އަފްރާޝީމް ރިޕޯޓް

އަފްރާޝީމް ރިޕޯޓުން ފާހަގަވި ބައެއް ފޮޅުވަތް

Nov 18, 2019
12

އަފްރާޝީމް އަވަހާރަ ކޮށްލާފައި ވަނީ އޮކްޓޯބަރު 1، 2012 ދުވަހުގެ ރޭ 10:00 އަކުން 11:00 އަށް ޓީވީއެމްގައި ދެއްކި ދީނީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގަތުމަށް ފަހު އެރޭ ދަންވަރު 12:09 ހާއިރު އެމަނިކުފާނު ދިރިއުޅުއްވާ ގެއަށް ވަދެ ވަޑައިގަތް ވަގުތުގަ އެވެ. ރަހުމު ކުޑަ އެ މަރަށް ހަތް އަހަރުވީ އިރު އޮތީ ތަހުގީގު ފުރިހަމަ ނުވަ މަރުގެ ހަގީގަތްތައް ނުހޯދި ފޮރުވިފަ އެވެ.

އެފަދަ ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ހޯދާނެ ކަމަށް ވައުދުވެޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަނުން އިއްޔެ ވަނީ އަފްރާޝީމްގެ މަރާ ގުޅޭ ގޮތުން ކުރި ތަހުގީގުގެ ތަފްސީލު ރިޕޯޓު ހާމަކޮށްފަ އެވެ. އެ ރިޕޯޓުގެ ހުލާސާއެއް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވެސް އިއްވި އެވެ.

އެ ރިޕޯޓުގައިވާ ގޮތުން އަފްރާޝީމް އަވަހާރަކޮށްލި މީހުނާއި އެކަން ކުރި ސަބަބު ހޯދަން މަރުގެ ކޮމިޝަނުން ކުރި ތަހުގީގުގައި ފޯކަސް ގެންގުޅެފައި ވަނީ ހަތަރު ކަމެއްގެ މައްޗަށެވެ. އެއް ކަމަކީ އަފްރާޝީމް އަވަހާރަކޮށްލީ އޭރު އިދިކޮޅުގައި ތިބި އެމްޑީޕީގެ ބަޔަކު އަޑީގައި ތިބެގެން ސިޔާސީ މަގްސަދެއް ހާސިލު ކުރާށެވެ. ދެވަނަ ކަމަކީ އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ އޭނާ އެވަގުތު ހުންނެވި ޕީޕީއެމްގެ ތެރޭގައި އޮތް ސިޔާސީ ވާދަވެރި ކަމެއްގެ ސަބަބުން ޖެހުނު މައްސަލަތަކުގެ ތެރެއިންނެވެ. ތިން ވަނަ ކަމަކީ އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރިއަ ނުދިނުމަށްޓަކައި އެ ޕާޓީގެ ބޮލުގައި އޭނާގެ މަރުގެ ތުހުމަތު އެޅުމުގެ ބޭނުމުގައި ސިޔާސީ އެހެން ބައެކެވެ. އަދި ފަހު ކަމެއްގެ ގޮތުން ތަހުގީގު ފޯކަސްކޮށްފައި ވަނީ އަފްރާޝީމް އަވަހާރަކޮށްލީ ދީނީ ގޮތުން އުފެދިފައިވާ ހިޔާލު ތަފާތުވުމެއްގެ ތެރޭގައި ދީނީ ހަރުކަށި ބައެކެވެ.

ފައިސާ ހަރަދު ކުރުމުގެ ތުހުމަތު

ގިނަ ހެކިންގެ ބަޔާންތަކާއި ޕޮލިސް އިންޓެލިޖަންސްގެ މައުލޫމާތުތައް ހިމަނައިގެން އެކުލަވާލާފައިވަ 121 ސަފުހާގެ ރިޕޯޓުގައިވާ ގޮތުން އަފްރާޝީމްގެ މަރަކީ ދީނީ ގޮތުން ހިޔާލު ތަފާތުވާ މީހުންގެ ފަރާތުން އައި ކަމެއް ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށާއި އަފްރާޝީމް މަރާލީ ހަތަރު މިލިޔަން ރުފިޔާ ދީގެން ސިޔާސީ ބޭނުމެއްގައި ކަމަށް އޭރު ޕޮލިސް ކޮމިޝަނަރު ކަމުގެ މަގާމުގައި ހުންނަވައިގެން އަބްދުﷲ ރިޔާޒް ވިދާޅުވެފައިވެ އެވެ. އޭނާ އެހެން ވިދާޅުވީ ފުލުހުން ކުރި ތަހުގީގަށް ހ. ލޮބީ ހުސެއިން ހުމާމް އަހުމަދު ދިނަ ބަޔާނެއްގައި އޭނާ ވެސް އެ ވާހަކަ ވިދާޅުވެފައިވާތީ ކަމަށް ރިޕޯޓުގައި ބުނެ އެވެ.

