ލައިފްސްޓައިލް

މޫދު އުނދޯލި، ތަކަންދޫ ކުޅިއަށް!

ރަށް ދެކެ ލޯބިވާ ކަމުގެ ޝުއޫރު ފާޅުކޮށްލަން މިފަހުން އެންމެ ބޮޑަށް ބޭނުންކޮށް އުޅެނީ ރަށްރަށުގެ މޫދުގައި އެލުވައިގެން އުޅޭ އުނދޯލި ތަކުގެ މަންޒަރުތަކެވެ. ރީތި ވިލުތަކުގައި އެލުވާލާފައިވާ އުނދޯލިތަކުގެ މަތީގައި އެ ރަށެއްގެ ނަމާއެކު "އައި ލަވް" މިހެން ލިޔެލާފައި ވެއެވެ. އެހެން ކަމުން އެ މީހަކު ނިސްބަތްވާ ރަށާމެދު ޝުއޫރު ފާޅުކޮށްލާ، ރަށް ދެކެ ލޯބިވާކަން ހާމަކޮށްލުމަށް ގިނަ ބަޔަކު އެ އުނދޯލިތަކުގައި އިށީންދެ ފޮޓޯ ނަގާ، ސޯޝަލް މީޑިއާއަށް ދޫކޮށްލަނީ އެވެ. އެއީ ރަށް ދެކެ ލޯބި ވީ އެވެ.

މޫދު އުނދޯލި އެންމެ ބޮޑަށް މަޝްހޫރު ވެގެންދިޔައީ ކ. ގުޅީގައި "އައި ލަވް ގުޅި" ލިޔެފައިވާ ބޯޑަކާއެކު އެ ރަށުގެ މޫދުގައި އެލުވި އުނދޯލިންނެވެ. އެ ރަށައް ޒިޔާރަތްކުރާ ވަރަށް ގިނަ ބަޔަކު އެ އުނދޯލީގައި އިށީންދެ ފޮޓޯ ނަގާ ހަދައެވެ. ގިނަ އަދަދެއްގެ ފަތުރުވެރިން ވެސް ޒިޔާރަތްކުރާ ގުޅީގެ މޫދު އުނދޯލި ވެގެންދިޔައީ ފަތުރުވެރިންގެ މެދުގައި ވެސް މަގުބޫލް އެއްޗަކަށެވެ.

ގުޅީގެ އެ ފޮޓޯތައް ވަރަށް ބޮޑަށް ޓްރެންޑްވެފައިވާއިރު ރާއްޖޭގެ ބައެއް އެހެން ރަށްރަށުގެ ވިލުގައި ވެސް ހަމަ އެގޮތަށް އުނދޯލި އެލުވައިފި އެވެ. ރަސްދޫ އަކީ އެގޮތުން ފާހަގަކޮށްލެވޭ ރަށެކެވެ. އެ ނޫންވެސް ބައެއް ރަށްރަށުގައި ރީތި ހިތްގައިމު މޫދު އުނދޯލިތައް އެލުވާފައި ވެއެވެ.

މިފަހަރު މޫދު އުނދޯލި ތަފާތު ކޮށްލީ ހއ. ތަކަންދޫންނެވެ. ހާހެއްހާ މީހުންގެ އާބާދީއެއް އޮތް ތަކަންދޫއަކީ ގުދުރަތީ މުއްސަދިކަން ލިބިފައިވާ ރަށެކެވެ. ރަށުގައި ފާހަގަކޮށްލެވޭ ބޮޑު ދެ ކުޅި އޮވެއެވެ. މިފަހަރުގެ ބޮޑު ޗުއްޓީ ބަންދާ ދިމާކޮށް ތަކަންދޫގެ ބައެއް ޒުވާނުން އިސްނަގައިގެން އެ ރަށުގެ އުތުރު އަވަށު ކުޅީގައި ވަނީ ބައެއް ރަށްރަށުގެ މޫދުގައި އެލުވައިގެން އުޅޭ ކަހަލަ އުނދޯޏެއް ކުޅީގެ ތެރެއަށް ގެންގޮސްފަ އެވެ.

ޒުވާނުންތަކެއްް އިސްނަގައިގެން ކުޅިއަށް ބޭލި އުނދޯއްޔާއެކު މޫދު އުނދޯލީގެ ޓްރެންޑް ތަކަންދޫއިން މިވަނީ ބަދަލުކޮށްލާފަ އެވެ. މިއީ ބޮޑު ޗުއްޓީއާއި ދިމާކޮށް ތަކަންދޫއަށް ދިޔަ އެތައް ބަޔަކަށް އުފާވެރިކަން ގެނެސްދިން އުނދޯޏަކަށް ވަނީ ވެފައެވެ.

ތަކަންދޫ މީހުން އެ ރަށުގެ ކުޅީގައި ހަރުކުރި އުނދޯލީގައި އިށީންދެ ތިބެގެން ނަގާފައިވާ ވަރަށް ގިނަ ފޮޓޯތައް ސޯޝަލް މީޑިއާއަށް ދޫކޮށްލުން ގިނަ ބަޔަކަށް އެ ފޮޓޯތައް ވަނީ ވަރަށް ކަމުގޮސްފަ އެވެ.

މޫދު އުނދޯލިތަކާއި ހިލާފަށް ގުދުރަތީ މުއްސަދިކަން އިންތިހާއަށް ލިބިފައިވާ ކުޅީގައި އެލުވި އުނދޯލި ވަރަށް ހިތްގައިމު ވެއްޖެ އެވެ. ވަށައިގެން ކަނޑުލާއި، ރަނޑޫ އަދި ބޮޑަވަކި ފަދަ ގަސްތައް ހެދިފައިވާ ކުޅިއަށް އެ އުނދޯލީގެ ސަބަބުން އިތުރު ހިތްގައިމުކަމެއް ލިބިގެން ވެސް ހިނގައްޖެ އެވެ.

އެ މަސައްކަތް ކުރި ޒުވާނުން ވަނީ ކުޅީގައި ބޮއްކުރާ ދުއްވާލެވޭނެ އިންތިޒާމްވެސް ހަމަޖައްސާދީފަ އެވެ. މިއީވެސް ތަކަންދޫގެ ގިނަ ބަޔަކު މީގެ ކުރިން ކުރި ތަޖުރިބާއެއް ނޫނެވެ. މީގެ ގަރުނެއްހާ ދުވަސްކުރިން ތަކަންދޫގެ ބައެއް ފަޅު އޮޑިފަހަރު އެ ކޯރުގައި އަޅާފައި ބާއްވާ ކަމަށްވެއެވެ. އެއީ މޫސުން ގޯސް، ކަނޑުގަދަ ދުވަސްވަރުގައެވެ. އެތައް އަހަރަކަށް ފަހު އާއިލާއާއި ރަހުމަތްތެރިންނާއެކު ބޮޑު ކުޅީގައި ބޮއްކުރާ ޖަހާލުމުގެ ފުރުސަތު މިފަހަރު އެތައް ބަޔަކަށް ލިބިގެން ދިޔައެވެ.

ތަކަންދޫ ކުޅީގައި އެލުވި އުނދޯއްޔަށް އަރާށާއި ކުޅީގައި ބޮއްކުރާ ޖަހާލަން ކައިރި ރަށްރަށުން ވެސް މީހުން ދެ އެވެ. އާއިލާތައް އެކުގައި ކޮންމެ ދުވަހަކު އެ ސަރަހައްދަށް ދަތުުރު ގޮސް ހަދައެވެ.