ރާއްޖޭން ފަރުވާ ކުރެވެން ނެތް ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަން ޖެހިފައިވާ ދިވެހިން ރާއްޖޭން ބޭރަށް ދާނެ އިންތިޒާމުތައް ހަމަނުޖެހި ލަސް ވަމުން ދާތީ ލަސްވާ ސަބަބެއް ރައްޔިތުންގެ މަޖިލީހުން ހޯދަން އެދި މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) ހުށަހަޅުއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އޭނާ ފޮނުއްވި ސިޓީއެއްގައި ވަނީ ކޮވިޑް-19 ގެ ބައްޔަށް ސަމާލުކަން ދިނުމުގެ ސަބަބުން އާންމު ބަލިތަކަށް އެކަށިގެންވާ ވަރަށް ފަރުވާ ނުދެވޭއިރު ރާއްޖޭގައި ފަރުވާ ކުރެވެން ނެތް ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަން ބޭރަށް ނުދެވިފައިވާ ގިނަ އަދަދެއްގެ ދިވެހިން ވަރަށް ހާލުގައި އުޅެމުންދާ ކަމަށެވެ.
މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި އެފަދަ ބަލި މީހުނަށް އެކަށީގެންވާ ފަރުވާ ނުލިބިގެން ދުނިޔެ ދޫކޮށްފައިވާ ކަމަށް ވެސް ޓޮމްގެ އެ ސިޓީގައި ވިދާޅުވެފައިވެ އެވެ. އެފަދަ ބަލި މީހުން ފުރުވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ކަމާ ބެހޭ އިދާރާތަކުން ބުނަމުންދާތާ ދެ މަސްވެގެން ދިޔައިރު ވެސް އަދި އެ ކަން ހަމަޖެހިފައިނުވާ ކަމަށް އެ ސިޓީގައިވެ އެވެ.
އެހެންކަމުން އިންޑިއާ އާއި ސްރީލަންކާ ފަދަ ކައިރި އަވައްޓެރި ގައުމުތަކަށް މިފަދަ ބަލި މީހުނާއި އެ މީހުންގެ އާއިލާތަކަށް ފުރުވާލުމުގެ ކަންކަން ލަސްވަމުންދާ ސަބަބު މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީއަކުން ބެލުމަށް ޓޮމް އެދިވަޑައިގެންފައިވެ އެވެ. އަދި އިހުމާލެއްވާނަމަ އެ ފަރާތްތަކަށް ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅައިދިނުމަށް ވެސް އެދިވަޑައިގެންފައިވެ އެވެ.
ސިއްހީ ހިދުމަތާ ގުޅޭ މައްސަލަތަކެއް މިހާރު ވެސް ކޮމިޓީތަކުން ބަލަމުން ދެ އެވެ. މި ގޮތުން ސިއްހީ ހިދުމަތުގެ ކޮމިޝަނަރު ވެސް އައްޔަން ނުކުރާތާ ހަތަރު އަހަރުވެފައިވާތީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެ މައްސަލަ ބަލަމުންނެވެ. އެ ކޮމިޝަނަރު އައްޔަން ކުރުމުގެ ޒިންމާ އޮންނަނީ ސިވިލް ސާވިސް ކޮމިޝަނަށެވެ.