ޓޫރިޒަމް ދާއިރާ އެހެން ހަރުފަތަކަށް ގެންގޮސް އިތުރު 35،000 އެނދު އިތުރު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންފައިވާ ވައުދު މި ދައުރުގެ ތެރޭގައި ފުއްދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ. މަައުސޫމް މިހެން ވިދާޅުވީ އަވަސް އޮންލައިންގެ "ސުވާލަކަށް ފަހު ސުވާލެއް" ގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
މައުސޫމް ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން 2020 ވަނަ އަހަރަކީ ގެއްލިގެން ދިޔަ އަހަރެއް ކަމަށެވެ. އެއީ ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް ޓޫރިޒަމްގެ ދާއިރާ އެހެން ހަރުފަތަކަށް ގެންދިއުމަށް ރައީސް ވެވަޑައިގެންނެވި ވައުދު ފުއްދޭނެ ކަމަށް ވިދާޅުވިއެވެ.
ކުރިއަށް އޮތް ދެ އަހަރާއެކު 35،000 އެނދު ނެރެވޭނެ ކަމަށް އަޅުގަނޑު މި ބަލަނީ. މިދިޔަ އޮގަސްޓް/ސެޕްޓެންބަރުގައި އެކަނިވެސް 1000 އެނދު ނެރެވުނު. ދެން އަޅުގަނޑުމެން ހޯމްސްޓޭ ތައާރަފުކޮށްލުމާއެކު ރާއްޖެ މުއްސަދިކޮށްލާނެ. ފަތުރުވެރިކަމުން ދިވެހިން ހެއްވާލާނެ. އެއީ އަޅުގަނޑުމެން މިދާ މިސްރާބަކީޑރ. އަބްދުﷲ މައުސޫމް | ޓޫރިޒަމް މިނިސްޓަރު
މައުސޫމް ވިދާޅުވީ ރައީސްގެ ތަސައްވުރަކީ ފަސް އަހަރުތެރޭ 35،000 އެނދު އިތުރުކުރުން ކަމަށެވެ. އަދި ހޯމްސްޓޭ ޓޫރިޒަމް ތައާރަފުކޮށް ރާއްޖޭގެ ޓޫރިޒަމަށް "ބޫސްޓް"އެއް ގެނައުން ކަމަށެވެ. ކުރިއަށް އޮތީ ޓޫރިޒަމްގެ ރަން އަހަރު ކަން ފާހަގަ ކުރައްވާ މައުސޫމް ވިދާޅުވީ ދިވެހި ފަތުރުވެރިކަންވާނީ ދިވެހި ހުރިހާ ރައްޔިތުންނަށް ފައިދާ ލިބޭ ދިވެހީން ހެއްވާނެ މަސައްކަތަކަށް ކަމަށެވެ.
"އެ އަހަރު ގެއްލުނު ނަމަވެސް ކުރިއަށް އޮތް ދެ އަހަރާއެކު 35،000 އެނދު ނެރެވޭނެ ކަމަށް އަޅުގަނޑު މި ބަލަނީ. މިދިޔަ އޮގަސްޓް/ސެޕްޓެންބަރުގައި އެކަނިވެސް 1000 އެނދު ނެރެވުނު. ދެން އަޅުގަނޑުމެން ހޯމްސްޓޭ ތައާރަފުކޮށްލުމާއެކު ރާއްޖެ މުއްސަދިކޮށްލާނެ. ފަތުރުވެރިކަމުން ދިވެހިން ހެއްވާލާނެ. އެއީ އަޅުގަނޑުމެން މިދާ މިސްރާބަކީ،" މައުސޫމް ވިދާޅުވިއެވެ.
މި ފަހަރު ރަށްތައް ވިކޭނެ
މި ސަރުކާރުން ފުރަތަމަ ފަހަރަށް ރިސޯޓު ހަދަން ހަދަން ރަށްތަކެއް ދޫކުރަން ނިންމާ އެކަމަށް ހުޅުވާލުން ވިކުނީ އެންމެ ރަށެކެވެ. އެކަމާއި ގުޅިގެން އަމާޒުވަމުންދާ ފާޑުކިޔުންތަކާއި ގުޅޭގޮތުންވެސް މައުސޫމް ވަނީ ވާހަކަ ދައްކަވާފައެވެ.
މައުސޫމް ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމަށް އިންވެސްޓަރުންގެ ޝައުގުވެރިކަން ނުގެއްލޭ ކަމަށެވެ. އެ ޝައުގުވެރިކަން ކުރީން އޮތް މިންވަރުގައި އެބައޮތް ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ. ރިސޯޓް ހަދަން ނެރުނު ރަށްތައް އޭރު ނުވިކުނީ އިންވެސްޓްމަންޓް ޕްރޮމޯޓް ނުކުރެވިގެން ނޫން ކަމަށްވެސް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެ ފަހަރު ވިކުނީ އެންމެ ރަށެއް ނަމަވެސް އެކަށީގެންވާ މިންވަރަށް ހުށައެޅުންތައް ލިބުނު ކަމަށެވެ.
