ހަބަރު

މޫސުމާބެހޭ އިދާރާއިން ޔެލޯ އެލާޓް ނެރެފި

Sep 20, 2015

މޫސުން އިތުރަށް ގޯސްވެދާނެ ކަމަށް އަންދާޒާ ކުރެވޭތީ ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން ޔެލޯ އެލަރޓް ނެރެފިއެވެ. 

މީޓިއޮރޮލޮޖިކަލް ސެންޓަރުން ބުނީ ކުރިޔަށް އޮތް 24 ގަޑިއިރު ތެރޭގައި ވަސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ހިސާބުތަކަށް ގުގުރުމާ އެކު ވިއްސާރަ ކުރުމުގެ އިތުރުން އެވްރެޖްކޮށް ގަޑިއަކު 15 މޭލު ބާރު މިނުގައި ވައި ޖެހޭނެ ކަމަށް އެ އިދާރާއިން ލަފާ ކުރެއެވެ. އަދި ވިލާގަނޑުގައި 45 މޭލަށް ވައިގަަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ލަފާކުރެ އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ޔެލޯ އެލަރޓް ނެރެފައިވާއިރު ރޭ އެކަނިވެސް ކަނޑުމަތީގައި ނުރައްކާތެރި ދެ ހާދިސާއެއް ހިނގާފައިވެއެވެ. މިދުވަސްވަރަކީ  ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރަކަށް ވީނަމަވެސް އީދު ބަންދަށް ގިނަބަޔަކު ދަނީ ކަނޑުމަގުން އެކި ރަށްރަށަށް ދަތުރުކުރަމުންނެވެ. މިފަދަ ދަތުރުތައް ކުރަމުން އަންނަ އިރު ސަލާމަތީ މައްސަލަ ހުރެގެން ބައެއް އުޅަނދުތައް ވަނީ ނުފުރޭ ގޮތަށް ހިފަހައްޓައިފައެވެ. 

ކުރިއަށް އޮތް ދެދުވަހުވެސް ރާއްޖޭގެ ކަނޑުތައް އާދަޔާ ޚިލާފަށް ގަދަވާނެތީ މޫސުމަށް ސަމާލުވެގެން ދަތުރުކުރުމަށާއި، ދަތުރަށް ފެށުމުގެ ކުރިން ދަތުރުކުރާ އުޅަނދުގައި ސަލާމަތީ ކަންތައް ފުރިހަމައަށް ހުރިތޯ ބެލުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުންވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ.