ހަބަރު

ފުލުހެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލައިފި

Jan 7, 2015

ވިލިމާލޭގައި ޑިއުޓީ އަދާ ކުރަމުން ދިޔަ ފުލުހެއްގެ ގަޔަށް ވަޅި ހަރައި ވަރަށް ބޮޑަށް ޒަޚަމް ކޮށްލައިފިއެވެ.

ފުލުހުން ބުނީ މިއަދު މެންދުރު ފަހު 3:00 ޖަހާ އެހާކަންހާއިރު ތޫނު އެއްޗަކުން ހަމަލާދީ ފުލުހަކު ޒަޚަމް ކޮށްލާފައިވާ ކަމަށާއި އެ ހަމަލާ ދިން މީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ބުނީ އެ މީހާ، ފުލުސް މީހާއަށް ހަމަލަ ދިނީ 17 ސެންޓިމީޓަރުގެ ވަޅިއަކުން ކަމަށާއި ހަމަލާ ދީފައި ވަނީ ވިލިމާލޭ ފިހާރައަކުން ވައްކަން ކުރި މައްސަލައަކާއި ގުޅިގެން ހައްޔަރުކޮށްގެން ގެންދަން މަސައްކަތް ކުރުމުގެ ތެރޭގައި ކަމަށެވެ.

މި ހަމަލާގައި ޒަޚަމްވި ފުލުސް މީހާއަށް ވިލިމާލެ ސިއްޙީ މަރުކަޒުން ފަރުވާދިނުމަށްފަހު އިތުރު ފަރުވާ ދިނުމަށް މިހާރު ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފަ އެވެ.

ވަޅިން ހަމަލަދިން މީހާއަކީ އަކީ ވައްކަމުގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެކެވެ. އަދި އޭނާގެ މައްޗަށް ތުޙުމަތު ކުރެވޭ މައްސަލައެއްގެ ތަޙުޤީޤު ނިންމާ ދަޢުވާ ކުރުމަށް ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވެސް ވެއެވެ. 

ޑިއުޓީގައި އެޅެނިކޮށް ހަމަލާދީގެން ވަރަށް ގިނަ ފުލުހުން އެކި ފަހަރު މަތިން ޒަހަމްވެފައިވާއިރު ދެ ފުލުހަލު ވަނީ މަރުވެސް ވެފައެވެ.