ހަބަރު

މެލޭޝިއާ އެއާލައިނުން ރާއްޖެއަށް ކުރާ ޑައިރެކްޓް ދަތުރުތައް ހުއްޓާލައިފި

Sep 20, 2015

މެލޭޝިއާ އެއާލައިންސުން ރާއްޖެއަށް ކުރާ ޑައިރެކްޓް ފްލައިޓް ދަތުރުތައް ހުއްޓާލައިފި އެވެ.

މެލޭޝިއާ އެއާލައިންސުން މެދުކެނޑުމެއްނެތި 14 އަހަރު ވަންދެން ރާއްޖެއަށް ކުރި ދަތުރުތައް ހުއްޓާލަން ޖެހުނީ، މިދިޔަ އަހަރުން ފެށިގެން މެލޭޝިއާ އެއާލައިންސަށް އިގްތިސާދީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބި، އެ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން ކަމަށް މެލޭޝިއާ އެއާލައިންސްގެ ދަތުރުތައް ރާއްޖޭގައި އޮޕަރޭޓްކުރާ ޓްރެވަލް އެޖެންޓް ވިލާ ޓްރެވަލްސް އިން ބުންޏެވެ.

"އަވަސް" އަށް މައުލޫމާތު ދެއްވަމުން ވިލާ ޓްރެވަލްސްގެ މެނޭޖިން ޑިރެކްޓަރު އަލީ އިބްރާހިމް ވިދާޅުވީ، މެލޭޝިއާ އެއާލައިންސަށް މިދިޔަ އަހަރުން ފެށިގެން އިގްތިސާދީ ގޮތުން ލިބެމުންދިޔަ ބޮޑެތި ގެއްލުންތަކާ ގުޅިގެން އެ އެއާލައިނުގެ ދަތުރުތައް ހުއްޓާލަން އުޅޭ ކަމުގެ ލިޔުމެއް، މިދިޔަ ޖުލައިމަހު އެ އޮފީހަށް ފޮނުވި ކަމަށެވެ.

އެ ލިޔުމާއި ގުޅިގެން އެންމެ ފަހަކަށް ރާއްޖެއިން މެލޭޝިއާގެ ކުއަލަލަންޕޫރަށް ފްލައިޓެއް ދަތުރުކޮށްފައިވަނީ މިދިޔަ އޮގަސްޓު މަހުގެ 22 ވަނަ ދުވަހު ކަމަށް އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މެލޭޝިއާ އެއާލައިންސަށް ދިމާވަމުންދިޔަ ފައިނޭންޝިއަލް ގެއްލުންތަކާ ހެދި އެ ކުންފުނީގެ ސީއީއޯ ބަދަލުކޮށް، އާ ސީއީއޯގެ އެންގުމުގެ ދަށުން ކުންފުނި އަލުން ކޮޅަށް ޖެހުމަށް އެޅި ބައެއް ފިޔަވަޅުތަކުގެ ތެރޭގައި، އެ އެއާލައިނުން ފްލައިޓް އޮޕަރޭޓްކުރާ ގިނަ އަދަދެއްގެ ޑެސްޓިނޭޝަންތަކުގެ ފްލައިޓްތައް ސަސްޕެންޑް ކުރި ކަމަށެވެ. އަދި އެ އެއާލައިނުގެ ފްލައިޓުތައް އެހެން އެއާލައިންތަކާއި ގުޅިގެން "ކޯޑް ޝެއާ" ފްލައިޓް ތަކެއްގެ ގޮތުގައި އޮޕަރޭޓްކުރަން ހަމަޖެއްސި އެވެ.

ކުންފުނީގެ މުވައްޒަފުންގެ އަދަދު މަދުކުރަން 6000 އަށް ވުރެ ގިނަ މީހުން ވަޒީފާއިން ވަކިކޮށް، މުވައްޒަފުންގެ މުސާރަ ވެސް ކުޑަ ކުރިއެވެ. ރާއްޖެއާ ދެމެދު ކުރި ދަތުރުތަކާއި އެކު، ޖަރުމަނު ފަދަ ގައުމުތަކަށް އެ އެއާލައިންސުން ކުރި ދަތުރުތައް ވެސް ހުއްޓާލިއެވެ.