ނަމަވެސް ދިމާވި މައްސަލައަކީ އެޕްލިކޭޝަންތަކުގައި މައްސަލަތައް ހުރުމުން ބާތިލުކުރަން ޖެހުނު އަދަދު އިތުރުވުމެވެ. މީގެ އިތުރުން ކޮވިޑްގެ ހާލަތުގެ ސަބަބުން ކުރިމަތިވި ގޮންޖެހުން ބޮޑު ކަމަށްވެސް ވިދާޅުވިއެވެ.
"އެ ފަހަރު އަޅުގަނޑުމެން ހުޅުވާލި ފަހަރު ކަންކަންވީ ކިހިނެތްތޯ. ތަނަކަށް މީހަކަށް ދެވެނީއެއް ނޫން. ރަށް ބަލާލަން މީހަކަށް އާދެވެނީއެއް ނޫން. ބޭންކާ ވާހަކަ ދެއްކެނީއެއް ނޫން. އެހެންވީމަ އެ ފަހަރު ފުރުސަތެއް ނުލިބުނު،"
މައުސޫމް ވިދާޅުވީ މިފަހަރު ބާޒާރަށް ރަށްތައް ނެރުނީ އެންމެ ރަނގަޅު ވަގުތު އެންމެ ރަނގަޅަށް އިޝްތިހާރު ކުރުމަށް ފަހު ކަމަށެވެ. ދުބާއީ އެކްސްޕޯގައި ހުޅުވާލި 18 ރަށަށް ބޮޑު ޑިމާންޑެއް އޮންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
"މި ފަހަރު އެ އޮތީ އަނެއްކާވެސް ރަށްތައް ހުޅުވާލާފައި. މިފަހަރު މި ހުޅުވާލީ ވަރަށް ރަނގަޅަށް އިޝްތިހާރުކޮށްފައި ދުބާއީގައި އިންވެސްޓްމަންޓް ފޯރަމެއްގެ ތެރެއިން. މިފަހަރު އެ އޮތީ ރަނގަޅަށް އެން އަޅާފައި 18 ރަށް. އެ އޮތީ ރަނގަޅު އޮއިވަރާ ދިމާވާ ގޮތަށް ނަނުތައްވެސް އެއްލާފައި ހަތަރު މަސް ވަންދެން،"
ރަށްތައް ނެރެން ޖެހޭ، އަގު ދަށެއް ނޫން
ޓޫރިޒަމަށް ތަރައްގީ ކުރަން ސަރުކާރުން ނެރުނު ރަށްތަކުގެ އަދަދާއިމެދު އުފެދިފައިވާ ބަހުސަށްވެސް މައުސޫމް ރައްދު ދެއްވިއެވެ. މައުސޫމް ވިދާޅުވީ ގިނަ ރަށްތަކެއް މާކެޓަށް ނެރެން ޖެހޭ ކަމަށާ އެއީ މައްސަލައެއް ނޫން ކަމަށެވެ.
ރާއްޖޭގައި އިންވެސްޓްކުރަން ގޮންޖެހުން ހުރި ކަމަށް ގަބޫލު ކުރައްވާ ކަމަށާ ހާއްސަކޮށް އިންވެސްޓްމަންޓް ބެންކެއް ނެތުމުގެ ކަންބޮޑުވުން އެބައޮތް ކަމަށް ވިދާޅުވިއެވެ. އެކަން އެހެން އޮތް ނަމަވެސް އެއީ ޓޫރިޒަމަށް ތަރައްގީ ކުރަން ރަށްތަކެއް ނުނެރެންވީ ސަބަބެއް ނޫން ކަމަށް މައުސޫމް ވިދާޅުވިއެވެ. މައުސޫމް ވިދާޅުވީ އިންވެސްޓަރުންގެ ޝައުގުވެރިކަން ފެންނަނީ ވަރަށް ބޮޑަށް ކަމަށެވެ.
ގިނަ ރިސޯޓްތައް ހަދަން ޖެހޭ ކަމަށާ ޓޫރިސްޓުންގެ އަދަދު އިތުރުވެގެން ނޫނީ ކުރިއަށް ދެވެން ނެތް ކަމަށްވެސް ވިދާޅުވިއެވެ. އަދި ރިސޯޓް ހަދަން ރަށްތައް ދޫކުުރުން ގިނަ ކުުރުން އެއީ މައްސަލައެއް ނޫން ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.
