ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

ފަނޑިޔާރުގެ މައްސަލަ ހުށައަޅަނީ ދޮގު ހަދާފައިވާތީ

ރ. އިންނަމާދޫ މެޖިސްޓްރޭޓް ކޯޓްގެ މެޖިސްޓްރޭޓްގެ މައްސަލަ ޖޭއެސްސީއަށް ހުށައަޅަން ނިންމީ ބިދޭސީއަކަށް ހަމަލާ ދީގެން ހައްޔަރުކުރި ދެ މީހުން ދޫކޮށްލަން ނިންމި ނިންމުމުގައި ދޮގު ހަދާފައިވާތީ ކަމަށް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

އެ އޮފީހުގެ އިސް އޮފިޝަލަކު ވިދާޅުވީ ބިދޭސީއަކަށް ހަމަލާ ދީގެން ހައްޔަރުކުރި ދެ މީހުން އިންނަމާދޫ ކޯޓުން ދޫކޮށްލާފައިވާއިރު، އެ ދެ މީހުން ދޫކޮށްލީ ޝަރީއަތަށް އެއްވެސް ހެއްކެއް ހުށައަޅާފައި ނެތުމުން ކަމަށް ބުނެ މެޖިސްޓްރޭޓް ދޮގު ހަދާފައިވާ ކަމަށެވެ.

އެހެން ކަމުން ޖޭއެސްސީއަށް ހުށައަޅާ މައްސަލައަކީ މެޖިސްޓްރޭޓް ދޮގު ހެއްދެވި މައްސަލަ ކަމަށާ ޕީީޖީ އޮފީހުން އެދޭނީ އެ މައްސަލައިގެ ކަން ހިނގާދިޔަ ގޮތް ޖޭއެސްސީން ބަލަން ކަމަށެވެ.

"މިއީ ފަނޑިޔާރުގެ އެ ނިންމެވުމާ ގުޅުންހުރި ކަމެއް ނޫން. ނަމަވެސް ފަނޑިޔާރަކު އެ މަގާމުގައި ހުންނަވައިގެން އަދި އަމުދުން މިފަދަ ކަމެއްގައި ދޮގު ހަދައިގެން ނުވާނެ. އެއީ ފަނޑިޔާރެއްގެ ޝަރުތު ގެއްލޭނެ ކަމެއް. އެހެންވީމަ ކޯޓަށް ލިޔުންތަކާއި، މަންޒަރުދުށް މީހަކާ، މެޑިކަލް ރިޕޯޓްތައް ވެސް ހުށައަޅާފައި ވަނިކޮށް އެއްވެސް ހެއްކެއް އަދި ލިޔެކިޔުމެއް ހުށައަޅާފައި ނެތް ކަމަށް ފަނޑިޔާރު ވިދާޅުވުމަކީ ވަރަށް ބޮޑު ގޯހެއް. އެހެންވީމަ މިކަމުގައި ފަނޑިޔާރު ދޮގު ހަދާފައިވާ ކަމަށް ބެލެވޭތީ އެކަން ބަލައިދިނުމަށް އަޅުގަނޑުމެން ޖޭއެސްސީއަށް މި ހުށައަޅަނީ. މިއީ އެ ނިންމެވުމާ ގުޅިގެން ނިންމި ނިންމުމެއް ނޫން." އޮފިޝަލް ވިދާޅުވިއެވެ

ޕީޖީގެ އޮފިޝަލް ވިދާޅުވީ މިފަހުން ދަށު ކޯޓްތަކުގެ ބައެއް ފަނޑިޔާރުން އެފަދަ ކަންކަން ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި މީގެ ކުރިން ވެސް މިފަދަ މައްސަލަތަކުގައި ފަނޑިޔާރުންގެ މައްސަލަތައް ބެލުމަށް ޖޭއެސްސީއަށް ހުށައަޅާފައިވާ ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ.