ހަބަރު

ލަފާކުރި ވަރަށް ވުރެ އަވަހަށް ލ ލިންކް ރޯޑް ނިންމާލެވޭނެ: ކައުންސިލް

Sep 21, 2015

ލ އަތޮޅު ގަމާއި ފޮނަދުއާ ދޭތެރޭގައި ހަދާ ލިންކު-ރޯޑުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށް ލ އަތޮޅު ކައުންސިލް އިދާރާއިން ބުނެފި އެވެ.

ލ އަތޮޅު ކައުންސިލް މެންބަރު މުހައްމަދު ފަރީދު "އަވަސް" އަށް ވިދާޅުވީ، ލިންކުރޯޑުގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށެވެ. ދެ ރަށް ގުޅުވައިދޭ މަގު އެއްކޮށް ހިއްކައި ނިމި، މަގުގެ ތާރައެޅުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންނަމަވެސް ވިއްސާރައިގެ ސަބަބުން މިދުވަސްކޮޅު މަސައްކަތް މަޑުޖެހިފައިވާ ކަމަށް ފަރީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ލިންކު ރޯޑުގެ މަސައްކަތް ސަރުކާރުން ކަނޑައަޅާފައިވާ މުއްދަތަށް ވުރެ ކުރިން ނިމޭނެ އެވެ.

"މަސައްކަތް ވަރަށް ބާރަށް ކުރިއަށްދޭ. އާންމުކޮށް މި ރަށްރަށުގައި ފަށާ އެހެން ޕްރޮޖެކްޓުތަކަށް ވުރެ މި މަސައްކަތަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ބޮޑު. ކަނޑައަޅާފައި އޮތް ވަގުތަށްވުރެ ކުރިން ނިމޭނެ، ލަފާކުރެވެނީ އަންނަ އަހަރުގެ ކުރީ ކޮޅު ނިމޭނެ ކަމަށް،" ފަރީދު ވިދާޅުވި އެވެ.

ޗައިނާ ސަރުކާރުން 30 މިލިއަން ޑޮލަރު ހަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ މަަސައްކަތް ކުރިއަށް އޮތް 09 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަަޖެހިފަ އެވެ.