ރިޕޯޓް

ސަރުކާރުގެ ރަނގަޅު 730 ދުވަސް

Nov 17, 2020
7

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ 730 ދުވަސް ފުރިހަމަވީ އެވެ. ވެރިކަމުގެ ފުރަތަމަ ދެ އަހަރު ނިމިގެން ދިޔައީ އެވެ. ކާމިޔާބު ދެ އަހަރުގެ ގޮތުގައެވެ. ތަރައްގީ އާއި ހަމަޖެހުން ގެނުވި ދެ އަހަރެވެ. މި މުއްދަތުގައި 382 މަޝްރޫއެއް ވަނީ ފެށިފަ އެވެ. މިއީ ވެރިކަމުގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި ސަރުކާރަކުން އެންމެ ގިނަަ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދެވުނު ފަހަރެވެ.

މިހާތަނަށް ފެށުނު 382 މަޝްރޫއުގެ ތެރެއިން 154 މަޝްރޫއެއްގެ މަސައްކަތް ދަނީ ކުރިއަށެވެ. 62 މަޝްރޫއެއްގެ މަސައްކަތް ވަނީ މުޅިން ނިމިފައެވެ. 66 މަޝްރޫއެއް ޓެންޑާ ކޮށްފައިވާއިރު 90 މަޝްރޫއެއް ވަނީ އެވޯޑް ކޮށްފައެވެ. އަދި ޑިޒައިން މަރުހަލާގައިވެސް 10 މަޝްރޫއެއްވެއެވެ.

މީގެ ތެރޭގައި ފެނާއި ނަރުދަމާގެ 36 މަޝްރޫއެއް ހިމެނެއެވެ. ބަނދަރު/ޖެޓީ ހެދުމާއި އަޕްގްރޭޑް ކުރުމުގެ 68 މަޝްރޫއު ހިމެނެއެވެ. ބިން ހިއްކުމުގެ ތިން މަޝްރޫއު މިހާރުވެސް ކުރިއަށް އެބަދެއެވެ. މަގު ހެދުމުގެ 12 މަޝްރޫއެއް ފެށި ހިނގަމުންދާއިރު 8 މަޝްރޫއެއް އޮތީ ޑިޒައިން މަރުހަލާގައެވެ. ގޮނޑުދޮށް ހިމާޔަތް ކުރުމުގެ 13 މަޝްރޫއު އަދި ސިއްހީ ހިދުމަތާއި ގުޅުންހުރި 28 މަޝްރޫއެއް ފެށިއްޖެއެވެ. ތައުލީމީ ދާއިރާއާ ގުޅުންހުރި 41 މަޝްރޫއަކާއި ކުޅިވަރުގެ ދާއިރާގެ 111 މަޝްރޫއެއް އެކި މަރުހަލާތަކުގައިވެެއެވެ. މިހެން ގޮސް ކިތަންމެ މަސައްކަތެކެވެ. މިއަދު ފެށޭ ވެރިކަމުގެ ތިންވަނަ އަހަރަކީ ބޮޑެތި މަޝްރޫއުތަކުގެ ފެށުން ފެނިގެންދާނެ އަހަރެކެވެ.