"އެހެން ނަމަވެސް އަޅުގަނޑުމެން 'ވަން އައިލެންޑް-ވަން ރިސޯޓް' ކޮންސެޕްޓް ދަމަހައްޓާނަން. އެއީ ރާއްޖޭގެ ޓޫރިޒަމް ކާމިޔާބުވުމުގެ އެންމެ މުހިންމު އެއް ސަބަބު،"
މައުސޫމް އިތުރަށް ވިދާޅުވީ ރަށްތައް ވިއްކަން ނެރެ ޖަހާފައިވާ އަގަކީ ކުޑަ އަގެއް ނޫން ކަމަށެވެ. ރަށްތައް އެ އަގުގައި ވިއްކި ނަމަވެސް ދައުލަތަށް ގެއްލުމެއް ނެތް ކަމަށެވެ. އަދި ޓޫރިޒަމްގެ އާމްދަނީ މިހާރު ބިނާވެފައި އޮތީ ރަށްރަށް ވިއްކައިގެން ލިބޭ ފައިސާއަށް ނޫން ކަމަށް ވިދާޅުވިއެވެ. އޭގެ ބަދަލުގައި މިއަދުގެ އާމްދަނީ ބިނާވެފައި ވަނީ ރިސޯޓް ހިގަން ފެށުމުން ދައުލަތަށް ވަންނަ އާމްދަނީ އާއި ޓެކުހާއި އުފެދޭ ވަޒީފާތަކުގެ މައްޗަށް ކަމަށް ވިދާޅުވިއެވެ.
"އެ މީހުން އެބަ ބުނޭ ހާދަ ދަށް އަގެއް ގައޭ މައުސޫމްމެން ރަށްތައް ތި ދެނީ. މި ދައްކަނީ ބީލަމެއްގެ ވާހަކަ. ވާދަވެރި ބީލަމެއް މިއީ. އެންމެ މަތީ އަގު ޖަހާ ބަޔަކަށް މި ލިބެނީ. ރަށްތައް ދާނީ ބަރާބަރު އަގުގައި،" ރަށްތަކުގެ އަގުތަކާއި ގުޅޭގޮތުން މައުސޫމް ވިދާޅުވިއެވެ.
އަދި ވިދާޅުވީ ރާއްޖޭގައި މިހާރު ވެސް ނުހެދި 85 ރަށެއް އޮތުމަކީ ގިނަ ރަށްތަކެއް އަލުން މާކެޓަށް ނެރެން ޖެހުނު އެއް ސަބަބު ކަމަށެވެ.
ރަށްތައް ވަކި ބަޔަކަށް ދޭކަށް ނޫޅޭ
ރަށެއްގައި ރިސޯޓު ހަދަން މާކެޓަށް ނެރެ އެ ރަށުގެ އަގު ވައްޓާލީ ވަކި ބަޔަކަށް ރަށްތައް ދޭން ކަމަށްވެސް ވާހަކަ ދެކެވެއެވެ. ފުރަތަމަ ހުޅުވާލި ބުރުގައި އެކަމަށް ކުރިމަތިލީ ދިވެހި ވިޔަފާރިވެރިންގެ ނަންތަކަށް ބަލާލުމުން އެ ސުވާލު އިތުރުވިއެވެ.
ނަމަވެސް މައުސޫމް ވަނީ އެފަދަ އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށް ވިދާޅުވެފައެވެ. މައުސޫމް ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީގައި އެކަމަށްޓަކައި ހާއްސަ ސިސްޓަމެއް ގާއިމު ކުރެވިފައިވާ ކަަމަށެވެ. އަދި ވަކި ބަޔަކަށް ރަށްތައް ބަހާލުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ. ކޮރަޕްޝަންގެ ތެރެއިން ރަށެއް ހޯދުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނުލިބޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މައުސޫމް ވިދާޅުވީ ބިޑްގައި ކޮންމެ މީހަކަށްވެސް ހަމަހަމަ ފުރުސަތު އޮންނާނެ ކަމަށެވެ. ނަމަވެސް ހުޅުވާލާ ރަށްތައް ލިބޭނީ ކުރިމަތިލާ ކޮންމެވެސް އެއް ބަޔަކަށް ކަމަށްވާތީ ކޮންމެވެސް ވާހަކަތަކެއް ނެދެކެވޭނެ ކަމަށެވެ.
"އަޅުގަނޑު ދަންނަވާފައި އޮންނާނެ އަޅުގަނޑުގެ މައްޗަށް ޓޫރިޒަމް މިނިސްޓްރީގެ މައްޗަށްވެސް ނުފޫޒު ހިންގޭނޭ. އަޅުގަނޑުގެ މައްޗަށް ޓޫރިޒަމް މިނިސްޓްރީގެ މައްޗަށް ނުފޫޒު ހިންގޭނީ ހަމައެކަނި ގާނޫނާއި ގަވާއިދަށް އެކަނި. އެއީ އަޅުގަނޑު ހުރީމަ ބުނާ އެއްޗެއް ނޫން. އެތަނުގައި [ޓޫރިޒަމް މިނިސްޓްރީ] އެ ވަނީ ސިސްޓަމެއް ހަދާފައި. އެ ސިސްޓަމް ރާއްވާފައި އެ އޮތީ ޓޫރިޒަމް މިނިސްޓަރު ކިތަަންމެ ގޯހަސް ކިތަންމެ ރަނގަޅަށްވެސް ގާނޫނާއި ގަވާއިދާ އެއްގޮތަށް ކުރިއަށް ގެންދަން ޖެހޭ ގޮތަށް. ކޮންމެހެން މައުސޫމް ހުރެގެނެއް ނޫން. އެއާ އެގޮތަށް ދާނީ،" މައުސޫމް ވިދާޅުވިއެވެ.