ހަބަރު

ދެމެހެއްޓެނިވި ތަރައްގީ ގެންނަން ގާނޫނީ ބާރުވެރިކަން ބޭނުން: ތޯރިގް

Sep 25, 2015

ތިމާވެށީގެ ދެމެހެއްޓެނިވި ތަރައްގީއާބެހޭ އެޖެންޑާ ތަންފީޒުކުރުމަށް ބޭނުންވާނެ ވަސީލަތްތައް ހޯދަން ގާނޫނީ ބާރު ހިނގާ އެއްބަސްވުމެއް އެކުލަވާލެވުމަކީ މުހިއްމު ކަމެއް ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ނިއުޔޯކުގައި ހުންނަ އދ ގެ މައި މަރުކަޒުގައި މިއަދު ފެށި، އެލަޔަންސް އޮފް ސްމޯލްއައިލަންޑް ސްޓޭޓް (އެއޮސިސް) ގެ ވަޒީރުންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، 2030 ވަނަ އަހަރުގެ ފަހުން އަމަލުކުރާ ދެމެހެއްޓެނިވި ތަރައްޤީއާބެހޭ އެޖެންޑާ ތަންފީޒުކުރަން ބޭނުންވާނެ ވަސީލަތްތައް ހޯދަން ގާނޫނީ ބާރު ހިނގާ އެއްބަސްވުމެއް އެކުލަވާލަން ޖެހޭ ކަމަށެވެ.

އެހެންކަމުން އަންނަ ޑިސެމްބަރު މަހު ޕެރިހުގައި ބާއްވާ ތިމާވެއްޓާ ބެހޭ ކޮންފަރެންސްގައި އެ އެއްބަސްވުން އެކުލަވާލުމަކީ މުހިއްމުކަމެއް ކަމަށް މިނިސްޓަރު ތޯރިގު ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުމުގައި ބައިވެރިވި އެހެން ގައުމުތަކުގެ މިނިސްޓަރުން ވެސް ވަނީ މިކަމަށް ތާއީދުކޮށް، އެއްބަސްވުމުގައި ހިމަނަން ޖެހޭ ކަންތައްތަކާމެދު މަޝްވަރާކޮށްފައެވެ.

އެގޮތުން އެއްބަސްވުމުގައި ހިމަނަން ޖެހޭ މާއްދާތައް އެ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.

އިޔާދަނުކުރެވޭ ކަންކަމަށް ބަދަލުހޯދުމާއި، އެކި ގައުމުތަކުން އުފުލަންޖެހޭ ޒިންމާ އެއްބަސްވުމުގެ ދަށުން ތަފާތުކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަ ޙައްލުކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ލިބޭނެ ގޮތްތައް އެއްބަސްވުމުގައި ހިމަނަން ޖެހޭ ކަމަށް ވަޒީރުން ހުށަހަޅާފައިވެއެވެ.

މި ބައްދަލުވުމަކީ އެއޮސިސްގެ ޗެއާ އަކަށް ރާއްޖެ ހޮވުމު ފަހުން ބޭއްވި ފުރަތަމަ ވަޒީރުންގެ ބައްދަލުވުމެވެ. މިއަދުގެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމެވެ.