ރިޕޯޓް

ދައްޕަރަށް ނޫމަޑިއެއް އަރާފާނެ!

ދައްޕަރު ތާރީހާއި އެރަށް ނެގި ސަބަބުގެ ވަށައިގެންވާ ވާހަކަތަކުގެ މައްޗަށް ބަލައި އަވަސް އިން ހަދާފައިވާ ވީޑިއޯއެއް-- މުހައްމަދު ހުމާމް އަހުމަދު | އަވަސް

ބޮޑު މިނުގައި ގާތްގަނޑަކަށް ވިއްސަކަށް ހެކްޓަރު ހުންނަ ހދ. ދައްޕަރު މިހާރު ވަނީ ރާއްޖޭގެ އޮތް އެންމެ އަގު ބޮޑު ރަށަށެވެ. އަގު ބޮޑު "ތެޔޮ ވަޅަ" ކަށެވެ. ފަޅު ރަށެއްގެ ގޮތުގައި އޮތް ނަމަވެސް އެންމެން އެ ރަށެއްގެ ވާހަކަ ދައްކާ އެއް ރަަށެވެ. ސަބަބަކީ މި ރަށުގައި ފަށަން ސަރުކާރުން ތައްޔާރުވާ މަސައްކަތް ހާއްސަ ވުމެވެ. ރާއްޖޭގެ ޓޫރިޒަމްގެ އެންމެ އަގު ބޮޑު ވިޔަފާރި ކަމަށްވާ "ވިލާ ވިއްކަން" މި ރަށް ހާއްސަ ކުރުމުގެ ވިސްނުމެއް ސަރުކާރުން ގެންގުޅެ އެވެ.

ލާމަރުކަޒީ ވެރިކަމަށް ވަކާލާތު ކުރަމުން އައި ސަރުކާރުން ކުއްލިއަކަށް ހއ. ފިއްލަދޫގެ ރައްޔިތުންގެ އިހުތިސޯސުން ދައްޕަރު ބޭރު ކުރުމުގެ ބޮޑު ނިންމުން ނިންމީ ވެސް އެހެންވެ އެވެ. ހއ. އަތޮޅުގެ އެއް ބިތުގައި އޮންނަ ރީތި ދައްޕަރުން ވިލާ ވިއްކަން ނުވަތަ "ރިއަލް އެސްޓޭޓް ޓޫރިޒަމް" އަށް މުހިންމު ވަނީ ކީއްވެގެން ހެއްޔެވެ؟ މި ރަށް ބަޔަކަށް ދޭން ވިސްނުމުގެ އެޖެންޑާއެއް ސަރުކާރުގެ ބޮލުގައި އޮތީ ހެއްޔެވެ؟

ދައްޕަރު ސަރުކާރުން ނެގުމާއެކު ހިލާފު އުފެދި އަރައިރުންތަކެއް ފެށިފައިވާއިރު، ސަރުކާރުގެ ތަރުޖަމާނު މަބުރޫކް އަޒީޒް ވިދާޅުވާ ގޮތުގައި މި ރަށް ހާއްސަ ކުރަން ސަރުކާރުން ވިސްނަނީ ރާއްޖޭގެ ޓޫރިޒަމްގައި ތަޖުރިބާކޮށްފައިވާ ވިލާ ވިއްކާ ކޮންސެޕްޓުގެ ރަށެއްގެ ގޮތުގަ އެވެ.

ވިލާ ވިއްކަން އެ ރަށް ހާއްސަވީ ކީއް ވެގެން ހެއްޔެވެ؟ ދައްޕަރުގައި ކުރިން ވެސް ވިލާ ވިއްކަން މަަސައްކަތް ކުރި ހެއްޔެވެ؟ މި ރަށާ ލަގްޒަރީ ވިލާ ވިއްކުމާ އޮތް ގުޅުމަކީ ކޮބައި ހެއްޔެވެ؟

ކުރިން ދައްޕަރަށް ނޫމަޑި އެރި!

ފިއްލަދޫއާ އިން ވެގެން ގޮނިކޮށް އޮންނަ ދައްޕަރަކީ ގުދުރަތީ ގޮތުން ހާއްސަ ސިފަ ތަކެއް ލައްވާފައިވާ ހިތްގައިމު ރީތި ރަށެވެ. މި ރަށުގެ ތެރޭގައި މީރު ފެނުގެ ކުޅިއެއް އޮންނައިރު މި ރަަށް އުފެދިފައިވާ ގޮތުން ގުދުރަތީ އެހެނިހެން ދިރުންތައް ވެސް ރަށު ތެރޭގައި ވެއެވެ. ވާ ބޮޑު މި ރަށުގައި މީގެ ކުރިން ވެސް "ވިލާ ވިއްކުމުގެ" މަޝްރޫއެއް ހިންގަން ސަރުކާރުން މަސައްކަތް ކުރި އެވެ. މިގޮތުން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 500 ހައުސިން ޔުނިޓު އަޅަން ހަވާލުކުރި އަދި މި ސަރުކާރުން 55 މިލިއަން ޑޮލަރުގެ ބަދަލެއް ދިން ނޫމަޑި ކުންފުނިން ވެސް މި ފަދަ މަޝްރޫއެއް ހިންގަން މި ރަށް ދޮން ކުރި އެވެ. ރައީސް މުހައްމަދު ނަޝީދު ނޫމަޑި ކުންފުންޏަށް މި ރަށް ދިނީ ހައުސިން މަޝްރޫއު ހިންގާތީ ބަދަލެއްގެ ގޮތުގަ އެވެ. ނުވަތަ ހައުސިން ޔުނިޓުތައް އަޅަން ޝަރުތުކޮށްފަ އެވެ. ނަމަވެސް އެ ކުންފުންޏަށް ދިން ޓާސްޓް ފުރިހަމައެއް ނުވި އެވެ. އެކަމަކު ލަގްޒަރީ ވިލާ ހަދަން ހަދަން ކުރަން ޖެހޭ ގިނަ މަސައްކަތްތައް އެ ކުންފުނިން ފުރިހަމަ ކުރި އެވެ.

ދައްޕަރުގައި ލަގްޒަރީ ވިލާ އަޅަން ނޫމަޑި ކުންފުނިން ތިމާވެށީގެ ދިރާސާ ވެސް ހަދާފައިވެ އެވެ. އަދި ސިންގަޕޫރުގެ ކުންފުންޏަކާ ހަވާލުކޮށްގެން 350 މިލިއަން ޑޮލަރުގެ ބޮޑު ފަންޑެއް ހޯދައި ޗެޑީ ދައްޕަރު ގެ ނަމުގައި ކުރެހުންތައް ކުރަހައި ދުބާއީގެ މަޝްރޫއު ޕްރޮޕަޓީ ވިއްކާ ކުންފުންޏެއް މެދުވެރިކޮށް ރާއްޖޭން "އަމިއްލަ ގެ" ބޭނުންވާ މީހުން ހޯދަން ދުނިޔޭގައި އިސްތިހާރު ވެސް ކޮށްފައި އެބަހުއްޓެވެ. ނަމަވެސް އެ ކުންފުންޏަށް މި މަޝްރޫއު ފުރިހަމަ އަށް ކާމިޔާބުވާ ގޮތެއްނުވި އެވެ. ނަމަވެސް މި ސަރުކާރުގެ ވެރިކަމުގެ ކުރީކޮޅު "ބަދަލު ބެހިއިރު" ނޫމަޑިއަށް 55 މިލިއަން ޑޮލަރުދީ އެ ރަށް ސަރުކާރަށް ނެގި އެވެ. އަދި މި ރަށުގައި 1000 އެނދުގެ ރިސޯޓެއް ހަދާނެ ކަމަށް ރިސޯޓު ހަދާ ރަަށްތަކުގެ ދަފުތަރަށްލި އެވެ.

1،000 ކޮޓަރީގެ ރިސޯޓެއް ހެދުމުގެ ޕްލޭން

ޓޫރިޒަމަށް ރަށްތައް އިއުލާނު ކުރަން ބޭއްވި ރަސްމިއްޔާތުގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ މި ރަށުގައި ހަދާ ރިސޯޓާއެކު 2،000 ވަޒީފާ އިތުރު ވާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އޭގެ ފަހުން ފެނިގެން ދިޔައީ މި ސަރުކާރުގެ "ބްރޯ" ގެ ގޮތުގައި މަޝްހޫރުވެފައިވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްލާއިލް މި ރަށަކީ މަހުޖަނުންނަށް "ދެވަނަ ގެއެއް" އަޅަން ރަނގަޅު ރަށެއްގެ ގޮތުގައި ވިދާޅުވި ތަނެވެ.- ސެކަންޑް ހޯމްގެ ވާހަކަ ދައްޕަރުން ތިލަވީ މި ހިސާބުނެނެވެ.

ދުވަހު ނޫސް "މިހާރަ" ށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ފައްޔާޒު ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގެ އިގްތިސޯދު ޑައިވާސިފައިކޮށް އެހެން ދޮރު ތަކުން ބޭރު ފައިސާ ވަންނާނެ ގޮތް ތަކެއް ހޯދަން ސަރުކާރުން ވިސްނަމުން ގެންދާ ކަމަށެވެ. އެއް ވިސްނުމަކީ ދައްޕަރުގައި ސެކަންޑް ހޯމް ތަކެއް ހެދުން ކަމަށާ، މި ސެކްންޑް ހޯމްގައި ހަދާނީ ބޭރު މީހުންނަށް ވިއްކާ ލަގްޒަރީ އެޕާޓްމެންޓް ތަކެއް ކަމަށެވެ.

"މިއީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކޮށް އުޅޭ ކަމެއް. އަޅުގަނޑުމެންނަށް ފެންނާނެ އެއީ ދުނިޔޭގައި ކާމިޔާބު މޮޑެލެއްކަން
މިހާރު އޭގެ މަޝްވަރާތައް ވެސް ކުރި އަށް އެބަދޭ ވަރަށް ބާރަށް،" މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.

ދައްޕަރު އޮންނަތަން: މި ރަށް އޮންނަނީ ރާއްޖޭގެ މުހިންމު ހިސާބެއްގައި

މި ހިސާބުން ފެށިގެން މި ރަށުގައި "ސެކްޑް ހޯމް" ހަދަން ސަރުކާރުން ދިޔައީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އޭރު ވެސް މި ރަށް އޮތީ ފިއްލަދޫ ރަށްޔިތުންގެ ދަށުގަ އެވެ. އެހެންވެ ރައީސްގެ ގަރާރަނުން މި ރަށް ސަރުކާރަށް ނެގި އެވެ. މި ރަށުގެ މައްސަލާގައި އަރައިރުން އުފެދުނީ މި ހިސާބުންނެވެ. ފިއްލަދޫ ކައުންސިލުން ބުނަމުން ދިޔައީ މި ރަށް ނެގީ ހޭވެސް އަރާ ނުލަ އެވެ.

މި ރަށް ރިއަލް އެސްޓޭޓް ޓޫރިޒަމަށް ފައްކާ ކުރަން ސަރުކާރުން އެހާ ވާން ކުރަނީ ކީއްވެގެން ހެއްޔެވެ؟ މި ރަށުގައި ކުރިން ވިލާ ހަދަން މަސައްކަތް ކުރި ނޫމަޑި މި ރަށަށް އަރާފާނެ ހެއްޔެވެ؟ މި ރަށުގައި އިންވެސްޓް ކުރަން ނޫމަޑި ކުންފުންޏަށް ނުވަތަ އެ ކުންފުނީގެ ހިއްސާދާރުންނަށް ފުރުސަތު އެބައޮތް ހެއްޔެވެ؟

ރާއްޖޭގެ އެއްވެސް ގާނޫނަކުން ނޫމަޑި ކުންފުންޏަށް ނުވަތަ ހިއްސާދާރުންނަށް މި ރަށަށް އިންވެސްޓް ކުރަން ފުރުސަތު ބަންދެއް ނޫނެވެ. އެކަން އޮތީ ހުޅުވިފަ އެވެ. އެހެންވެ މިއީ ނުވާނެ ކަމެއްގެ ގޮތުގައި ބެލުމުގެ ފުރުސަތު ކުޑަ އެވެ. އަނެއްކާ މި ރަށް އުފެދިފައިވަނީ އިންޑިއާއާ ވެސް ގާތުގަ އެވެ. މި ރަަށުގެ އަތިރިމަތިން ނައްޓާލައިގެން ކެލާ ފިޔަވައި އެންމެ ގާތުގައި އޮތީ އިންޑިއާ އެވެ. އެހެންވެ މި ރަަށް ވެފައިވަނި އިންޑިއާ އަށް ވެސް މުހިންމު ރަށަކަށެވެ. އެ ގައުމުގެ ކުންފުންޏަކުން މި މަަސައްކަތްކޮށް އެ މީހުން ބޭނުންވާ "އިންޑިއާ ކަނޑުން އަމިއްލަ އެދުން ފުއްދުމުގެ ސިޔާސަތު" ކުރިއަށް ނެރެން ވެސް މި ރަށް މިއީ ލިބޭނެ ރަނެއް މަލެއް ފަދަ ރަށެކެވެ. އެހެންވެ މި ރަށުގެ މަޝްރޫއު އިއުލާނު ކުރާ ހިސާބުން އިންޑިއާ ކަނޑުން ވެސް ނޫމަޑެއް ތިލަވުމުގެ ފުރުސަތު ކުޑައެއް ނޫނެވެ. އެ މަޑި އެ އޮތީ ދެ ފެންދޭތެރޭގަ އެވެ. މަޑުކޮށްގެން އެ އޮތީ ރަނގަޅު ވަގުތަކަށް ކަމަށް ވެސް ވެދާ އެވެ.

