ހަބަރު

ވާހަކަދެއްކުމުގެ މަތީ ފެންވަރުގެ ކޯހުގެ ދެވަނަ ބެޗްގެ ދަސްވެނިވުން ބާއްވައިފި

ވާހަކަދެއްކުމުގެ މަތީފެންވަރުގެ ހުނަރުތައް އުގަންނައި ދިނުމަށް ޒާދު އެކެޑަމީން ހިނގާ އަދަބީ ޕްރޮގްރާމުގެ ދަރަޖަ 1 ގެ ދެވަނަ ބެޗް ދަސްވެނިވެއްޖެ އެވެ.

ޖޫން މަހުގެ 30 ވަނަ ދުވަހުގެ ރޭ އޮތް ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ އަލީ ޝަމީމެވެ.

ކުޅަދާނަ ޝާއިރު އާދަމް ނަސީރު އިބްރާހީމްގެ މޭސްތިރިކަމުގެ ދަށުން އެކުލަވާލައި ކުރިޔަށް ގެންދެވޭ މި ޕްރޮގްރާމަކީ އޮންލައިންކޮށް އުނގަންނާދެވޭ އަދަބީ ޕްރޮގްރާމެކެވެ. ކޯހުގެ މުދައްރިސަކީ ވެސް އޭނާއެވެ. މި ފަހަރުގެ ކޯހުގައި ގެސްޓް ލެކްޗަރާ އެއްގެ ގޮތުން ކްރިޓިކަލްތިންގެ ގަަޑި ލެފްޓިނެންޓް ކާނަލް ހަސަން އާމިރު ނަންގަވައިދެއްވިއެވެ.

މި ފަހަރުގެ ޕްރަގްރާމް 45 ބޭފުޅަކު ފުރިހަމަ ކުރެއްވިއެވެ. 30 ބޭފުޅަކު ތަގުރީރު ތައްޔާރުކުރައްވައި ތަގުރީރު ކުރެއްވިއެވެ.

އުމުރުން 16 އަހަރުން ފެށިގެން 50 އަހަރުން މަތީގެ ބޭފުޅުން ވެސް ކޯހުގެ މަސައްކަތްތައް ފުރި ހަމަ ކޮށްފައިވާ މި ޕްރޮގްރާމުގައި ކިޔެވުން ކުރިޔަށް ގެންދިޔައީ 15 ދުވަހުގެ މުއްދަތަށެވެ. ކޯސް ރާވާލެވިފައިވަނީ ކޯހުގެ މަސައްކަތަށް ކޮންމެ ބައިވެރިޔަކު ވެސް ގާތްގަނޑަކަށް 50 ގަޑި އިރާއި 60 އަޑި އިރާ ދެމެދުގެ ވަގުތު ހޭދަކުރަން ޖެހޭ ގޮތަށެވެ.

މި ރަސްމިއްޔާތުގައި ޝަރަފުވެރި މެހުމާނު ޑރ އަލީ ޝަމީމު ދެއްކެވި ވާހަކަފުޅުގައި ވާހަކަދެއްކުންތެރިކަމުގެ ބޭނުންތެރިކަމާއި އޭގެ އުކުޅުތަކުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. ހަމަ އެހެންމެ އދ. އާއި އަދި އެ ނޫން ވެސް މަތީފެންވަރުގެ އެކި މުއައްސަސާތަކުގައި މަސައްކަތްކުރެއްވި އިރު މި ދާއިރާއިން ކުރެއްވިފައިވާ ބައެއް ތަޖުރިބާތައް ބައިވެރީންނާ ހިއްސާކުރެއްވިއެވެ.

"ގިނައިން ފޮތް ކިޔަންވާނެ. މައުލޫމާތު ހުންނަންވާނެ. އެތައް ފަހަރަކު ފަރިތަކުރަންވާނެ. ބިރުކެނޑެންދެން އަމިއްލަ ނަފުސަށް އަޑު އިއްވައިގެން ބާރަށް ފަރިތަކުރަންވާނެ," ޝަމީމު ވިދާޅުވިއެވެ.

ހަމަ އެހެންމެ ކޯހުގައި ކިޔަވައިދެއްވި ބައިތަކުގެ އޮއްޓަރާއި މުދައްރިސްގެ ހުނަރުވެރިކަމުގެ މައްޗަށް ފުރިހަމައަށް އިތުބާރު ކުރައްވާކަމަށް ވިދާޅުވެ ތާރީފުކުރެއްވިއެވެ.

މި ޖަލްސާގައި ބައިވެރީންގެ ފަރާތުން ވާހަކަ ދެއްކި ދަރިވަރު ވަނީ ކޯސް އިންތިޒާމް ކުރެވިފައިވާ ގޮތާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި ވަރަށް ތަރުތީބުން ވަރަށް ފަރުވާތެރިކަމާއެކު މުޅިން އާ ބަހަވީ އަދި ފަންނީ ހުނަރުތަކެއް ދަސްކޮށްދެއްވިކަން އޭނާ ފާހަގަ ކުރިއެވެ. މީގެ އިތުރަށް ކޯހުގެ ރަސްމީ ގަޑި ފިޔަވައި އެހެން ގަޑިތަކުގައި ވެސް ބައިވެރީންނަށް ލިބުނު އެހީތެރިކަން ފާހަގަކޮށްފައިވެއެވެ.

"އެންމެ ހިތްހަމަ ޖެހެނީ ވަރަށް އާ ވަރަށް އިލްމީ މައުލޫމާތުތަކެއް ލިބުނީތީ. ތަގުރީރު ތައްޔާރު ކުރުމުގެ ހުރިހާ މަރުޙަލާއެއްގައި ކޮންމެ ދަރިވަރަކަށް ވަކި ވަކިން އެތައް ފަހަރަކު އުސްތާޒު ވަގުތު ދެއްވީތީ،"