ސްޓެލްކޯ

ސްޓެލްކޯ ރިސާޗް ފައުންޑޭޝަން އިފްތިތާހުކޮށްފި

ސްޓެލްކޯ ރިސާޗް ފައުންޑޭޝަން (އެސްއާރްއެފް) މިއަދު އިފްތިތާހުކޮށްފި އެވެ.

މިފައުންޑޭޝަން އިފްތިތާހުކޮށްދެއްވީ މިއަދު ސްޓެލްކޯ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެވެ.

ސްޓެލްކޯ އިން ބުނީ އެ ކުންފުނިން އިފްތިތާހް ކުރި ރިސާޗް ފައުންޑޭޝަންގެ މަގުސަދަކީ ރާއްޖޭގެ ރިސާޗް އަދި އުފެއްދުންތެރިކަމުގެ ދާއިރާ، އާ ހަރުފަތަކަށް ގެންދިއުން ކަމަށެވެ. އެގޮތުން ސައިންސް، ޓެކްނޮލޮޖީ، އިންޖީނިއަރިން، އާޓްސް އަދި މެތެމެޓިކްސް (STEAM) ދާއިރާތައް ކުރި އެރުވުމަށް އެންމެ ޒަމާނީ ދިރާސާތަކާއި، އަލަށް ތައާރަފްވަމުންދާ ޓެކްނޮލޮޖީ ހޯދުމާއިއެކު، އެއަށް އަހުލުވެރިވެ، ގައުމު ތަރައްގީގެ މަގުގައި ކުރިއަށް ދިއުމަށް ބޭނުންވާ ހަރުދަނާ އަދި ޒަމާނީ ހައްލުތައް ހޯދައިދިނުން ކަަމަށެވެ.

ސްޓެލްކޯ ރިސާޗް ފައުންޑޭޝަންގެ އުމްމީދަކީ އެ ފައުންޑޭޝަން މެދުވެރިކޮށް ދިވެހިންނަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމެވެ.

މިއަދު ވަނީ ސްޓެލްކޯ ރިސާޗް ފައުންޑޭޝަންގެ ވެބްސައިޓްވެސް އިފްތިތާހުކޮށްފަ އެވެ. .

މިރަސްމިއްޔާތުގައި އެސްއާރްއެފްގެ ވައިސް ޗެއާޕާސަން އަދި ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރު ވިދާޅުވީ މިއަދަކީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ އިސްނެންގެވުމާއި ސީދާ ބެއްލެވުމުގެ ދަށުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުންފުނީގެ ހަޔާތުގައި އަދި މަސައްކަތުގައި އިތުރު ހަރުފަތަކަށް ދިއުމަށް މަގު ކޮށިގެންދާ އުފާވެރި ދުވަހެއް ކަމަށެވެ.

އެގޮތުން ރިސާޗަކީ ސްޓެލްކޯއާއި ވަރަށް ބޮޑަށް ލާމެހިފައިވާ މަސައްކަތެއް ކަމަށާއި، ކުންފުނިން ފޯރުވައިދޭ ހިދުމަތްތަކުގެ ގޮތުން އެ ހިދުމަތްތައް އެއް ހަރުފަތަކުން އަނެއް ހަރުފަތަށް ގެންދިއުމުގައި އިޖާދީ ބަދަލުތަކާއި، އަމިއްލަ އިސްނެންގެވުމުގެ ތެރެއިން ކުރެވޭ މަސައްކަތަށް ރިސާޗަކީ ވަރަށް މުހިއްމު ކޮންޕޮނެންޓެއް ކަމަށްވެސް އަޒުވަރު ވިދާޅުވި އެވެ.

"މީގެ ފައިދާ ސްޓެލްކޯއަށާއި، މުޅި ގައުމަށްވެސް ލިބިގެންދާނެ،" އަޒުވަރު ވިދާޅުވި އެވެ.

މިރަސްމިއްޔާތުގައި ފަހުމީ ވިދާޅުވީ ރިސާޗް ފައުންޑޭޝަނެއް އުފައްދަން ޖެހުނު އެންމެ ބޮޑު އެއް ސަބަބަކީ އެކި ދާއިރާތަކުން ކިޔަވައިގެން ތިބި ތައުލީމީ ޒުވާނުން ކުންފުނީގައި ތިބުމާއި، ކުންފުންޏަކީ ރިސޯސްފުލް ކުންފުންޏަކަށް ވެފައި، އެފަދަ މަސައްކަތެއް ކުރާނެ ގާބިލްކަމާއި، ވަސީލަތްތައް ސްޓެލްކޯގައި ހުރުމުން ކަމަށެވެ.

"މިރިސާޗް ފައުންޑޭޝަން މެދުވެރިކޮށް މިގައުމަށް، ގައުމުގެ ކުރިއެރުމަށް މުސްތަގުބަލަށް ކަންތައްތަކެއް ކޮށްދިނުން އެއީ މަގުސަދަކީ. އަޅުގަނޑުމެން ބޭނުންވަނީ ތިބޭފުޅުންލައްވައި ގައުމަށް ހިދުމަތްކޮށްދޭން. މިއީ ހަމައެކަނި ޖަލްސާއެއް ބާއްވައި ނިންމާލާ ރިސާޗް ފައުންޑޭޝަނަކަށް ވެގެން ނުވާނެ. ވިސްނުމާއި ފިކުރުކުރުމުގެ ތެރެއިން ގައުމަށް މިކަމުގެ ފައިދާ ކުރަންވާނެ. އާދައިގެ ގޮތަކަށް ނޫން. އިންތިހާއަށް ފައިދާ ކުރަންވާނެ،" ފަހުމީ ވިދާޅުވި އެވެ.