އެގޮތުން ހުމާމް ފުލުހުންނަށް ދިން ބަޔާނުގައި އޭނާ ބުނެފައި ވަނީ ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު ރީކޯ މޫސާ މަނިކުގެ ދަނބިދަރިއެއް ކަމަށްވާ އަބްދުﷲ ޖާވިދު ބައްދަލު ކުރި ކަމަށެވެ. އަދި އަފްރާޝީމް މަރާލުމުން ހަތަރު މިލިއަން ރުފިޔާ ލިބޭނެ ކަމަށާއި އޭގެ ތެރެއިން އެއް މިލިއަން ރުފިޔާ ހުމާމްއަށް ލިބޭނެ ކަމަށް ޖާވިދު ބުނި ކަމަށެވެ. އަދި އެ ކަމަކީ ރީކޯ މޫސަ ރޭވި ކަމެއް ކަމަށާއި ފައިސާ ލިބޭނީ ރީކޯ މޫސަގެ ފަރާތުން ކަމަށް ޖާ ބުނި ކަމަށް ހުމާމްގެ ބަޔާނުގައި އޭނާ ވަނީ ބުނެފަ އެވެ.

"މިކަންތައް ރޭވި ގޮތް އެނގޭނޫންހޭ، އަޒްލީފް ރައުފްމެންގެ ފަރާތުން ހަބަރު އައިސްފަ ނޫންހޯ އޮތީ ދޯ، އެހެންވެ މިކަންތައް ކުރިޔަށް ދާ ގޮތް ކިހާވަރެއްކަން ލިބޭނީ، ހުވާކޮށްފައޭ މި ބުނަނީ ހަތަރު މިލިއަން ރުފިޔާ ދޭނަމޭ ކަލޭމެން މިކަން ކޮށްފިއްޔާ،" ހުމާމް ކައިރީ ޖާވިދު ބުނި ކަމަށް ހުމާމް ފުލުހަށް ދިން ބަޔާނުގައި ބުނެފައިވެ އެވެ.

އެމްޑީޕީގެ އެކްޓިވިސްޓެއް ވެސް ކަމަށްވާ ޖާވިދު ހައްޔަރު ކުރުމަށް ފަހު އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ފުލުހުން އެދެނީ ލިބިފައިވާ ހެކިބަހާއި ފޯންކޯލް މުއާމަލާތްތަކުގެ މައްޗަށް ބިނާކޮށް ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. ނަމަވެސް އަފްރާޝީމް އަވަހާރަކޮށްލަން ފައިސާ ދީފައިވާ ކަން ދޭހަވާ އެއްވެސް ހެއްކެއް ހުރި ނަމަ އެ ހެއްކެއް ހުށަހެޅުމަށް މައްސަލަ ބައްލަވާ ގާޒީ ތަކުރާރުކޮށް އެނގި ނަމަވެސް ފުލުހުންނަށް އެފަދަ ހެއްކެއް ހުށަހެޅިފައެއް ނުވެ އެވެ.

އެހެންކަމުން ރީކޯ މޫސައަށް ތުހުމަތު ކުރެވޭ އެ މައްސަލަ އެއްވެސް ކޮޅެއްގައި ނުޖެހި ޖާވިދު ވެސް ކޯޓުން ދޫކޮށްލާފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި އަފްރާޝީމް މަރާލާފައި ވަނީ ސިޔާސީ ބޭނުމެއްގައި ކަމަށް އަބްދުﷲ ރިޔާޒް ބުނާ ވާހަކަތަކަށް ވެސް ބާރު ދޭ އެއްވެސް ހެއްކެއް ނެތް ކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

ޔާމީން އާއި އަދީބުގެ އަތެއް ނެތް

ކޮމިޝަންގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން 2013 ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓު ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދިނުމުގެ ބަދަލުގައި އެ ޓިކެޓް އަފްރާޝީމަށް ދިނުމަށް ރައީސް މައުމޫން ބޭނުންފުޅުވާތީ އަފްރާޝީމް އަވަހާރަކޮށްލި ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރި ނަމަވެސް އެ ތުހުމަތުތަކަށް ބާރު ލިބޭ އެއްވެސް ހެއްކެއް އަދި ގަރީނާއެއް ލިބިފައި ނުވެ އެވެ.

