ހަބަރު

ދަރަނި އަދާކުރަން ރޯޔަލް ވިއްކާލަނީ 100 މިލިޔަން ޑޮލަރަށް: ގާސިމް

Aug 17, 2015
5

ރޯޔަލް އައިލެންޑް ރިސޯޓް ވިއްކާލަން ނިންމާފައިވާ ކަމަށާއި އެ ރިސޯޓް ވިއްކާލަނީ 100 މިލިއަން ޑޮލަރަށް (ރަސްމީ ރޭޓުން 1.5 ބިލިއަން ރުފިޔާއަށް) ކަމަށް ރިސޯޓްގެ ވެރިޔާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

"އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް ވިދާޅުވީ އެމަނިކުފާނުގެ ރިސޯޓް ތަކުގެ ތެރެއިން ބ. އަތޮޅުގައި އޮންނަ 152 ކޮޓަރީގެ ރޯޔަލް ވިއްކާލަން ނިންމެވީ "ދަރަނިވެރިވެ ސަރުކާރަށް ދައްކަން ހުރި ފައިސާ ނުދެއްކި އޮތުމުން" ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އެކަން ކަމުން ސަލާމަތްވުމަށް ރޯޔަލް ވިއްކާލަން ނިންމެވުމާއެކު ވަރަށް ގިނަ ބަޔަކު އެރަށަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް އަދި ވިއްކާލާނެ ފަރާތެއް ނުނިންމަވާ ކަމަށެވެ. -- ޝައުގުވެރިވި ފަރާތްތަކެއް ވިދާޅެއް ނުވެއެވެ --

"100 މިލިއަން ޑޮލަރަށް ވިއްކާލަން ނިންމައިގެން މިހުރީ. އެ ރިސޯޓަކީ ވަރަށް ފުރިހަމަ އިންފްރާސްޓަރަކްޗާއެއް. އެހެންވީމާ އެ އަގުގައި ނޫނީ އެއަށްވުރެ މަތިން ވިކޭނެ. އެފެންވަރުގެ ރިސޯޓެއް ނޯންނާނެ، އެއީ ވަރަށް ފެންވަރު ހުރި ރިސޯޓެއް" ގާސިމް ވިދާޅުވި އެވެ. "ދެން ވިއްކާލަން އުޅޭ އިރު އިޝްތިހާރު ވެސް ކުރާނެތާ އެކި ގޮތްގޮތަށް އެކަންކަން އެދަނީ،"

ގާސިމް ވިދާޅުވީ ދަރަނިވެރިވުމުން އެކަންކަމުން ސަލާމަތްވުމަށް ވިއްކަން ޖެހޭ އެއްޗެހި ވިއްކާނެ ކަމަށާއި ރޯޔަލް ނޫނަސް އަގުގައި ވިއްކެން ހުރި ތަންތަން ވިއްކާނެ ކަމަށެވެ. ނަމަވެސް އޭގެ ތަފުސީލެއް އެމަނިކުފާނު ނުދެއްވަ އެވެ. ހަމައެކަނި ވިދާޅުވީ "މިއީ އަޅުގަނޑަށް މިވަގުތު އޮތް ގޮތް، އަޅުގަނޑަކަށް އިންސާފެއް ނުލިބޭ އަޅުގަނޑު ހުށަހެޅި މައްސަލަތައް، ދައުވާތައް ކޯޓްތަކުގައި ނުވަ އަހަރަށްވުރެ ދިގުލައި އެހުރީ" ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނުގެ 5000 އެއްހާ މުވައްޒަފުންގެ ތެރެއިން ސާވިސްޗާޖް ލިބެންޖެހޭ މުވައްޒަފުންނަށް އެ ފައިސާ ނުދީ އޮންނަތާ ވެސް ހަތަރު މަސްވެފައިވާ އިރު ރޯދަ މަހުގެ އިނާޔަތް ވެސް މުވައްޒަފުންނަށް އަދިވެސް އޮތީ ނުދެވި ކަމަށެވެ.

ބޭންކުތަކަށް 70 މިލިއަނަށްވުރެ ގިނަ ޑޮލަރު ދައްކަން އެބައޮތް ކަމަށް އިޝާރާތް ކުރައްވާ އެމަނިކުފާނު ސުވާލު ކުރެއްވީ "ގޮތް ހުސްވާ މީހާއަށް އޮންނާނީ ކޮން ގޮތެއް ހެއްޔޭ އެވެ؟ އަދި ވިދާޅުވި އެވެ:

"ގޮތް ހުސްވާ މީހާއަށް އޮންނާނީ މުދާ ވިއްކާއިގެން ދަރަނިން ސަލާމަތްވުން. ވަކި މި ރިސޯޓެއް ނޫން އެހެން އެއްޗެއްހިވެސް ވިއްކަން ޖެހުނީމާ ވިއްކާނަން"

އެމަނިކުފާނު ވިދާޅުވީ 127 މިލިއަން ޑޮލަރު ސަރުކާރަށް ދައްކަން އޮތް ކަމަށް ސަރުކާރުން ބުނާއިރު އެ ފައިސާ ހޯދަން ކުރަންޖެހޭ މަސައްކަތް މިވަގުތައް ކުރައްވާ ކަމަށެވެ.

"ސަރުކާރުން އެހެން ބުނޭ ނޫންތޯ؟ މިދެންނެވީ ދައްކަން އޮތް ފައިސާގެ ވާހަކަ. އެކަމަކު އަޅުގަނޑަކަށް އިންސާފެއް ނުލިބުނު ދެއްތޯ؟"

ރޯޔަލް ވިއްކާލަން ނިންމެވި އިރު މިދިޔަ ހަފްތާގައި އުމުރާވެ ވަޑައިގަތުމަށް ގާސިމް ސައުދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ރަހުމަތްތެރިޔަކާ ބައްދަލު ކުރައްވައި ރިސޯޓެއް ގަންނަން ޝައުގުވެރިވާ ފަރާތެއް ހޯދުމަށް ގާސިމް ދެންނެވި ކަމަށް އޭނާވެސް ފޭސްބުކްގައި ލިޔެފައިވެ އެވެ.

އެކި އިންވެސްޓްމަންޓްތައް ކުރަން ގާސިމް ނަންގަވާފައިވާ ރަށްތަކުން ދައުލަތަށް ކުއްޔާއި ޖޫރިމަނާ ނުދައްކައިގެން 100 މިލިއަނެއްހާ ޑޮލަރު ދައްކަން ވިލާ ކުންފުންޏަށް މީރާ އިން އެންގި އެވެ. ނަމަވެސް އެކުންފުނިން ވަނީ އެކަމާ ދެކޮޅު ހަދާ ކުންފުނި ބަނގްރޫޓްވެފައިވާކަން އިއުލާންކޮށްފަ އެވެ.