގެ އަދަދު ވަނީ 300 އަށް ވުރެ މައްޗަށް އަރައިފަ އެވެ. ނަމަވެސް، އެންމެ ފަހުން އެ ބައްޔަށް ޕޮޒިޓިވްވި ދެ މީހުންނަކީ ކުރިން ޕޮޒިޓިވްވި މީހުނާ އެއްވެސް ގުޅުމެއްނެތް ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގޭކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

އެ އެންމެންނާ ބައްދަލުވި މީހުނާ ގުޅުންހުރި 50 އަށް ވުރެ ގިނަ ގެއެއް މިހާތަނަށް ލޮކްޑައުންކޮށް، އޭގެ ތެރެއިން ގިނަ މީހުން ޓެސްޓު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.