ހަބަރު

މިއަދުގެ ހާދިސާއަކީ ބަޔަކު ދިން ހަމަލާއެއްކަން ބުނަން އަދި އަވަސް: ސަރުކާރު

Sep 28, 2015

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މާލެއަށް ވަޑައިގެންނެވި ލޯންޗުކޮޅުގައި އެއްޗެއް ގޮވި، ހާދިސާއަކީ ބަޔަކު ދިން ހަމަލާއެއްތޯ ނޫންތޯ ބުނަން އަދި މާ އަވަސް ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ. 

"އަވަސް" އާ ވާހަކަފުޅު ދައްކަވަމުން މުންދު ވިދާޅުވީ، މިއަދުގެ ހާދިސާއާ ގުޅިގެން އެތައް ސުވާލުތަކެއް އުފެދޭ ކަމަށެވެ. އެހެން ނަމަވެސް އެ ހާދިސާއަކީ ކިހިނެއް ހިނގި ހާދިސާއެއްކަން އަދި ބުނެދޭން ނޭނގޭ ކަމަށެވެ. އަދި އެ ހާދިސާގެ ސަބަބު ހޯދަން އެމްއެންޑީއެފާއި ފުލުހުން ގުޅިގެން އަވަސް މަސައްކަތްތަކެއް ކުރަމުން ދާ ކަމަށް މުންދު ވިދާޅުވި އެވެ. އަދި އެކަމާ މެދު އެއްޗެއް ބުނެވޭނީ އެ ތަހުގީގުތައް ނިމުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ލޯންޗުގައި ގޮވީ ވަކި އެއްޗެކޭ، އެހެން ބުނެދޭން ނޭނގެ. ކަންވީ މިވެނި ގޮތަކަށޭ، ނޫނީ ވަކިގޮތަކަށް ނޫނޭ ވެސް ނުބުނަން. އެކަމުގެ ތަހުގީގު ދަނީ ކުރިއަށް. ސަބަބު ހޯދޭނެ ކަމަށް އުންމީދުކުރަނީ،" މުންދު ވިދާޅުވި އެވެ.

މީގެ 28 ވަރަކަށް ދުވަސް ކުރިން ސީރިއާ ހަނގުރާމަވެރިންކަމަށް ބުނެ މާސްކު އަޅައިގެން ތިބި ބަޔަކު ރައީސަށް އިންޒާރުދީ ނެރުނު ވީޑިއޯއާ މިއަދުގެ ހާދިސާއާ ގުޅުމެއް ވޭތޯ އެހުމުން މުންދު ވިދާޅުވީ، އެފަދަ ގޮތަކަށް މާނަކުރަން އަދި ނޭނގޭނެ ކަމަށެވެ. އެފަދަ ވާހަކައަކަށް ޖަވާބެއް ދެވޭނީ ކަމުގެ ހަގީގަތް އެނގުމުން ކަމަށް މުންދު ވިދާޅުވި އެވެ.

މިހާދިސާގައި އަނިޔާވެފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާތުންގެ އިތުރުން ސެކެޓްރީ ފާތުމަތު ސޯލިހަށާއި، ބޮޑީގާޑް އަބްދުލް ނާސިރަށެވެ. އެ ތިން ބޭފުޅުންނަށްވެސް ކުދި ޒަހަމްތަކުގެ އިތުރަށް އެކިވަރުގެ ކަށީގެ ގެއްލުންތައް ލިބިފައިވާ ކަމަށް މުންދު ވިދާޅުވި އެވެ. މިހާރު ދައުރުވާ ފޮޓޯތަކުން ފެންނަ ގޮތުގައި ރައީސްގެ ބޮޑީ ގާޑްގެ ގައިގެ އެކި ތަންތަން ވަނީ ފިހިފަ އެވެ.

މުންދު ވިދާޅުވީ މެޑަމް ފާތުންގެ ތަނެއް ފިހިފައި ހުރި ކަމުގެ މައުލޫމާތެއް ނެތް ކަމަށެވެ. ނަމަވެސް ހަށިގަނޑުގެ ތަންތަން، "ފްރަކްޗާ" ހުރި ކަމަށް ވިދާޅުވި އެވެ.

"ރައީސަށް ގެއްލުމެއް ލިބިވަޑައެއް ނުގަނޭ އިރާދަފުޅުން. އަނިޔާވި ދެބޭފުޅުންނާއި މެޑަމްގެ ހާލުކޮޅު ރަނގަޅެއްނޫން. އެކި ޓެސްޓުތައް ހަދަމުން ދަނީ މިހާރު. ސީރިއަސް ލެވެލް އެނގޭނީ ނަތީޖާ ލިބުމުން. އެހެން ބައެއް މީހުންވެސް އެބަތިބި އައިޖީއެމްއެޗްގައި. އެންމެނަށް ވެސް ވަނީ ހާދިސާގެ ސަބަބުން ޝޮކެއް ލިބިފައި. އެމީހުނަށް ވެސް ޑޮކްޓަރުންގެ އެހީތެރިކަން ދެމުން އެބަދޭ،" މުންދު ވިދާޅުވި އެވެ.