އޭގެ އިތުރުން ރައީސް މުހައްމަދު ނަޝީދަށް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ހުރަސް އެޅުމުގެ ގޮތުން އޭރުގެ ސަރުކާރަށް ނިސްބަތްވާ ބަޔަކު ރާވައިގެން ރައީސް ނަޝީދާއި އެމްޑީޕީ ބަދުނާމް ކުރަން ކުރި ކަމެއް ކަމުގެ އެއްވެސް ހެއްކެއް ވެސް ލިބިފައި ނުވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

ކޮމިޝަން ބުރަވަނީ ހަރުކަށި ފިކުރާ ދިމާލަށް

ރިޕޯޓުގައިވާ ބުނެފައި ވަނީ ދީނީ އެކި ކަންކަމާ ގުޅޭ ގޮތުން އަފްރާޝީމް ދައްކަވާ ވާހަކަތަކާ ގުޅޭ ގޮތުން އިލްމުވެރިންގެ ގިނަަ ބައެއްގެ ހިތުގައި ރުޅިވެރިކަމާއި ނަފްރަތު އުފެދިފައިވާ ކަމަށާއި ހާއްސަކޮށް ރާއްޖޭގެ ނުފޫޒު ގަދަ ދީނީ އިލްމުވެރިންގެ ޖަމާއަތަކުން އަފްރާޝީމް ކުށްވެރިކޮށް ފަތުވާ ނެރެ އޭނާގެ މައްޗަށް ޝިރުކުގެ ބޮޑެތި ތުހުމަތުތައް ކުރުމުން އަފްރާޝީމްގެ ފުރާނަ ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށެވެ.

އެހެން ނަމަވެސް އަފްރާޝީމް ދައްކަވާ ވާހަކަތަކެއްގެ ސަބަބުން އޭނާ އަވަހާރަކޮށްލުމަކީ ފުރިހަމައަށް ދީނީ އިލްމު އުނގެނިގެން ތިބި އިލްމުވެރިން ކުރާނެ ކަމެއް ނޫން ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި އެފަދަ ކަމެއް ކުރާނީ ދީނުގެ ނަމުގައި މީހުން މެރުމުގެ ވިސްނުން ހުރި ޖިހާދީ ފިކުރުގެ ޖަމާއަތެއް ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އެގޮތުން އަފްރާޝީމް އަވަހާރަކޮށްލުމުގެ މަސައްކަތް އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ ހ. ހިކޯސްޓް އަލީ ޝާން (ސަޓޯ) އާއި ހ. ހިލްޓަން އަޒްލީފް ރައުފްއާ ހަވާލުކޮށްފައި ވަނީ ހަރުކަށި ފިކުރުގެ ޖަމާއަތެއް ރާއްޖޭގައި ހިންގާ މުހައްމަދު މަޒީދު ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި އަފްރާޝީމް ދައްކާ ވާހަކަތަކުގެ ސަބަބުން އޭނާ އަވަހާރަކޮށްލަން ޖެހޭކަން އަޒްލީފް ގަބޫލު ކުރާ ކަމަށާއި އޭނާ މަރާލާނެ ގޮތުގެ ކަންތައް ރާވާ ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައި ވަނީ އަޒްލީފް އާއި ޝާން ކަމަށް ވެސް އެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

އަޒްލީފް އާއި ހުމާމް އަދި ޝާންގެ އިތުރުން ވެސް އެހެން ބަޔަކު އަފްރާޝީމް އަވަހާރަކޮށްލުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމަށް ގަބޫލު ކުރެވޭ ކަމަށް އެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ. ނަމަވެސް އެއީ ކޮން ބައެއްކަން ދެނެގަނެވިފައެއް ނުވެ އެވެ.

ގިނަ ހެކިތައް ގެއްލިފައި

މަރު ކޮމިޝަން އިން ބުނީ އަފްރާޝީމްގެ މައްސަލަ ތަހުގީގު ކުރުމުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ގިނަ ދުވަސްވީ މައްސަލައަކަށްވުމާއި ސީސީޓީވީ ފުޓޭޖުތަކާއި ބައެއް އިންޓެލިޖަންސްގެ މައުލޫމާތާއި އަދި ފޯން ކޯލްތަކުގެ ޑޭޓާތަކެއް ލިބޭ ގޮތް ނުވުން ކަމަށެވެ.

