ވިޔަފާރި

ޗެޑީ ދައްޕަރު ރިސޯޓުން ޕްރައިވެޓް ވިލާ ވިއްކަން ހުޅުވާލައިފި

ޕްރައިވެޓް ވިލާތައް އަމިއްލަ ކުރެވޭ ގޮތަށް ތަރައްގީ ކުރާ "ޗެޑީ ދައްޕަރު" ރިސޯޓުން ޕްރައިވެޓް ވިލާ ވިއްކުމަށް ހުޅުވާލައިފި އެވެ.

ސިންގަޕޫރުގެ، ޖެނެރަލް ހޮޓެލް މެނޭޖުމަންޓް (ޖީއެޗްއެމް) ކުންފުނިން އަންނަ އަހަރު ހުޅުވާ ހއ. ޗެޑީ ދައްޕަރު ރިސޯޓަކީ ޕްރައިވެޓް ވިލާ އަމިއްލަ ކުރެވޭ ގޮތަށް ތަރައްގީ ކުރުމަށް 2013 ވަނަ އަހަރު ހުއްދަ ދީފައިވާ ރިސޯޓެކެވެ.

ޗެޑީ ދައްޕަރު ރިސޯޓުގެ ޕްރައިވެޓް ވިލާ ވިއްކުމުގެ މަސައްކަތް ކުރާ ދުބާއީގެ ގަލްފް ސޮދުބީސް ކުންފުނިން ބުނީ ހަނިމާދޫ އެއާޕޯޓުން 20 މިނެޓުގެ ރާސްތާގައި އޮންނަ ޗެޑީ ދައްޕަރު ރިސޯޓުގެ ވިލާ ގަންނަ ފަރާތްތަކަށް "ގެއެއް" އަމިއްލަ ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. މި ރިސޯޓުގައި 40 ހޮޓެލް ސުވިޓްސް އާއި 85 ޕްރައިވެޓް ވިލާ ހުންނާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

އަންނަ އަހަރު ހުޅުވުމުގެ މަސައްކަތް ކުރަމުން ގެންދާ މި ރިސޯޓުގައި އެއް ބެޑްރޫމާއި ހަތަރު ބެޑްރޫމްގެ ފުރިހަމަ ވިލާތައް ހުރެ އެވެ. ފަސް ތަރީގެ މި ރިސޯޓަކީ ރާއްޖޭގައި ހުޅުވޭނެ އެންމެ ބޮޑު އެއް ރިސޯޓަށް ވާނެ ކަމަށް ވިލާތައް ވިއްކާ ސޮދުބީސް ކުންފުނިން ބުނެފައިވެ އެވެ.