ހަބަރު

ރިޔާސީ ލޯންޗްގެ ގޮވުމަކީ ބަޔަކު ރާވައިގެން ކުރި ކަމެއް ކަމަށް ބެލެވޭ: މުންދު

Sep 28, 2015
1

ރިޔާސީ ލޯންޗް ކޮޅުގައި މިއަދު ހިނގި ހާދިސާއަކީ ބަޔަކު ރާވައިގެން ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސެން ޝަރީފް މުންދު ވިދާޅުވެއްޖެ އެވެ.

"އެގޮތަށް ބުނުމުގެ ފުރުސަތު ބޮޑީ،" މުންދު ވިދާޅުވެފައިވެ އެވެ.

އެ ހާދިސާގެ މައުލޫމާތު ދިނުމަށް ސަރުކާރުގެ ވަފުދެއް މިރޭ ކޮލަމްބޯއަށް ދާނެ އެވެ. މުންދު ވިދާޅުވެފައިވާ ގޮތުގައި މިއަދުގެ ހާދިސާގެ ސައްހަ މައުލޫމާތާއި އެކަމާ ގުޅިގެން ހުރި އެހެން މައުލޫމާތުތައް ބޭރުގެ ސަފީރުންނަށް ފޯރުކޮށްދޭނެ އެވެ.

ރާއްޖޭގެ އެދުމުގެ މަތިން އެ މައްސަލައިގެ ތަހުގީގަށް ބޭރުގެ ފޮރެންސިކް އެކްސްޕާޓުން ރާއްޖެ އައުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ސައުދީ އަރަބިއްޔާ އާއި އޮސްޓްރޭލިޔާ އަދި ސީއައިއޭގެ އެކްސްޕާޓުން ރާއްޖެ އައުމަށް ވަނީ ހަމަޖެހިފަ އެވެ.

އެ ހާދިސާގައި ރައީސްގެ އަނބިކަބަލުންގެ ބުރަކަށްޓަށް ގެއްލުންވެ، ރައީސްގެ ޕްރޮޓޮކޯލްގެ ހެޑަކަށް ހުންނަވާ ބޭފުޅާގެ އަތް ވެސް ފިހުނެވެ. އަދި ރައީސްގެ ބޮޑީ ގާޑެއްގެ ފައި ވެސް ފިހި އަންނަނީ ފަރުވާދެމުންނެވެ.