އެގޮތުން އެކަމުގެ ގިނަ ރޭވުންތައް ހިނގި ޖަލަޕީނޯ ކުރިމަތީގައި ހުރި ފުލުހުންގެ ސީސީޓީވީ ކެމެރާއަށް މުހިންމު މަންޒަރުތަކެއް އަރާފައިވާ ކަމަށާއި އޭރު ފުލުހުން އެ ފުޓޭޖުތައް ބެލި ކަމުގައިވީ ނަމަވެސް މިހާރު އެ ފުޓޭޖުތައް ފުލުހުންގެ އިދާރާގައި ނެތް ކަމަށް ކޮމިޝަނުން ބުންޏެވެ. އަދި އަޒްލީފް ރައުފް އަފްރާޝީމްއަށް ފާރަލަމުން އޭނާ ގެއާ ޖެހިގެން ހުންނަ ހުޅަނގަށް ހުންނަ ކްރަސްޓީޒް ރެސްޓޯރަންޓުގެ ހުޅަނގުން އަމީނީ މަގުގައި އެރޭ ދަންވަރު ހަރަކާތްތެރިވަމުން ގެންދާތަން ސްޓެލްކޯގެ ސީސީޓީވީ ކެމެރާ ފުޓޭޖްއަށް އަރާފައިވީ ނަމަވެސް އެ ފުޓޭޖުތައް ވެސް މިހާރު ނެތް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އޭގެ އިތުރުން ހަތަރު މިލިއަން ރުފިޔާާގެ މުއާމަލާތުގެ ވާހަކަ ރީކޯ މޫސަގެ ދަނބިދަރި ޖާވިދު ދެއްކި ކަމުގެ އޯޑިއޯ ހިމެނޭ ފޯންކޯލް ޑޭޓާތަކެއް އޭރު ފުލުހުންގެ އިންޓެލިޖަންސްގެ އިސްކޮށް ހުންނެވި އިސްމާއިލް ޝަމީމް އާދަމްއަށް އޮފިސަރަކު ހަވާލު ކުރި ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. އެ ރިކޯޑިންގައި ޖާވިދު ވާހަކަ ދައްކަމުން ދިޔައީ ކޮންމެވެސް ވިޔަފާރިވެރިއަކާ ކަމަށާއި ނަމަވެސް އެއީ ކޮން ވިޔަފާރިވެރިއެއް ކަން އޭރު ވެސް ދެނެގަނެވިފައި ނުވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

އެ ރިކޯޑިން އަޑު އެހުމަށް ފަހު ތަހުގީގު ޓީމާ ހަވާލު ކުރުމަށްޓަކައި އިންޓެލިޖަންސްގެ މުއައްޒަފުންނަށް ދިން ކަމަށް ޝަމީމް ކޮމިޝަނަށް ދިން ބަޔާނުގައި ބުންޏެވެ. ނަމަވެސް ތަހުގީގު ޓީމުން އެ ހޯދި ކަމެއް ނޭނގޭ ކަމަށާއި އިންޓެލިޖަންސް ޑިޕާޓްމަންޓް ބަދަލުވުމާ ހަމަޔަށް ވެސް އެ އޯޑިއޯ ލިބިފައި ނުވާ ކަމަށް ކޮމިޝަނަށް ބަޔާން ދެއްވަމުން ޝަމީމް ވިދާޅުވި އެވެ.

މަރުގެ ކޮމިޝަނުން ބުނި ގޮތުގައި އެ އޯޑިއޯ ހޯދުމަށް ޝަމީމްގެ އެ ވާހަކަތައް ސާފު ކުރުމަށް އެދި ފުލުހުންނަށް ފޮނުވާފައިވާ ސިޓީއަށް މިހާތަނަށް ވެސް ޖަވާބު ލިބިފައެއް ނުވެ އެވެ

ރައީސް ސޯލިހު ރިޔާސީ ކޮމިޝަން އުފައްދަވުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ވެސް އަފްރާޝީމްގެ މަރު ފަދަ ގޮތް ނޭނގޭ ބޮޑެތި މަރުތައް ތަހުގީގު ކުރުމެވެ. އެ މައްސަލައަށް ހަތް އަހަރު ތެރޭ ހަގީގަތް ހޯދިފައި ނުވި ނަމަވެސް އެ މައްސަލާގައި ހިމެނޭ ހުމާމްއަށް ދައުވާކޮށް ސުޕްރީމް ކޯޓުން ވަނީ އޭނާ މަރަން ވެސް ހުކުމްކޮށްފަ އެވެ. ނަމަވެސް އެ މައްސަލާގައި ޝަންގެ މައްޗަށް ކުރި އަފްރާޝީމް މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމުގެ ދައުވާގައި އެކަށީގެންވާ ހެކި ނެތިގެން މައްސަލަ ސާބިތު ނުވެ މިނިވަންވި އެވެ. އޭގެ ފަހުން އޭނާގެ ފައިގައި ރައީސް ޔާމީންގެ ސަރުކާރުން ޓެގު ވެސް އެޅުވި އެވެ. ނަމަވެސް މި ސަރުކާރުގައި އޭނާއަށް ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓަޑް އިން ވަޒީފާ ލިބި އޭނާ ގެންދެވީ އެތަނުގައި މަސައްކަތް ކުރަމުންނެވެ. ނަމަވެސް އަފްރާޝީމްގެ މަރުގެ ރިޕޯޓު މުއައްސަސާތަކާށް ފޮނުވި ހިސާބުން އޭނާ ވަނީ ސަސްޕެންޑުކޮށްފަ އެވެ.