ޑޮނަލްޑް ޓްރަމްޕް

މަގާމުން ވަކިކުރަން ޖެހޭ ސަބަބެއް ނޯންނާނެ: ޓްރަމްޕު

އެއްވެސް މީހަކަށް ގުޅައިގެން ބިރު ދައްކަން މަސައްކަތް ކޮށްފައި ނުވާނެ ކަމަށައި ބޭރު ގައުމެއްގެ އެހީގައި އިންތިހާބު ކާމިޔާބު ކުރަން މަސައްކަތް ކުރައްވާފައި ވެސް ނުވާނެތީ ރައީސް ކަމުގެ މަގާމުން ދުރުވާން ނުޖެހޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެ އެވެ.

ޓްރަމްޕު މިހެން ވިދާޅުވީ، އެ ގައުމުގެ އިދިކޮޅު ފަރާތްތަކުން ޓްރަމްޕު ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ބޭރު ގައުމެއްގެ އެހީ ހޯދަން މަސައްކަތް ކުރާ ކަމަށް ބުނެ މައްސަލަ ބަލަން ހުށަހަޅައި ޓްރަމްޕްގެ އިސްތިއުފާއަށް ގޮވަމުންދާތީ އެވެ.

އިދިކޮޅު ޑިމްކްރެޓުންނަށް ރައްދު ދެއްވާ ޓްރަމްޕު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކައަކީ އެއްވެސް ބުރަދަނެއް ނެތް ހިޔާލީ ވާހަކަތަކަށް ވުމުން އެކަން ބައްލަވަނީ ޖޯކެއްގެ ގޮތުގައި ކަމަށެވެ.

ޓްރަމްޕް މަގާމުން ދުރުކުރަން ޑިމޮކްރަޓިކް ޕާޓީގެ މެންބަރުން ބޭނުން ވަނީ ޔޫކްރޭންގެ ރައީސް ވޮލްޑީމީރް ޒެލެންސްކީ އަށް ޓްރަމްޕް ދާދިފަހުން ކުރެއ ވިފޯނު ކޯލެއްގައި އެމެރިކާގެ ކުރީގެ ނައިބު ރާއީސް ޖޯ ބައިޑަންގެ ދަރިފުޅުގެ ވިޔަފާރިއެއްގެ މައްސަލަ ތަހުގީގު ކުރަން އެންގި ކަމަށް ބުނެ އެވެ.

ޑިމޮކްރަޓިކް ޕާޓީގެ މެންބަރުން ގަބޫލުކުރާ ގޮތުގައި އެއީ އެހެން ގައުމަކަށް ނުފޫޒު ފޯރުވުމުގެ ގޮތުން ޓްރަމްޕް ކޮށްފައިވާ ގާނޫނު އަސާސީ އާއި ހިލާފު އަމަލެކެވެ. އަދި އެ ފޯންކޯލްގައި ޓްރަމްޕުގެ އެންގުމާ އެއްގޮތަށް އަމަލު ނުކުރާނަމަ ޔޫކްރެއިނަށް ދޭ އަސްކަރީ އެހީތައް ހުއްޓާލާނެ ކަމަށް ޓްރަމްޕު ވިދާޅުވި ކަމަށް އިދިކޮޅުން ވަނީ ބުނެފަ އެވެ؛

އިދިކޮޅަށް ރައްދު ދެއްވާ ޓްރަމްޕު އިތުރަށް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގެ ސަބަބުން، އޭނާއަށް 2020 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން ފަސޭހަ ވާނެ ކަމަށެވެ. މީގެ ކުރިން 2017 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ވެސް ޓްރަމްޕު ރަޝިއާގެ އެހީ ހޯދިކަމަށް ބުނާ މައްސަލައެއް އެމެރިކާއިން ވަނީ ބަލާފަ އެވެ.