ހަބަރު

ޓީޝާޓެއް ގަތުމުން ރުކެއް އިންދައިދެނީ

Nov 23, 2019
2

ޓީޝާޓެއް ގަތުމުން ރުކެއް އިންދައިދޭ ކެމްޕޭނެއް މޯލްޑިވިއަންއާ ގުޅިގެން އަމިއްލަ ފަރާތަކުން ފަށައިފި އެވެ.

އެއާޕޯޓުގައި ހުންނަ މޯލްޑިވިއަން މޫނިމާ ލައުންޖުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި "ބެއްޔަ ޓްރީ" ގެ ނަމުގައި މި ކެމްޕޭން ފައްޓަވައި ދެއްވީ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރެވެ.

މި ކެމްޕޭނުގައި ޓީޝާޓެއް ގަތުމުން އެ ރުއް ރާއްޖޭގައި އިންދައި ދިނުމާއި އެ ރުއް ބެލެހެއްޓުމުގެ މަސައްކަތް ކުރާނީ ކެމްޕޭން ކުރިއަށް ގެންދާ ދަ ބެއްޔާ ކުންފުނިންނެވެ.

މި ރަސްމިއްޔާތުގައި ރައީސް ނަޝީދު ވިދާޅުވީ މި ކެމްޕޭނަކީ ރާއްޖެއަށް މުހިންމުކަން ބޮޑު ކެމްޕޭނެއް ކަމަށެވެ. އަދި މިހާރު ރާއްޖޭގެ ރުއްތަކުގެ މަތިވަރު ވަރަށް ބޮޑަށް ދަށްވަމުންދާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ޓީޝާޓެއް ގަތުމުން އެ ގަނެވެނީ ރުކެއް ކަމަށާ، ޓީޝާޓު ގަންނަ މީހަކަށް ރުކުގެ މިލްކުވެރިކަން އޮންނާނެ ކަމަށެވެ.

މި ކެމްޕޭންގެ ދަށުން ހާއްސަ ޓީޝާޓުތައް ވީއައިއޭގައި ހުންނަ މޯލްޑިއަންގެ މޫނިމާ ލައުންޖުން ހަތަރު ދުވަސް ފަހުން ލިބެން ހުންނާނެ އެވެ. އަދި މީގެ ޓީޝާޓެއް ވިއްކާ އަގަކީ 30 ޑޮލަރު (ގާތްގަނޑަކަށް 462 ރުފިޔާ) އެވެ.