ހަބަރު

ދިގު ޗުއްޓީއެއް ލިބުމުުން ދަތުރުތަކަށް ރެކޯޑް އަދަދެއްގެ ޑިމާންޑެއް

Sep 20, 2015

މީގެ ކުރިން ނުލިބޭހާ ދިގު ބަންދެއް މިފަހަރުގެ އީދަށް ލިބުމާ އެކު އަތޮޅުތަކަށާއި ރާއްޖެ އިން ބޭރުގެ ދަތުރުތަކަށް އޮންނަ ޑިމާންޑު ރެކޯޑް އަދަދަކަށް މިފަހަރު މައްޗަށް ހިނގައްޖެ އެވެ.

ގައުމީ އެއާލައިން މޯލްޑިވިއަންގެ ދަތުރުތަކަށް އޮތް ބޮޑު ޑިމާންޑާ ގުޅޭ ގޮތުން އެ އެއާލައިންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު ވިދާޅުވީ އީދު ބަންދު ކައިރިވި ވަރަކަށް މޯލްޑިވިއަންގެ ދަތުރުތަކަށް އައީ ބާރު ބޮޑުވަމުން ކަމަށެވެ. އަދި ޑިމާންޑް އިތުރުވުމުގެ ސަބަބުން ބައެއް މަންޒިލްތަކަށް އިތުރު ފްލައިޓްތަކެއް ބާއްވަން ޖެހިފައިވާ ކަމަށް ނަޝާތު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެންމެ ބޮޑު ޑިމާންޑެއް އޮތީ އައްޑޫ އާއި ތ އަތޮޅަށް ކުރާ ދަތުރުތަކަށް ކަމަށެވެ. މީގެ އިތުރުން، ޓްރެވިންޑްރަމްއަށް ކުރާ ދަތުރުތަކުގެ ޑިމާންޑް ވެސް އާދަޔާހިލާފަށް ރަނގަޅު ކަމަށް ވެސް ނަޝާތު ވިދާޅުވި އެވެ.

"ވަރަށް ބޮޑުތަން މިފަހަރު މި އޮތީ ގިނަވެފައި. މިހާރު ހަމަ ހުރިހާ ދަތުރުތަކެއް ވެސް މި އޮތީ ގާތްގަނޑަކަށް ފުލްވެފައި،" ނަޝާތު ވިދާޅުވި އެވެ.

ދިވެހިން އާންމުކޮށް ބޭރަށް ދަތުރު ކުރާ އެއާލައިންތައް ކަމަށްވާ، މެލޭޝިޔާ އެއާލައިންސާއި ސިންގަޕޯ އެއާލައިންސްގެ ރާއްޖޭގެ އެޖެންޓުން ބުނި ގޮތުގައި، އެހެން މަސްމަހަށް ވުރެ އެ އެއާލައިންތަކުން ދިވެހިން ދަތުރު ކުރާ މިންވަރު އިތުރުވެފައިވާ ކަމަށެވެ. އަދި އެގޮތަށް ދިމާވެފައި ވަނީ މިފަހަރު އީދު ބަންދަށް ގިނަ ދުވަސް ލިބޭތީ ކަމަށް އެ އެއާލައިންތަކުން ބުންޏެވެ.

އީދު ބަންދުގެ ގޮތުގައި މިއަދުން ފެށިގެން އަންނަ ހަފްތާގެ އާދިއްތަ ދުވަހާ ހަމަޔަށް ބަންދު ކުރާ ގޮތަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.

އެއާ އެކު އެންމެ ގިނަ ދިވެހިން ދަތުރު ކުރަނީ ސްރީލަންކާއަށް ކަމަށް ބެލެވެ އެވެ. އެއާލައިނުން ހާމަކުރާ ގޮތުގައި އީދު ބަންދުގެ ތެރޭގައި އިތުރު ފަސް ފްލައިޓް ބާއްވާ އިރު ރާއްޖެއިން ލަންކާއަށް 11،000 ދިވެހިން ދަތުރު ކުރާނެ ކަމަށް ބެލެވެ އެވެ. އަދި ލަންކާގައި ތިބި ދިވެހިން ވެސް ޗުއްޓީއަށް ރާއްޖެ އައުމަށް ބުކިންސް ހައްދާފައިވެ އެވެ. އެގޮތުން 9،500 މީހަކު ރާއްޖެ އައުމަށް ވަނީ ބުކިންސް ހައްދާފައި ކަމަށް އެ އެެއާލައިނުން ބުންޏެވެ.

"މިއީ މީގެ ކުރިން މިހާ ބައިވަރު އެއްފަހަރާ ބުކިންސް ނުހައްދާހާ ގިނަ އަދަދެއް،" އެއާލައިންގެ އޮފިޝަލަކު ވިދާޅުވި އެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ލޯންޗް ދަތުރުތަކާއި ކަނޑުމަގުން ދަތުރުތައް ކުރާ ފަރާތްތަކުން ބުނި ގޮތުގައި އީދަށް ހާއްސަކޮށް ބާއްވާ ދަތުރުތަކަށް، މީގެ ހަފްތާއެއްހާ ދުވަސް ކުރިން ވަނީ ޓިކެޓް ވިކިފަ އެވެ. އާންމުކޮށް އަތޮޅުތަކަށް ދަތުރު ކުރާ ބޯޓުތަކުން ފަހަރަކު 100 އެއްހާ މީހުން ދަތުރު ކުރެ އެވެ. ބައެއް ބޯޓުތަކުން ބުނީ އީދާ ދިމާކޮށް މިފަހަރު ދެތިން ދަތުރު ބާއްވަން ޖެހުނު ކަމަށެވެ. ނަމަވެސް ޑިމާންޑް އޮތަސް މޫސުން ގޯސްވުމުގެ ސަބަބުން ދަތުރުތަކަށް ބުރޫއަރާފައިވެ އެވެ.