ހަބަރު

ގޮވުން ތަހުގީގުކުރަން ސައޫދީގެ ފޮރެންސިކް ޓީމަކާއި އެފްބީއައިގެ އެޖެންޓަކު އަތުވެއްޖެ

Sep 29, 2015

ހައްޖުގެ އަޅުކަމަށް ފަހު ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން މާލެ ވަޑައިގެންނެވި ރަސްމީ ލޯންޗުގައި އިއްޔެ ހެނދުނު ހިނގި ނުރައްކާތެރި ހާދިސާގެ ތަހުގީގުގައި އެހީތެރިވެދިނުމަށް ސައޫދީ އަރަބިއްޔާގެ ފޮރެންސިކް ޓީމަކާއި އެމެރިކާގެ އެފްބީއައިގެ އެޖެންޓަކު މާލެ އަތުވެއްޖެ އެވެ.

ރައީސްގެ ދެކަނބަލުންނާއި އިތުރު އޮފިޝަލުން ވެސް ތިއްބެވި ލޯންޗު، "ފިނިފެންމާ" ގެ އެތެރޭގައި ބާރުގަދަ ގޮވުމެއް ގޮވައި ރައީސްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްއާ އެކު އިތުރު ބަޔަކަށް އެކި ވަރުގެ އަނިޔާތަކެއް ލިބިފައި ވަނީ އިއްޒުއްދީން ފާލަމަށް ގާތްކުރަނިކޮށެވެ.

މި ގޮވުމާ ބެހޭ ތަފްސީލެއް ކަމާ ބެހޭ ފަރާތްތަކުން އާންމުކޮށްފައި ނުވާއިރު ބުނެފައި ވަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އެކަން ތަހުގީގުކުރަމުން އަންނަ ކަމަށެވެ. މި ތަހުގީގުގައި ސައޫދީ އާއި އެފްބީއައި އަދި އޮސްޓްރޭލިއާގެ ފެޑެރަލް ޕޮލިސްގެ އެހީ އާއި އެއްބާރުލުން ވެސް ބޭނުންކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.

މި ތަހުގީގާ ގުޅުމަށް އެފްބީއައިގެ އެޖެންޓް މާލެ އައިސްފައި ވަނީ ރޭގެ ވަގުތެއްގަ އެވެ. އެއަށް ފަހު ސައޫދީގެ ފޮރެންސިކު ޓީމު މާލެ އައީ ދަންވަރު އެވެ.

ސައޫދީން އައި ޓީމުގައި ނުވަ ތަޖުރިބާކާރަކު ހިމެނެ އެވެ.