މާލޭގެ އަމީނީމަގުގެ ގަސްތައް ކެނޑުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެފި ނަމަ މާލީ ގޮތުން ގެއްލުންވާނެ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ސިވިލް ކޯޓުގައި ބުނެފި އެވެ.
އާރްޑީސީ އިން މާލޭގެ އަމީނީމަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދާއިރު މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދުގައި ހުރި ގަސްތައް ވަނީ ކަނޑާލާފައި ނޫނީ ނަގާފަ އެވެ. އަމީނީމަގު ހެދުމަށް ގަސް ކަނޑާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާއިރު ގަސްތައް ކެނޑުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށްވެސް ރައީސް ނަޝީދުގެ ފަރާތުން ވަނީ އެދިފަ އެވެ.
ސިވިލް ކޯޓުގައި މިއަދު ވަނީ އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންގޮސްފަ އެވެ. ސިވިލް ކޯޓުގައި މި މައްސަލަ ބައްލަވާ ގާޒީ މަރިޔަމް ވަހީދު ވިދާޅުވީ އަންނަ އާދިއްތަ ދުވަހު ވަގުތީ އަމުރާމެދު ގޮތެއް ނިންމަވާނެ ކަމަށެވެ.
މިއަދުގެ އަޑު އެހުމުގައި ރައީސް ނަޝީދުގެ ފަރާތުން މިމައްސަލަ ކޯޓަށް ހުށަހެޅުއްވި ޝުނާނާ އެންޑް ކޯ އެލްއެލްޕީގެ ފަރާތުން ވަކީލާ މަރިޔަމް ޝުނާނާ އާއި ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލުންނާއި އާރުޑީސީގެ ވަކީލަކު ވަނީ ބައިވެރިވެފަ އެވެ.
އާރްޑީސީގެ ވަކީލު މިއަދު ކޯޓުގައި ވިދާޅުވީ މަޝްރޫއު ހުއްޓާލަން ޖެހިއްޖެ ނަމަ ކޮންމެ ދުވަހަކު ލައްކައަކަށްވުރެ ގިނަ ރުފިޔާގެ ގެއްލުން އެ ކުންފުންޏަށް ވާނެ ކަމަށެވެ.
ވަކީލާ ޝުނާނާ ވިދާޅުވީ ގަސްތައް ނެގުން ހުއްޓުވުމުގެ ވަގުތީ އަމުރު ނުނެރެފި ނަމަ ހުށަހެޅިފައިވާ މައްސަލައިގެ ހައްލުގެ މުއާލާތް ކެނޑޭނެ ކަމަށެވެ.
ދައުލަތުގެ ވަކީލު ވަނީ ގަސްތައް ނެގުން ހުއްޓުވުމުގެ ވަގުތީ އަމުރުގެ ސަބަބުން މަޝްރޫއު ހުއްޓިގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.
ގަސް ކަނޑާ މައްސަލައިގައި ރައީސް ނަޝީދުގެ ފަރާތުން ދައުވާ އުފުލާފައިވަނީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ޕްލޭނިން މިނިސްޓްރީއާ ދެކޮޅަށެވެ.
އަމީނީމަގުގައި ހުރި ދުވަސްވީ ގަސްތައް ކެނޑުމާއި، އުފުރުމާއި އެ ގަސްތަކަށް ގެއްލުން ދިނުން ވަގުތުން ހުއްޓުވުމަށް ދައުވާގައި ވަނީ އެދިފަ އެވެ. އެ ގަސްތައް ނުނަގައި މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ދައުވާ ލިބޭ ފަރާތްތަކުގެ މައްޗަށް އަމުރު ނެރެދިނުމަށްވެސް އެދިފައިވެ އެވެ.
ގަސްތައް އުފުރަމުން ދިއުމަކީ ގާނޫނުއަސާސީއާއި ގާނޫނުތަކާއި ގަވާއިދުތަކާއި ބައިނަލްއަގްވާމީ މުއާހަދާތަކުން ދައުވާ ލިބޭ ފަރާތްތަކުގެ މައްޗަށް ތިމާވެށި ހިމާޔަތްކުރުމުގައި އޮންނަ ވާޖިބާއި ހިލާފުވުން ކަމަށް ކަނޑައަޅައިދިނުމަށްވެސް ވަނީ އެދިފަ އެވެ.
އަމީނީމަގު ހެދުމުގެ މަޝްރޫއު ކުރިއަށްދާއިރު އެ މަގުގައި ހުރި ގަސްތައް ކަނޑަނީ މަގުގައި ހޮޅިވަޅުލުމަށް ދަތިވާތީ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ ވިދާޅުވެފަ އެވެ.
މަގު ހެދުމަށް އެތައް ގަހެއް މިހާރު ވަނީ ކަނޑާލާފައި ނޫނީ ނަގާފަ އެވެ. ކަނޑާލި ގަހަކަށް ގަހެއް އިންދާނެ ކަމަށް އާރްޑީސީން ބުނެ އެވެ. އަދި ނެގި ގަސްތައް ގެންދާނީ ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ސަރުކާރުން ހަދަމުންދާ ކުޑަގިރި އަށް ކަމަށްވެސް އާރްޑީސީން ބުނެފައިވެ އެވެ.
ތާރުއަޅައިގެން އަމީނީ މަގު ހެދުމުގެ އަމަލީ މަސައްކަތް އިފްތިތާހް ކުރީ މިދިޔަ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު އެވެ. މިމަސައްކަތް ކުރިއަށް ގެންދިއުމަށް މިދިޔަ ޖުލައި ތިންވަނަ ދުވަހު ސަރުކާރުން ހަވާލުކޮށްފައިވަނީ އާރްޑީސީ އަށެވެ. މަޝްރޫއުގެ އަގަކީ 84 މިލިއަން ރުފިޔާ އެވެ. މަސައްކަތް ނިންމަން ދީފައިވަނީ ހަތް މަސް ދުވަހެވެ.