އެންމެ "ޕްރިމިއަމް" ޕްރޮޑަކްޓު

ސަރުކާރުން ބުނަނީ މި ރަށުގައި ހިންގާ މަޝްރޫއަކީ ރާއްޖޭގެ ޓޫރިޒަމަށް އާ ކަމަށް ނުވާނެ އެވެ. މިއީ ރާއްޖޭގައި ކުރާ ކަމެކެވެ. އެކަމަކު ސަރުކާރުން މިހެން ބުންޏަސް މި ރަށުގެ މަޝްރޫއު ރާއްޖޭގެ ޓޫރިޒަމްގެ މި ފަދަ އެހެން މަޝްރޫއުތަކާ ތަފާތުވާނެ އެވެ. އެއް ސަބަބަކީ މިއީ މިގޮތަށް ވަކި ރަށެއް ވިލާ ހަދަން ސަރުކާރުން ނެރޭ ފުރަތަމަ ރަށަށްވުމެވެ. ރާއްޖޭގެ ޓޫރިޒަމަށް ބަލާނަމަ ވިލާ ވިއްކާ ގޮތަށް މިހާތަނަށް ހިންގަނީ ނިސްބަތުން މަދު ރިސޯޓުތަކެވެ. އެ ފަދަ ރިސޯޓުތަކުގެ އަދަދު ފަސް އިނގިލިން
ގުނާލެވޭހާ މަދުއިރު ގިނަ ރިސޯޓުތަކުގައި ވިލާ ގޮތުގައި ވިއްކަނީ ރަށުގެ ބައެއް ސަރަހައްދު ތަނެކެވެ.

އެހެންވެ މިއީ ރާއްޖޭގެ ޓޫރިޒަމްގެ އެންމެ "ޕްރިމިއަމް" ޕްރޮޑަކްޓުގެ ގޮތުގައި ވަނީ ބެލިވިފަ އެވެ. ނަމަވެސް މިހާރު ރިއަލް އެސްޓޭޓަށް ފަހި ކުރަން ކަމަށް ބުނެ ސަރުކާރުން ޓޫރިޒަމް ގާނޫނަށް ގެނެސްފައިވާ ބަދަލާއެކު 250،000 ޑޮލަރު ނުވަތަ ހަތަރު މިލިއަން ރުފިޔާ ހޭދަކޮށްގެން މި ފަދަ ވިލާއެއް ބޭރު މީހަކަށް ގަނެވިދާނެ އެވެ. އަދި މި ގެ "އަމިއްލަކޮށް" ރާއްޖޭން ގިނަ އިނާޔަތް ތަކެއް ހޯދުމުގެ ފުރުސަތު ވެސް ގާނޫނު ތަކުން މިވަނީ ދީފަ އެވެ. އެހެންވެ ކުރިން "ޕްރިމިއަމް" ޕްރޮޑަކްޓެއްގެ ގޮތުގައި ބެލުމުގެ "ވިލާ ވިއްކާ" އުސޫލު ވެސް މި ހިސާބުން "އުނގު ވިޔަފާރި" އަށް ބަދަލު ވެގެން ދިއުމުގެ ފުރުސަަތު އެބައޮތެވެ. ސަބަބަކީ ހަތަރު މިލިއަން ރުފިޔާއަކީ ރާއްޖޭގެ ބްރޭންޑް ވެލިއުއާ އަޅާ ބަލާނަމަ ކުޑަ އަގަކެވެ. މާލޭގައި ރަނގަޅު ހިސާބަކުން ހަތަރު މިލިއަން ރުފިޔާ އަށް ބިމެއް ވެސް ނުލިބޭނެ އެވެ. އަދި ރާއްޖޭގައި ހަދާ ނޯމަލް އެޕާޓްމަންޓެއްގެ އަގަކީ ވެސް ހަތަރު މިލިއަނެއްހާ ރުފިޔާ އެވެ.

ކޮންމެއަކަށް މި ހުރިހާ ކަމެއް މިގޮތުގައި ހުރިނަމަވެސް ދައްޕަރުގައި އަމިއްލަ ގެ އެޅުމުގެ މަޝްރޫއެއް ފަށަންވާން ޖެހޭ ތައްޔާރީތައް ދަނީ ވަމުންނެވެ. މި މަޝްރޫއު ވާނީ ރާއްޖޭގައި މިގޮތަށް ހިންގާ ފުރަތަމަ މަޝްރޫއަށެވެ. މަޝްރޫއު އިއުލާނު ކުރުމުން މި ރަށަށް ވާގޮތް ފިއްލަދޫ ރަށްޔިތުންނަށް ފެންނާނެ އެވެ. ދައްޕަރަށް އިންޑިއާ ކަނޑުން އަރާނީ ނޫމަޑިއެއް ތޯ ނުވަތަ އެހެން އެއްޗެއް ތޯ އެނގެން ފަށާނީ އެ ހިސާބުންނެވެ.