"ކުންފުނީގެ ހާލަތު ބަދަލުކުރަން ނެގި ފިޔަވަޅެއް އެއީ. މުވައްޒަފުން މަދުކޮށް، މުސާރަ ކުޑަކޮށް، އެ އެއާލައިނުން ދަތުރުކުރީމަ ކަނޑައެޅިގެން ގެއްލުންވާ ފްލައިޓްތައް ހުއްޓާލީ،" އަލީ އިބްރާހިމް ވިދާޅުވިއެވެ.

ޑައިރެކްޓް ދަތުރުތައް ހުއްޓާލިޔަސް އަދިވެސް މެލޭޝިއަން އެއާލައިނުގެ ޓިކެޓް ރާއްޖެއިން ލިބޭނެ ކަމަށް އަލީ ވިދާޅުވިއެވެ. އެހެން ނަމަވެސް އެ ޓިކެޓުގައި ފުރަތަމަ ދަތުރުކުރާނީ ސިރީލަންކަން އެއާލައިނުން ކޮލަމްބޯ އަށެވެ. އަދި ކޮލަމްބޯ އިން މެލޭޝިއަން އެއާލައިންސް ފުލައިޓެއްގައި ކުއަލަލަމްޕޫރަށެވެ.

އެގޮތަށް ހަމަޖައްސާފައިވަނީ ސްރީލަންކަން އެއާލައިނާއި މެލޭޝިއަން އެއާލައިންސާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.

"މިހާރު ދޫކުރާ މެލޭޝިއަން އެއާލައިންގެ ޓިކެޓުގައި މާލެއިން ކޮލަމްބޯއަށް ދަތުރުކުރާނީ ސްރީލަންކަން އެއާލައިނުގައި. އެ ދާ ދުވަހު ޓްރާންސިޓްކޮށް ދާން ބޭނުން ނުވާ މީހުންނަށް ކޮލަމްބޯ އެއާޕޯޓުން ހަމަ އެޓިކެޓުގައި މެލޭޝިއާއަށް ދެވޭނެ ލަންކާގައި ދެތިން ދުވަހު މަޑުކޮށްފަވެސް މެލޭޝިއަން އެއާލައިންސް ފްލައިޓެއްގަ. އެހެން އޮތަސް އަގަކަށް ނާދޭ ބަދަލެއް،" އަލީ ވިދާޅުވިއެވެ.

އަލީ ވިދާޅުވީ، އެ ބަދަލުތަކާ ގުޅިގެން މެލޭޝިއަން އެއާލައިނުން ދަތުރުކުރާ ފަސިންޖަރުންނަށް ދިމާވާ ދައްޗަށް ހިތްހަމަޖެހުމެއް ހޯދަދޭން ޓިކެޓް އަގުހެޔޮކުރެވޭނެ ގޮތެއް ހޯދަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން މާލެއާއި މެލޭޝިއާގެ އިތުރުން ބެންކޮކް އޮސްޓްރޭލިއާ ބެއިޖިންގް ފަދަ ގައުމުތަކަށް ވެސް މިހާރަށް ވުރެ ކުޑަ ފެއާއެއް ގައި ދަތުރުކުރެވޭގޮތް ހަދައިދިނުމަށް އެދި މެލޭޝިއަން އެއާލައިންސަށް ޕްރޮޕޯސަލް ފޮނުވާފައިވާ ކަމަށެވެ.

މެލޭޝިއަން އެއާލައިންސުން މާލެއިން ކުއަލަލަމްޕޫރަށް ދަތުރުކުރާ ފްލައިޓް ޓިކެޓެއްގެ މިހާރުގެ އަގަކީ ގާތްގަނޑަކަށް 400 ޑޮލަރެވެ.