ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ހަތް މިނެޓުން 74 މީހުން، ސާބަސް ހަމަ!

އެންމެ ހަތް މިނެޓް ތެރޭގައި ލޮކްޑައުން ކޮށްފައި އޮތް މާލެ ތެރެއިން 74 މީހަކު ހައްޔަރު ކޮށްފި އެވެ. މިއީ އާދައިގެ ވާހަކައެއް ނޫނެވެ. ބަސްނާހާ، ދޭ އިންޒާރުތަކަށް ބެލުމެއް ނެތް ކަމުގެ ސީދާ އަލިގަދަ ހެއްކެކެވެ.

މާލޭގައި މީހުން ގެއިން ބޭރަށް ނުކުމެ އުޅުން މަނާކޮށް އިއުލާންކޮށްފައި އޮތް ލޮކްޑައުން 14 ދުވަހަށް ދަންމާލީ ބުރާސްފަތި ދުވަހެވެ. އޭގެ ކުރީ ދެ ދުވަހުގެ ލޮކްޑައުންގައި ވެސް ފުލުހުން މީހުންނާމެދު އަމަލު ކުރަމުން ދިޔައީ ހަރުކަށި ކަމެއް ނެތި އެވެ. އާ ކަމަކަށްވެފައި ހާސްކަމެއްގައި ރައްޔިތުން ތިބުމުން ފިޔަވަޅުތަކެއް ނޭޅީ އެވެ.

ފުރަތަމަ ދެ ދުވަހު އިންތިޒާމްތައް ހުރި ގޮތުން މީހުން މަގުމައްޗަށް ނުކުންނަން ވެސް މަޖުބޫރުވީމަ އެވެ. އެކަމަކު، އެކަންކަމަށް ހައްލު ގެންނަން ދަނީ މަސައްކަތް ކުރަމުންނެވެ. ޑެލިވަރީގެ ހިދުމަތް ބޮޑު ތަނުން ވަނީ ރަނގަޅުކޮށްފަ އެވެ. އެކަމުގައި 24 ގަޑިއިރު އެތައް ބަޔަކު އެބަ އުޅެ އެވެ. އަދިވެސް ދަތިތައް ހުންނާނެ އެވެ. އުނދަގޫވާނެ އެވެ.

ފުލުހުން ދޭން ފެށި ލުޔާއެކު އެއްވެސް ބޭނުމެއް ނެތި މަގުތަކަށް ނުކުންނަ މީހުން ވެސް ގިނަވާން ފެށި އެވެ. އަނގަ ތަޅާލައި، ކުޅި ބަލަން ނުކުންނަ މީހުން ހަމަ ވަރަށް ގިނަ އެވެ. އެކަމާ ހުރެ އިއްޔެ ހަވީރުން ފެށިގެން މާލޭ ތެރޭގައި ފުލުހުން އަޑުގަދަކުރާއިން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދެމުންދިޔަ އެވެ. އެތައް ފަހަރަކު، އެތައް ތާކު އެ އިންޒާރު ދިނެވެ. ރޭގެ 8:30 އަށްފަހު ފިޔަވަޅު އަޅާނެ ކަމުގެ ހަރުކަށި މެސެޖު މާލެ ތެރެއަށް ގުގުމާލި އެވެ.

ގަޑިން 8:30ވީ އެވެ. ކަންފަތަށް އަޑު ނީވުނު މީހުން އެ އުޅެނީ އެވެ. ބިދޭސީންނާއި ދިވެހިން ވެސް ހިމެނޭ ގޮތަށެވެ. އެންމެ ފަހުން ފުލުހުންނަށް ޖެހުނީ ހައްޔަރު ކުރުމުގެ ހަރުކަށި ފިޔަވަޅު ތަންފީޒު ކުރާށެވެ. ގަޑިން 8:37 ހިނގީ އެވެ. އޭރަށް ޖުމްލަ 74 މީހަކު ހައްޔަރު ކުރަން ޖެހުނީ އެވެ. ބޮޑުވަރެވެ. މާބޮޑަށް ވެސް ބޮޑުވަރެވެ. އަދި ރެއިން ފެށިގެން މިހާތަނަށް ހައްޔަރުކުރި ޖުމްލަ އަދަދެއް ނުބުނެ އެވެ. އުޅޭނެ އަދަދެއް ވެސް ނޭނގެ އެވެ.

މި އަދަދު މިހާ މަތިއިރު، ކޮވިޑް-19 އަށް މާލެ ތެރެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. ކުރިއަށް 14 ދުވަހަކީ ބިރުވެރި 14 ދުވަސް ކަމަށް އެދަނީ ބުނަމުންނެވެ. މިހާރު މިއުޅޭ އުޅުން ބަދަލުނުކޮށްފިނަމަ އެތައް ބަޔަކު މަރުވެގެންދާނެ ކަމުގެ އިންޒާރު އެވަނީ ދީފަ އެވެ. ދޭނެ ފަރުވާއެއް، ފަރުވާ ކުރާނެ ބަޔަކު ވަސީލަތްތަކެއް ނެތްކަން ރޭ އެވަނީ އިއުލާންކޮށްފަ އެވެ. އަދިވެސް ހަމަ ބިރެއް ނެތި އުޅެނީ ހެއްޔެވެ؟ ނޫންނަމަ މިވަގުތަށް ދަތީގައި ނަމަވެސް ގޭގައި މަޑުކޮށްލާނީ ހެއްޔެވެ؟

ރާއްޖޭގައި ކޮވިޑް-19 ހާލަތު މި ދަރަޖައަށް ދިޔައީ ވެސް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވި ފަދައިން އަމިއްލަ އިހުމާލުންނެވެ. ގެއިން ބޭރަށް ނުގޮސް ތިބޭށޭ ބުނުމުން އެއްވެސް ފިކުރެއް ނެތި ޕާޓީތަކާއި މަސް ދަތުރުތައް ދިޔައީމަ އެވެ. އެންމެ ފަސް ދުވަހުން 200 އަށްވުރެ ގިނަ މީހުންނާ ކޮންޓެކްޓްވެފަ ހުރީމަ އެވެ. ކޮންޓެކްޓް އަދަދު އެހާ ގިނައިރު މިހާރު މާލެ ތެރޭގައި ޕޮޒިޓިވް 100 އެއްހާ ކޭސް އުޅޭނެ ކަމަށް ވެސް ދިރާސާތަކުގައި އެވަނީ ލަފާކޮށްފަ އެވެ.

އެހެންވީއިރު ބަލީގެ ނުރައްކާ ނެތް ހަމަ އެއްވެސް މީހަކު މިހާރަކު ނެތެވެ. އެންމެން ވެސް ނުރައްކަލަށް ހުށަހެޅިފަ އެވެ. ގެއިން ބޭރަށް ނުކުމެ ތިހެން އުޅެފައި ދެން ގެއަށް ވަދެވޭނީ ބަލި ހިފައިގެން ކަމަށް ވެސް ވެދާނެ އެވެ. މުސްކުޅި ކާފަ، މާމަ އާއި ތުއްތު ދަރިން ތިބީ ގޭގަ އެވެ. އެމީހުންނާމެދު ވިސްނާށެވެ. ތިމާއަށް ބަލިން ފަސޭހައިން ރަނގަޅުވެވުނަސް އެމީހުން އުފުލާނެ ތަކުލީފާމެދު ވިސްނާލާށެވެ. ހެޔޮ ނުވާނެ ދެން ވެސް ގޭގައި ތިބޭށެވެ.