ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 86 މީހަކަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލްގައި ކަމަށާ އޭގެ ތެރެއިން ތިން މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށް އެޗްއީއޯސީން ބުނެފި އެވެ. އޮގަސްޓް މަހުގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު ބޮޑު ތަނުން އިތުރުވީ ނަމަވެސް އޭގެ ފަހުން އެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށައް ގޮސްފައެވެ.
އޭގެ ފަހުން އޮކްޓޫބަރު މަހުން ފެށިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.
މި ވަގުތު ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނީ 86 މީހަކަށެވެ. އެއީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދާ 81 މީހަކާއި ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ތިން މީހަކާއި ގަމުގައި ހުންނަ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ދެ މީހެކެވެ.
އޭގެ ތެރެއިން ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ތިން މީހުންނަށް ފަރުވާ ދެމުން ދަނީ އައިސީޔޫގައެވެ. މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދާ 81 މީހުން ތިބީ ވޯޑްގައެވެ.
ކޮވިޑްގައި ރާއްޖެއިން 46 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރެއިން 8 މީހަކު މަރުވީ މި މަހުއެވެ. އޮގަސްޓް މަހު 12 މީހަކު މަރުވިއެވެ. މިއަދުގެ މިހާތަނަށް ރާއްޖެއިން 12,608 މީހަކަށް ވަނީ ކޮވިޑް ޖެހިފައެވެ. އޭގެ ތެރެއިން 11،599 މީހުން ވަނީ ރަނގަޅުވެފައެވެ. މިވަގުތު ބަލިން ރަނގަޅުނުވެ ތިބީ 956 މީހުންނެވެ.