ހަބަރު

ރިޔާސީ ލޯންޗްގައި ހިނގި ހާދިސާގެ ފުރިހަމަ ތަހުގީގެއް ކުރަން ޕާޓީތަކުން ގޮވާލައިފި

Sep 28, 2015

ރައިސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ދަތުރުކުރެއްވި ލޯންޗުގައި މިއަދު އެއޗެއް ގޮވި ހާދިސާ ތަހުގީގުކޮށް އެކަމުގައި އިހުމާލުވާ ފަރާތްތަކާމެދު ވީހާވެސް އަވަހަކަށް ފިޔަވަޅު އެޅުމަށް އެމްޑީޕީ އަދާލަތު ޕާޓީ އއިން ގޮވާލާފި އެވެ. މީގެ އިތުރުން ޕީޕީއެމް ނެރުނު ބަޔާނުގައި ވެސް ތަހުގީގަކަށް ވަނީ ގޮވާލައިފަ އެވެ.

މި ހާދިސާއާއި ގުޅިގެން މިއަދު އެމްޑީޕީ އިން ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ ރައިސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އަނބިކަބަލުން އަދި ސަރުކާރުގެ އިސް ވެރިން ދަތުރުކުރި ލޯންޗުގައި މިއަދު ހިނގި ހާދިސާއާ މެދު އެޕާޓީއިން ކަންބޮޑުވާ ކަމަށެވެ. އަދި މިހާދިސާ ހިނގަން މެދުވެރިވީ ގޮތް ވީހާވެސް އަވަހަށް ތަހުގީގު ކޮށް، އެކަމަށް އިހުމާލުވާ ފަރާތް ތަކާމެދު ފިޔަވަޅުއެޅުމަށް ދައުލަތުގެ އެންމެހާ ފަރާޓްތަކަށް ގޮވާލާ ކަމަށް ވެސް އެ ޕާޓީ އިން ބުންޏެވެ.

އެޕާޓީއިން ބުނީ ރައީސުލްޖުމްހޫރިއްޔާގެ ޢާއިލާއަށާއި މި ނުރައްކާތެރި ޙާދިސާގައި އަނިޔާ ލިބުނު އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު އަބްދުލް ނާސިރަށާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަ ސެކެޓަރީ ފާތިމަތު މުހައްމަދު ސާލިހަށް އަވަސް ޝިފާއަކަށް އެދޭ ކަމަށެވެ.

އަދާލަތު ޕާޓީ އިން ވެސް ބުނީ މިއީ ވަރަށް ކަންބޮޑުވާ ހާދިސާއެއް ކަމަށެވެ. އަދި މި ހާދިސާ ހިނގާ ދިޔަ ގޮތް ބެލުމަށް ފުރިހަމަ ތަހުގީގެއް ކޮށް އޭގެ އަސްލު ހޯދުމަށް ވެސް އެ ޕާޓީ އިން ކަމާ ގުޅޭ ފަރާތްތަކުގައި ވެސް ވަނީ އެދިފަ އެވެ. އަދި އެ ހާދިސާގައި ޒަހަމްވި ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދޭ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

މިހާދިސާއާ ގުޅިގެން ފުލުހުން ދިން ޕްރެސް ގައި ބުނީ މިހާދިސާ ހިނގަން މެދުވެރިވި ސަބަބު އެމްއެންޑީއެފް އާއި ޕޮލިސް އަދި ބޭރު ދެ ގައުމެއްގެ އެހީ އާއެކު ތަހުގީގު ކުރާނެ ކަމަށެވެ.