ކޮވިޑް-19 އިގެ ބަލިމަޑުކަމާ ގުޅިގެން މާލެ ސަރަހައްދަށް އިއުލާނު ކޮށްފައިވާ ލޮކްޑައުންގެ މުއްދަތު އިތުރުކޮށްފި އެވެ
ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ މިރޭ ނެރުނު އެންގުމުގައި ބުނެފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ލޮކްޑައުންއަށް ދީފައިވާ ލުއިތަކާއެކު ކޮވިޑްގެ ބަލި ފެތުުރެމުންދާ ހާލަތަށް ބެލުމަށްފަހު މިމަހުގެ 15 ވަަނަ ދުވަހުން ފެށިގެން ލުއި ދިނުމަށް ނިންމާފައިވާތީ އެ މުއްދަތުގެ ނިޔަލަށް ލޮކްޑައުން އިތުރުކުރާ ކަމަށެވެ.
މި ހާލަތުގައި މާލެ، ހުޅުމާލެ، ވިިލިމާލޭގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް ނިކުތުން މަނާވާނެއެވެ. އަދި މާލެ، ހުޅުމާލެ، ވިލިމާލޭގައި ޕަބްލިކް ޓްރާސްޕޯޓްގެ ހިދުމަތް ދިނުމާއި، މާލެ، ހުޅުމާލެ، ވިލިމާލެ އަދި ގުޅިފަޅަށް މީހުން އަރާ ފޭބުން މަނާވާނެ އެވެ.
މި ހާލަތުގައި ދީފައިވާ ލުއިތައް
- ޒަރޫރީ ބޭނުންތަކަށް ބޭރަށް ނިކުތުމަށް ދޫކުރެވޭ ހުއްދަތައް އިތުރުކުރުން
- އުމުރުން 60 އަހަރުން މަތީގެ މީހުން ހުއްދަ ލިބިގެން ގެއިން ބޭރަށް ނިކުތުން
- މީހުން އެއްތަނުން އަނެއް ތަނަށް ދިއުމަށް ޓެކްސީތަކަށް ހުއްދަ ދިނުން އިތުރުކުރުން
- މާލެއާއި ތިލަފުއްޓާއި ދެމެދު މުދާ އުފުލުމަށް ދަތުރުކުރުމުގެ ހުއްދަ ދިނުން އިތުރުކުރުން
- ހުއްދަ ލިބިގެން ސިނާއީ މަސައްކަތްކުރާ ތަންތަނުގައި މަސައްކަތްކުރާ މުވައްޒިފުން އެ މަސައްކަތް ކުރުމަށް ދިއުމުގެ ހުއްދަ ދިނުން
- ހުއްދަ ލިބިގެން ފިހާރަތަކާއި އޮފީސްތައް ހުޅުވުން
- ހުއްދަ ލިބިގެން ކޮންސްޓްރަކްޝަން ސައިޓްތަކުގެ މަސައްކަތް ކުރުން
- ބޭންކްގެ ހިދުމަތް އިތުރުކުރުން
- ސިއްހީ ހިދުމަތާއި އާންމު ހިދުމަތްތައް އިތުުރުކުރުން
އޭޕްރީލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެ ސިޓީ ވަނީ ލޮކްޑައުން ކޮށްފަ އެވެ. އެ ދުވަހުން ފެށިގެން މެއި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ހަރުކަށި ފިޔަވަޅުތަކާއެކު ލޮކްޑައުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ. ނަމަވެސް އެ ދުވަހުން ފެށިގެން ލޮކްޑައުންއަށް ލުއިތަކެއް ދިނެވެ.
ލޮކްޑައުންއަށް ލުއި ދީފައި ވަނީ ބަލި އެންމެ ބޮޑަށް ފެތުރޭނެ ކަމަށް ލަފާކުރެވުނު މުއްދަތު ފަހަނައަޅާގޮސް، ކޮވިޑްގެ ބަލި މީހުން ފެންނަ ނިސްބަތް މަދުވުމާއި ގުޅިގެންނެވެ.