ސިވިލް ކޯޓް

ވަގުތީ އަމުރުގެ ޝަރީއަތް މާދަމާ

އަމީނީމަގުން ގަސްކެނޑުން ހުއްޓުވުމުގެ ވަގުތީ އަމުރާ ގުޅިގެން މާދަމާ އަޑުއެހުމެއް ބާއްވަން ތާވަލްކޮށްފި އެވެ.

ވަގުތީ އަމުރާ ގުޅިގެން ބާއްވާ ޝަރީއަތް ސިވިލް ކޯޓުގައި ތާވަލުކޮށްފައިވަނީ މާދަމާ މެންދުުރުފަހު 2:00 އަށެވެ.

މާލޭގެ އަމީނީމަގު ހެދުމަށް ގަސް ކަނޑާ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅުއްވާ، ގަސް ކެނޑުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ވަނީ އެދިފަ އެވެ.

ކުރީގެ ރައީސް ނަޝީދުގެ ފަރާތުން މި މައްސަލަ ކޯޓަށް ހުށަހެޅުއްވީ ޝުނާނާ އެންޑް ކޯ އެލްއެލްޕީގެ ފަރާތުންނެވެ.

ގަސް ކަނޑާ މައްސަލައިގައި ރައީސް ނަޝީދުގެ ފަރާތުން ދައުވާ އުފުލާފައިވަނީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ޕްލޭނިން މިނިސްޓްރީއާ ދެކޮޅަށެވެ.

އަމީނީމަގުގައި ހުރި ދުވަސްވީ ގަސްތައް ކެނޑުމާއި، އުފުރުމާއި އެ ގަސްތަކަށް ގެއްލުން ދިނުން ވަގުތުން ހުއްޓުވުމަށް ދައުވާގައި ވަނީ އެދިފަ އެވެ. އެ ގަސްތައް ނުނަގައި މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ދައުވާ ލިބޭ ފަރާތްތަކުގެ މައްޗަށް އަމުރު ނެރެދިނުމަށްވެސް އެދިފައިވެ އެވެ.

ގަސްތައް އުފުރަމުން ދިއުމަކީ ގާނޫނުއަސާސީއާއި ގާނޫނުތަކާއި ގަވާއިދުތަކާއި ބައިނަލްއަގްވާމީ މުއާހަދާތަކުން ދައުވާ ލިބޭ ފަރާތްތަކުގެ މައްޗަށް ތިމާވެށި ހިމާޔަތްކުރުމުގައި އޮންނަ ވާޖިބާއި ހިލާފުވުން ކަމަށް ކަނޑައަޅައިދިނުމަށްވެސް ވަނީ އެދިފަ އެވެ.

އަމީނީމަގު ހެދުމުގެ މަޝްރޫއު ކުރިއަށްދާއިރު އެ މަގުގައި ހުރި ގަސްތައް ކަނޑަނީ މަގުގައި ހޮޅިވަޅުލުމަށް ދަތިވާތީ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ ވިދާޅުވެފަ އެވެ.

މަގު ހެދުމަށް އެތައް ގަހެއް މިހާރު ވަނީ ކަނޑާލާފައި ނޫނީ ނަގާފަ އެވެ. ކަނޑާލި ގަހަކަށް ގަހެއް އިންދާނެ ކަމަށް އާރްޑީސީން ބުނެ އެވެ. އަދި ނެގި ގަސްތައް ގެންދާނީ ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ސަރުކާރުން ހަދަމުންދާ ކުޑަގިރި އަށް ކަމަށްވެސް އާރްޑީސީން ބުނެފައިވެ އެވެ.

ތާރުއަޅައިގެން އަމީނީ މަގު ހެދުމުގެ އަމަލީ މަސައްކަތް އިފްތިތާހް ކުރީ މިދިޔަ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު އެވެ. މިމަސައްކަތް ކުރިއަށް ގެންދިއުމަށް މިދިޔަ ޖުލައި ތިންވަނަ ދުވަހު ސަރުކާރުން ހަވާލުކޮށްފައިވަނީ އާރްޑީސީ އަށެވެ. މަޝްރޫއުގެ އަގަކީ 84 މިލިއަން ރުފިޔާ އެވެ. މަސައްކަތް ނިންމަން ދީފައިވަނީ ހަތް މަސް ދުވަހެވެ.