ރައީސް މައުމޫން އަބްދުލްގައްޔޫމް

އަންހެން ކުދިން ހިތާނުކުރާކަށް ނުޖެހޭ: މައުމޫން

އަންހެން ކުދިން ހިތާނުކުރަން ނުޖެހޭ ކަމަށާ އެއީ ދީނުގައިވާ ކަމެއް ނޫން ކަމަށް ދީނީ އިލްމުވެރިޔާ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫން މިހެން ވިދާޅުވެފައިމިވަނީ އަންހެންކުދިން ހިތާނުކުރުމާ ގުޅޭގޮތުން ފިގުހު އެކަޑަމީގެ ލަފަޔަކަށް އިސްލާމިކް މިނިސްޓްރީން އެދިފައިވަނިކޮށެވެ. އެ މިނިސްޓްރީން އެފަދަ ލަފަޔަކަށް އެދުނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކަމުގެ ލަފަޔަކަށް އިސްލާމިކް މިނިސްޓްރީގައި އެދުމާއި ގުޅިގެންނެވެ.

ރައީސް މައުމޫން މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ އަންހެން ކުދިން ހިތާނު ކުރުމަކީ ދީނުގައި އޮތް ކަމެއް ނޫން ކަމަށެވެ. އަދި އިސްލާމްދީނަކީ އިންސާނުންގެ ރައްކާތެރިކަމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ ދީނެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ޖިސްމާނީ ގޮތުންނާއި، ނަފްސާނީ ގޮތުން އިންސާނުންގެ ރައްކާތެރިކަމަށް ދީން ބާރު އަޅާ ކަމަށެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވަނީ ފަތުވާ މަޖިލީހުގެ ރައީސް ޝައިހް މުހައްމަދު ރަޝީދު އިބްރާހިމަށް، އަންހެނުން ހިތާނުކުރުމާ ގުޅޭ ރައުޔެއް ވީ އެންމެ އަވަހަކަށް ފޮނުއްވައި ދެއްވުން އެދި ސިޓީއެއް ފޮނުއްވާފައެވެ.

ރާއްޖޭގައި މީގެ އަަހަރުތަކެއް ކުރިން އަންހެން ކުދިން ހިތާނުކުރުވައެވެ. ނަމަވެސް ފަހުން އެކަން މުޅިން ވަނީ ހުއްޓިފައެވެ. އެއީ ދީނީ ކަމެއްކަމަށް ބުނެ ބައެއް ރަށްރަށުގައި އެކަން ކުރުވާ މީހުން އުޅޭ ކަމަށްވެއެވެ. ނަމަވެސް އަންހެން ކުދިން ހިތާނު ކުރުމަކީ ދީނުގައިވާ ކަމެއް ނޫނެވެ.

އަރަބި ބައެއް ގައުމުތަކުގައި އަދި އެފްރިކާގެ ބައެއް ގައުމުތަކުގައި އެ އާދަ ވަރަށް ބޮޑަށް އޮވެއެވެ. އެއީ އެ މީހުންގެ ދުވަސްވީ އާދައެކެވެ. ނަމަވެސް ސިއްހީ މާހިރުން ގެންދަނީ އެކަން ނުކުރުމަށް އިލްތިމާސް ކުރަމުންނެވެ.