ހަބަރު

ގޮވުން ތަހުގީގުކުރަން ސްރީލަންކާގެ ޓީމެއް ވެސް ބައިވެރިވެއްޖެ

Oct 1, 2015

ރިޔާސީ ލޯންޗްގައި އެއްޗެއް ގޮވި ހާދިސާގެ ތަހުގީގަށް ލަންކާގެ ހަތަރު އެކްސްޕާޓަކު މިއަދު ރާއްޖެ އައިސް ތަހުގީގު ޓީމާ ގުޅިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހަތަރު އެކްސްޕާޓުން އައިސްފައި ވަނީ މިއަދު ހެނދުނު ކަމަށެވެ. އަދި ފުލުހުންގެ ޑައިރެކްޝަނާ އެއްގޮތަށް ތަހުގީގު ޓީމަށް އެ ފަރާތްތަކުން އެއްބާރުލުން ދެމުން ގެންދާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ރައީސްގެ ދެކަނބަނލުން ހައްޖުގެ ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެން، މާލެއަށް ދަތުރު ކުރެއްވި ރިޔާސީ ލޯންޗް، "ފިނިފެންމާ"ގައި އެއްޗެއް ގޮވި މައްސަލައިގައި އެފްބީއައިގެ ފަސް އެޖެންޓަކާއި އިންޑިއާ އާއި ސައުދީ އަރަބިއްޔާގެ ފޮރެންސިކް އެކްސްޕާޓުން އަންނަނީ ދިވެހި ފުލުހުންނާއި ސިފައިންގެ ތަހުގީގު ޓީމްގައި ބައިވެރިވަމުންނެވެ.

އެ ތަހުގީގަށް އެހީތެރިވުމަށް އޮސްޓްރޭލިޔާ އިން ވެސް ހުށަހަޅާފައިވެ އެވެ.

ރައީސް އާއި އަނބިކަބަލުން އަދި ސަރުކާރުގެ އިސް އޮފިޝަލުން ތިއްބެވި އެ ލޯންޗްގައި އެއްޗެއް ގޮވީ، ރަސްމީ ފާލަމަށް ލޯންޗް ކައިރި ކުރަން އުޅެނިކޮށެވެ. އެ ގޮވުމުގެ ސަބަބުން ފަސްޓް ލޭޑީ މެޑަމް ފާތިމަތު އިބްރާހިމްގެ ބުރަކަށީގެ ކަށިތަކުގެ ފަސްތަނަކަށް ވަނީ ގެއްލުންވެފަ އެވެ. މީގެ އިތުރުން ރައީސްގެ ސެކްރެޓަރީ އަދި ޕްރޮޓޮކޯލް ހެޑާއި ރައީސް ބޮޑީގާޑެއްގެ އެކިތަންތަން ފިހި ޒަހަމްވެފައިވެ އެވެ.

ސަރުކާރުގެ އެކި އޮފިޝަލުން ވިދާޅުވެފައިވާ ގޮތުގައި، އެ ހާދިސާއަކީ ރައީސްއަށް އަމާޒުކޮށް ދެވުނު ހަމަލާއަކަށް ވެދާނެ އެވެ. އެހެން ނަމަވެސް ސަރުކާރުން އަދި ރަސްމީ ގޮތުން އެކަމުގައި އެއްޗެއް ބުނެފައެއް ނުވެ އެވެ.