ރައީސް މުހައްމަދު ނަޝީދު

އަމީނީ މަގުގައި ހުރި ގަސްތައް ކަނޑާތީ ނަޝީދުގެ އިންޒާރެއް ސަރުކާރަށް

އަމީނީ މަގުގައި ހުރި ގަސްތައް ކަނޑާތީ އެކަން ހުއްޓުވަން އަމިއްލަ ހައިސިއްޔަތުން ކޯޓަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ކަމުގެ އިންޒާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްވައިފި އެވެ.

ތާރުއަޅައިގެން އަމީނީ މަގު ހެދުމުގެ އަމަލީ މަސައްކަތް އިފްތިތާހް ކުރީ މިދިޔަ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު އެވެ. މިމަސައްކަތް ކުރިއަށް ގެންދިއުމަށް މިދިޔަ ޖުލައި ތިންވަނަ ދުވަހު ސަރުކާރުން ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އަށެވެ. މަޝްރޫއުގެ އަގަކީ 84 މިލިއަން ރުފިޔާ އެވެ. މަސައްކަތް ނިންމަން ދީފައިވަނީ ހަތް މަސް ދުވަހެވެ.

އަމީނީ މަގު ހެދުމުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން ބޮޑުތަކުރުފާނު މަގާއި އަމީނީ މަގު ގުޅޭ ހިސާބުން ފެށިގެން އިރުދޭމާ ހިނގުމާއި އަމީނީ މަގު ގުޅޭ ހިސާބަށް މިހާރު ވަނީ މަގު ބަންދުކޮށްފަ އެވެ. އަދި އެ ސަރަހައްދުގައި އަމީނީ މަގަށް ހުރި އެތައް ގަހެއް މިހާރު ވަނީ ކަނޑާލާފައި ނޫނީ ނަގާފަ އެވެ. ކަނޑާލި ގަހަކަށް ގަހެއް އިންދާނެ ކަމަށް އާރްޑީސީން ބުނެ އެވެ. އަދި ނެގި ގަސްތައް ގެންދާނީ ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ސަރުކާރުން ހަދަމުންދާ ކުޑަގިރި އަށް ކަމަށްވެސް އާރްޑީސީން ބުނެފައިވެ އެވެ.

ތާރުއަޅައިގެން އަމީނީ މަގު ހެދުމުގެ މަސައްކަތް އާރްޑީސީން ފަށާފައިވަނީ އެ މަޝްރޫއުގެ އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ)ގެ މަސައްކަތް މުޅިން ނުނިމެނީސް ކަމަށް އެ މަޝްރޫއާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ އަދި މިހާރު ލީކްވެފައިވާ ރިޕޯޓެއްގައި ބުނެފައިވެ އެވެ. އެ މަޝްރޫއު މިހާރު ކުރިއަށް ގެންދާ ގޮތުން ލިބޭނެ ގެއްލުންތައް ބޮޑުކަންވެސް ފާހަގަކޮށްފައިވެ އެވެ.

އަމީނީ މަގު ހެދުމުގެ ގޮތުން އެ މަގުގައި ހުރި ބިޔަ ގަސްތައް ކަނޑާތީ މިމަހުގެ 20 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވެސް ރައީސް ނަޝީދު މީގެކުރިން ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ. އެގޮތުން ރައީސް ނަޝީދު އެ ދުވަހު ވިދާޅުވީ މަގެއް ހެދުމަށް ނަގާނީ ދެތިން މަސް ކަމަށާއި އެމަކު ގަހެއް ރަނގަޅަށް ހެދުމަށް 20 އަކަށް އަހަރު ނަގާނެ ކަމަށެވެ. އެހެންވެ ގަސް ނުކަނޑާ މަގު ހެދޭނެ ގޮތެއް ހޯދުމަށް އާރްޑީސީއާއި މާލޭ ސިޓީ ކައުންސިލް އިދާރާއަށް އެ ދުވަހު ނަޝީދު އިލްތިމާސް ކުރެއްވި އެވެ.

އެކަމަކު އާރްޑީސީން ރައީސް ނަޝީދުގެ ކަންބޮޑުވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުގެންދާ ކަމަށް ދޭހަވާ ފަދަ ގޮތަކަށް ރައީސް ނަޝީދު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ވާހަކަދައްކަވާފަ އެވެ.

ޖަލްސާ ފެށުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ އަމީނީ މަގުގައި ހުރި ގަސްތައް ނަގައިގެން އެ މަގު ހެދުމަކީ މާލޭގައި ދިރިއުޅޭ ވަރަށް ގިނަ ރައްޔިތުންގެ ކަންބޮޑުވުމެއް ކަމަށެވެ. އެހެންކަމުން އެ ނޫން ގޮތެއް ހޯއްދެވުމަށް އިލްތިމާސް ކުރައްވަމުން ރައީސް ނަޝީދު ވަނީ ސަރުކާރެއް އިންޒާރެއް ދެއްވާފަ އެވެ.

"އަޅުގަނޑު އުއްމީދު ކުރަން އެ ކުންފުނިން [އާރްޑީސީ] އިންނާއި ސަރުކާރުގެ ޕްލޭނިން މިނިސްޓްރީން މިކަމާ އިތުރު ވިސްނުމަކަށް ވަޑައިގަންނަވާނެ ކަމަށް. އެހެން ނޫންނަމަ އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ޝަރީއަތަށް ވަޑައިގަތުން ނޫން ގޮތެއް ނެތް،" ސަރުކާރަށް އިންޒާރު ދެއްވާ ނަޝީދު ވިދާޅުވި އެވެ.