ހަބަރު

އެއާޕޯޓްގައި ހުރި ބޮންޑެޑް ވެއާހައުސްތައް ހުޅުމާލެއަށް ބަދަލު ކުރަނީ

Sep 26, 2015

ހުޅުމާލޭގައި ހަތަރު ބުރީގެ ބޮޑު ބޮންޑަޑް ވެއާހައުސް އެއް ގާއިމް ކުރަން މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ނިންމައިފި އެވެ.

އެމްޕީއެލްގެ އިލެކްޓްރޯނިކް ޑިޕާޓްމަންޓްގެ އިންޗާޖް އަހުމަދު އިނާން "އަވަސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށްޓަކައި ހުޅުލޭގައި ހިދުމަތް ދެމުން އަންނަ ބޮންޑަޑް ވެއާހައުސް ވަގުތީގޮތުން ހުޅުމާލޭގެ އެމްޕީއެލް ޓާމިނަލް އަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިމަޝްރޫއުގެ ދަށުން ހަތަރު ބުރީގެ ބޮންޑަޑް ވެއާހައުސް އެއް ހުޅުމާލޭގައި ގާއިމް ކުރާނެ ކަމަށް އިނާން ވިދާޅުވި އެވެ.

"އެއާޕޯޓު ތަރައްގީ މަޝްރޫއަށް ޓަކައި ހުޅުމާލޭގައި ބޮންޑަޑް ވައާހައުސް އެއް ގާއިމް ކުރަން ހަމަޖެއްސީ. މިމަޝްރޫއުގެ ދަށުން ގާއިމް ކުރާނީ ހަތަރު ބުރީގެ ވަރަށް ފުރިހަމަ ބޮންޑަޑް ވެއާހައުސް އެއް،" އިނާން ވިދާޅުވި އެވެ

އިނާން ވިދާޅުވީ ހުޅުމާލޭގައި ގާއިމް ކުރާ ބޮންޑަޑް ވެއާހައުސްއިން އިތުރު ފަރާތް ތަކަށް ޖާގަ ލިބިގެންދާނެ ކަމަށެވެ. އިނާން ވިދާޅުވި ގޮތުގައި އިތުރަށް ޖާގަ ބޮޑު ކުރުމަށް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގައި މިހާރު ވަނީ އެދިފަ އެވެ.

"ކުރިޔާއި ހިލާފަށް މިހާރު ގާއިމް ކުރަން ފަށާ ވެއާހައުސް ހަތަރު ފްލޯއަށް ހިއްލީމަ އޭގެ ސަބަބުން އިތުރު ފަރާތް ތަކަށް ފުރުސަތު ލިބިފައި ވެއާހައުސްއިން ދޭ ހިދުމަތް އިތުރަށް ރަނގަޅުވާނެ. ނަމަވެސް އަދިވެސް އިތުރު ޖާގަ ހޯދުމަށް ވާނީ އެޗްޑީސީ އަށް އެދިފައި،" އޭނާ ވިދާޅުވި އެވެ.

ހުޅުމާލޭގައި ބޮންޑަޑް ވެއާހައުސްއެއް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް އަންނަ މަހު އެކެއްގައި ފަށަން ހަމަޖެހިފައިވާ އިރު މިމަސައްކަތަށް އަރާ ހަރަދެއް އެމްޕީއެލް އިން އަދި ހާމައެއް ނުކުރެ އެވެ.