ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދަރުމަވަންތަ ހޮސްޕިޓަލް

ދަރުމަވަންތަ އައިސީޔޫގައި ފަސް މީހަކަށް ފަރުވާދެނީ

ކޮވިޑް-19 ޖެހިގެން ފަރުވާ ހޯދަމުންދާ ފަސް މީހަކަށް ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.

ކޮވިޑްގައި ފުރަތަމަ ފަހަރަށް ދިވެއްސަކު މަރުވުމާއި ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. މޫސާ ހުސައިން ވިދާޅުވީ ކޮވިޑްގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ހަދާފައިވާ އައިސީޔޫގައި މިވަގުތު ފަސް މީހަކަށް ފަރުވާ ދެމުންދާ ކަމަށެވެ.

އެއީ ހަތަރު ދިވެހިންނާ ބިދޭސީއެކެވެ. ބިދޭސީ މީހާއަކީ ޕާކިސްތާނު މީހެކެވެ.

އައިސީޔޫގައި ފަރުވާ ދެމުންދަނީ 80 އަހަރުގެ މީހަކާއި، 70 އަހަރުގެ މީހެއްގެ އިތުރުން 60 އަހަރުގެ މީހަކާއި 40 އަހަރުގެ ދެ މީހެކެވެ. އޭގެ ތެރެއިން ތިން މީހުންނަކީ އެހެން ބަލިތަކަށްވެސް ފަރުވާ ހޯދަމުންދާ މީހުންނެވެ.

ޑރ. މޫސާ ހުސައިން ވިދާޅުވީ އެ ފަސް މީހުންނަށް އައިސީޔޫގައި ފަރުވާ ދެމުންދިޔަ ނަމަވެސް އެކަކުވެސް ވެންޓިލޭޓަރަށް ނުލާ ކަމަށެވެ. ނަމަވެސް ތިން މީހުންނަށް އޮކްސިޖަން ސަޕޯޓް ދެމުން ގެންދާ ކަމަށެވެ.