އަމީނީ މަގުގައި ހުރި ގަސްތައް ކަނޑާތީ އެކަން ހުއްޓުވަން އަމިއްލަ ހައިސިއްޔަތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކޯޓަށް ވަޑައިގެން ހައްގު ހޯއްދެވުމަށް ކުރައްވާ އެއްވެސް ކަމަކަށް ހުރަސް ނާޅާނެ ކަމަށް އާރްޑީސީ އިން ބުނެފި އެވެ.
އާރްޑީސީން މިހެން ބުނެފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ހޯމަ ދުވަހު އޮތް ޖަލްސާ ފެށުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައި، އާރްޑީސީންނާއި ޕްލޭނިން މިނިސްޓްރީން އަމީނީ މަގުގައި ހުރި ގަސްތައް ނެގުމާ މެދު އިތުރު ވިސްނުމަކަށް ނުގޮސްފިނަމަ އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ޝަރީއަތަށް ވަޑައިގަންނަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.
އަވަސްއަށް ދެއްވި އިންޓަވިއު އެއްގައި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު ވިދާޅުވީ ރައީސް ނަޝީދު ވިދާޅުވި ގޮތަށް ޝަރީއަތަށް ވަޑައިގެން އަމިއްލަ ހައްގު ހޯއްދެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މޫސާ އަލިމަނިކު ވިދާޅުވީ އަމީނީ މަގުގައި ހުރި ގަސްތައް ނަގަނީ ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރެވި، ދިރާސާކުރުމަށްފަހު އެކަންކުރަން އޮންނަ ހަމައާއި އުސޫލުން ކަމަށެވެ.
"އެކަން ކުރަނީ އެއީ އެންމެ އެކަށީގެންވާ ގޮތަށް މަގުގައި ތާރު އަޅާ ނިންމުމަށް އެކަން ކރުން މިވަގުތަށް މުހިންމުވާތީ'" އޭނާ ވިދާޅުވި އެވެ.
މޫސާ އަލިމަނިކު ވިދާޅުވީ އަމީނީމަގު ހަދާނިމޭއިރު ހާއްސައެހީއަށް ބޭނުންވާ މީހުންނަށް ފަސޭހަކަމާއެކު ބޭނުންކުރެވޭނެ ގޮތަށް މަގުހެދުމަށާއި މަގުގައި ފެންބޮޑުވުމުގެ މައްސަލަ ހައަލުކުރުމަށްޓަކާ މިހާރު ހުރި ގަސްތައް ނަގަން ޖެހޭ ކަމަށެވެ. އެ ގަސްތަކަކީ ބޮޑެތި މޫ ހެދޭ ގަސްތަކެއް ކަމަށްވާތީ އިމާރާތްތަކަށް ގެއްލުން ލިބި އަދި ވިއްސާރަވެ ވައިގަދާވާއިރު ގޮފި ވެއްޓި އުޅަނދުތަކާއި އާންމުންގެ ސަލާމަތާއި ރައްކާތެރި ކަމަށް އެ ގަސްތަކުން ގެއްލުންވަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
"ގަސްތައް ބަހައްޓައިގެން ތާރުކޮޅެއް އެޅިދާނެ. އެކަމަކު ދާއިމީ ހައްލެއް އޭރަކުން ނުލިބޭނެ،" އޭނާ ވިދާޅުވި އެވެ.
މެނޭޖިން ޑިރެކްޓަރު ވިދާޅުވީ އަމީނީ މަގުގައި މިހާރު ހުރި ގަސްތަކަކީ އެއްވެސް ތަރުތީބެއްނެތި ހުރި ގަސްތަކަކަށްވާތީ އެގަސްތައް ބަހައްޓައިގެން ވީލްޗެއާ ދުއްވޭ ގޮތަށް މަގު ނުހެދޭނެ ކަމަށެވެ. އަދި ފެން ބޮޑުވުމުގެ މައްސަލައަށް ހައްލު ހޯދުމަށް މަގުގެ އަޑީގައި އަޅަންޖެހޭ ހޮޅިތައްވެސް ގަސްތައް ބަހައްޓައިގެން ނޭޅޭނެ ކަމުގައި ވިދާޅުވި އެވެ. ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކުރެވި ދިރާސާކުރުމަށްފަހު ފެނުނު އެންމެ ރަނގަޅު ގޮތަކީ، މިހާރު ހުރި ގަސްތައް ނަގައި އަލުން ގަސް އިންދުން ކަމުގައިވެސް ވިދާޅުވި އެވެ.
"މިހާރު ހުރި ގަސްތައް ނަގާފައި އެގަސްތައް ނައްތާ ނުލައި، އެހެންތަނެއްގައި އިންދުން އަދި އަމީނީ މަގުގައި ވަކި ތަރުތީބަކުން 10 ފޫޓު 15 ފޫޓުގެ ދުރުމިނުގައި އެމަގާ ގުޅޭ ރަނގަޅު ގަސްތަކެއް ވެސް ހޯދާ އިންދާނެ،" މޫސާ އަލިމަނިކު ވިދާޅުވި އެވެ.
އަމީނީމަގު ހަދަން ފަށާފައިވަނީ މަޝްރޫއުގެ އީއައިއޭ ނުނިމެނީސް ކަމަށް ބުނެ ދެކެވޭވާހަކަތައް ވެސް މޫސާ އަލިމަނިކު ދޮގުކުރެއްވި އެވެ. އޭނާ ވިދާޅުވީ މަސައްކަތުގެ "ޑީޓެއިލް ޑިޒައިނިން" އެއްވެސް އިރެއްގައި އެއްވެސް ތަނަކާ ހިއްސާކުރެވިފައި ނުވާނެ ކަމަށެވެ. އަދި އީއައިއޭ އާއި ޚިލާފަށް ކަމެއް ހިނގާނަމަ އެކަމަކަށް ފިޔަވަޅު އަޅާނެ ކަމަށާއި އަދި މިހާތަނަށް އެފަދަ ކަމެއް ހިނގާފައި ނުވާ ކަމުގައިވެސް ވިދާޅުވި އެވެ.
"އެބައެއްގެ ހައްގު ހޯދުމަށް މަސައްކަތް ކުރުމަކީ ވަރަށް ރަނގަޅުކަމެއް. އެގޮތުން ރައީސް ނަޝިދުވެސް ކޯޓަށް ވަޑައިގެންނެވުމަކީ އަޅުގަނޑު އެދޭކަމެއް. އެއިރަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެން މިކުރާ މަސައްކަތް ގޯހިއްޔާވެސް ރަނގަޅިއްޔާވެސް،" މޫސާ އަލި މަނިކު ވިދާޅުވި އެވެ.