ހަބަރު

ސަލާމަތީ ބާރުތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޓެރަރިޒަމް: ފޮރިން ސެކްރެޓަރީ

Sep 30, 2015

ރާއްޖޭގެ ސަލާމަތީ ބާރުތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޓެރަރިޒަމްގެ ނުރައްކާ ކަމަށާއި ދެކުނު އޭޝިއާ އާއި މެދުއިރުމަތީގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކުން ބައެއް ދިވެހިންނަށް ވާސިލުވަމުންދާ ކަމަށް ފޮރިން ސެކްރެޓަރީ އަލީ ނަސީރު މުހައްމަދު ވިދާޅުވެއްޖެ އެވެ.  

އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވެ ވަޑައިގަތުމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާ އެކު އެމެރިކާގެ ނިއު ޔޯކަށް ވަޑައިގެން އުޅުއްވާ ނަސީރު އެގައުމުގެ މަޝްހޫރު ނިއުސް އޭޖެންސީއެއް ކަމުގައިވާ ބްލޫމްބާގް ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި މިހެން ވިދާޅުވެފައި ވަނީ މިދިޔަ އާދީއްތަ ދުވަހު ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ދަތުރުކުރެއްވި "ފިނިފެންމާ" ލޯންޗުގައި އެއްޗެއް ގޮވި ހާދިސާއާ ގުޅުވައިގެން ވާހަކަ ދައްކަވަމުންނެވެ.

"އެ ހަމަލާގެ ޒިންމާ އެއްވެސް ބަޔަކު އުފުލާފައެއް ނުވޭ. އެކަމަކު އަޅުގަނޑުމެން ގަބޫލުކުރަނީ އެއީ ސީދާ ރައީސަށް އަމާޒުކޮށް ދެވުނު ހަމަލާއެއް ކަމަށް. މިއީ ރާއްޖޭގައި ރައީސަކަށް އަމާޒުކޮށް އެފަދަ ހަމަލާއެއް ދެވުނު ފުރަތަމަ ފަހަރުކަން ވެސް ފާހަގަކޮށްލަން ޖެހޭ،" އިންޓަވިއުގައި ނަސީރު ވިދާޅުވެފައިވެ އެވެ.

މި މޭރުމުން ވާހަކަ ދައްކަމުން އޭނާ ވިދާޅުވެފައި ވަނީ ޓެރަރިޒަމްގެ ބިރު ރާއްޖޭގައި ބޮޑުވެ އެކަން ގައުމީ ބޮޑު މައްސަލައަކަށް ބަދަލުވެފައިވާއިރު އިރާގާއި ސީރިއާގެ ދާޚިލީ ހަނގުރާމައިގައި ބައިވެރިވާ ދިވެހިންގެ އަދަދު ވެސް އިތުރުވެ އަދި އެފަދަ ހަނގުރާމަތަކަށް ފުރައިގެންދާ ބައެއް ދިވެހިން އެނބުރި އަންނަމުން ދިއުމަކީ ވެސް ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓާ ފަރާތްތަކަށް ކުރިމަތިވެފައިވާ ގޮންޖެހުމެއް ކަމަށެވެ.

"މިއީ ގައުމެއްގެ ގޮތުގައި އަދި މުޖުތަމައެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކާ. ސަލާމަތީ ބާރުތަކަށް އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައި ވަނީ ވެސް މި ދާއިރާ އިން،" ޓެރަރިޒަމްގެ ބިރާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ނަސީރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެނގޭ ބައެއް ޓެރަރިސްޓް ޖަމާއަތްތަކުން ދިވެހިން ރެކްރޫޓްކުރަމުން ގެންދާކަން. ސޯޝަލް މީޑިއާ އަކީ އެފަދަ ފަރާތްތަކުން ބޭނުން ކުރާ އެންމެ ބޮޑު ވަސީލަތް."

މި މޭރުމުން ވާހަކަ ދައްކަވަމުން ނަސީރު ވަނީ ޓެރަރިޒަމްގެ މައްސަލާގައި އެމެރިކާ އާއި ރާއްޖެ އެކުގައި މަސައްކަތްކުރުމުގެ މުހިންމު ކަމަށް ވެސް އަލި އަޅުއްވައިފަ އެވެ. އެގޮތުން ޖާސޫސީ އަދި ސަލާމަތީ އެއްބާރުލުން އެމެރިކާ އާއި އެފަދަ އެހެން ގައުމުތަކުގެ ބޭނުންވާކަން ފާހަގަކުރައްވާފައިވެ އެވެ.

ޓެރަރިޒަމް ހުއްޓުވައި ޖިހާދުގެ ނަމުގައި ޓެރަރިޒަމަށް އެއްބާރުލުންދޭ ފަރާތްތައް ހިފައި ޖަލަށް ލުމަށް ގާނޫނުތައް ވަރުގަދަކޮށް ސަލާމަތީ ބާރުތަކަށް އިތުރު ބާރުތައް ދިނުމަށް މަސައްކަތްކުރަމުންދާއިރު އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކާއި އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ދެކޮޅުވެރިކަން އެ މަސައްކަތަށް އަމާޒުވެފައިވާކަން ވެސް ސެކްރެޓަރީ ފާހަގަކުރައްވާފައިވެ އެވެ.

ރާއްޖެ ވަނީ ޓެރަރިޒަމާ ދެކޮޅަށް އދ. ގައި އެމެރިކާ އިން އިއްޔެ ބޭއްވި ހާއްސަ ޖަލްސާއެއްގައި ވެސް ބައިވެރިވެ ޓެރަރިޒަމާ ދެކޮޅަށް ދެވެން އޮތް އެއްބާރުލުމެއް ދޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ.