އައްޑޫ ސިޓީގައި ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދީ ޓެސްޓް ކުރެވޭނެ އިންތިޒާމުތައް ވަރަށް އަވަހަށް ހަމަޖެހިގެން ދާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގައި އައްޑޫ ސިޓީ ތަމްސީލު ކުރައްވާ ހަތް މެންބަރުންނާއި އެ ސިޓީގެ ހޮސްޕިޓަލުގެ އިސްވެރިންނާއި ނައިބު ރައީސް ފައިސަލް ނަސީމް އާއި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އިއްޔެ ވެބް ކޮންފެރެންސް މެދުވެރިކޮށް ބައްދަލު ކުރައްވައިފަ އެވެ.
އެ ބައްދަލުވުމުގައި މަޖިލީހުގައި ތިއްބަވާ އައްޑޫ ސިޓީގައި މެންބަރުން ވަނީ އައްޑޫގައި އެންމެ އަވަހަކަށް ކޯވިޑް-19 އަށް ޓެސްޓް ކުރެވޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވުމަށް އެދިވަޑައިގެންފަ އެވެ. އެ ސިޓީގެ ރަށްރަށަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމާ ބެހޭ ގޮތުންނާއި، ކަރަންޓީން ފެސިލިޓީތަކުގެ ސެކިއުރިޓީގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި އެ ބައްދަލުވުމުގައި ނައިބު ރައީސް ފައިސަލް ވަނީ ސަރުކާރުން އެ ކަންކަން ބަލަމުން ގެންދާ ކަމަށް ވިދާާޅުވެފަ އެވެ. އަދި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) މެދުވެރިކޮށް އައްޑޫ ސިޓީއަށް ފޮނުވަން ބޭނުންވާ ތަކެތި ފޮނުވޭނެ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވަނީ ރަށްރަށަށް ބޭނުންވާ ހުރިހާ ސިއްހީ ވަސީލަތްތައް ފޯރުކޮށްދެވިފައިވާ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އަދި އައްޑޫއާއި ރާއްޖޭގެ އެހެން ރަށްރަށުގައި ކޯވިޑް-19 ޓެސްޓް ހެދުމަށް ބޭނުންވާ ވަސީލަތްތައް ސަރުކާރުން ފޯރުކޮށްދިނުމުގައި ކުރިމަތިވަމުންދާ ގޮންޖެހުންތައް ވެސް ވިދާޅުވި އެވެ.
ސަރުކާރުން އެ ކަންކަން ވީ އެންމެ އަވަހަށް ހައްލުކޮށް އައްޑޫގައި ވެސް ޓެސްޓް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު އަމީން ބައްދަލުވުމުގައި ވިދާޅުވި އެވެ.
މަޖިލީހުގައި އައްޑޫ ދާއިރާތައް ތަމްސީލު ކުރައްވާ މެންބަރުންނާއެކު ސަރުކާރުން މަޝްވަރާކޮށްފައި މި ވަނީ، އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ފަރާތުން މިކަމާ ގުޅޭ ގޮތުން މަޖިލީހަށް ކުއްލި މައްސަލައެއް ވައްދާފައި ވަނިކޮށެވެ. މަޖިލީހުގައި އައްޑޫގެ ދާއިރާތައް ތަމްސީލު ކުރައްވާ ހަތް މެންބަރުންނަކީ ސަރުކާރު ހިންގާ އެމްޑީޕީގެ މެންބަރުންނެވެ.