ހަބަރު

ހަރަދު ކުޑަކުރަން އިތުރު މުވައްޒަފުން ނުނަގަން ނިންމައިފި

Oct 1, 2015

ސަރުކާރުގެ ހަރަދުތައް ކުޑަކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން ސިވިލް ސާވިސްގެ އެއްވެސް މަގާމަށް މިއަހަރު އިތުރު މުވައްޒަފުން ނުނެގުމަށް ނިންމައިފި އެވެ.

ސީއެސްސީގެ ރައީސް އަލީ ޝަމީމް ސޮއި ކުރައްވާ އިއްޔެ އާންމު ކުރައްވާފައިވާ ސާކިއުލާއެއްގައި ބުނެފައި ވަނީ މިހާރު ހުސްކޮށް ހުރި މަގާމުތަކަށާއި މިއަދުން ފެށިގެން ހުސްވާ ސިވިލްސާވިސްގެ މަގާމުތައް އަދި އަންނަ އަހަރަށް މުވައްޒަފުން ނެގުމަށް ހަމަޖެހިފައިވާ ސިވިލްސާވިސްގެ މަގާމުތަކަށް އިތުރަށް މުވައްޒަފުން ނުނެގުމަށް ރައީސް އޮފީހުން އަންގަވާފައި ވާތީ އެގޮތަށް އަމަލު ކުރުމަށް ދަންނަވާ ކަމަށެވެ. އަދި މުވައްޒަފުން އިތުރު ކުރަން ޖެހިއްޖެ ނަމަ މިނިސްޓްރީ ހިންގަވާ މިނިސްޓަރުގެ ހުއްދަ އާއި ފިނޭންސް މިނިސްޓްރީގެ ހުއްދައެއް ލިބިގެން ނޫނީ މުވައްޒަފުން އިތުރު ކުރުމުގެ މަސައްކަތް ކުރިއަށް ނުގެން ދިޔުމަށް ވެސް ސާކިއުލާގައި އެދިފައިވެ އެވެ.

ކޮންމެ އަހަރެއްގެ ވެސް ފަހުކޮޅަށް އައިސް ބަޖެޓް ތާށިވާތީ ބައެއް ހަރަދުތައް ކުރުން ސަރުކާރުން މަޑުޖައްސާލަ އެވެ.