އާޓްވޯލް.އެމްވީ އަކީ ނައުފާ ޒަކީގެ މަސައްކަތް ދައްކައިދޭ ފޭސްބުކް ޕޭޖެކެވެ. ޑިޖިޓަލް އާޓިސްޓެއް އަދި އިލަސްޓްރޭޓާއެއްގެ ގޮތުން މަސައްކައް ކުރާ ނައުފާގެ މަސައްކަތަކީ ކްލައިންޓުންގެ ބޭނުމަށް ޑިޖިޓަލް މާކެޓިން މެޓީރިއަލް އުފެއްދައި ދިނުމެވެ. މިގޮތުން ބްރޭންޑް ލޯގޯ އުފެއްދުމާއި، ކެފޭތަކުގެ މެނޫ ތައްޔާރު ކުރުމާއި ބިލްބޯޑްސް ހެދުން ފަދަ ޑިޖިޓަލް މާކެޓިން އަށް ބޭނުންވާ ހުރިހާ ސާމާނެއް ކުރަހާ ފަރުމާ ކުރުން ހިމެނެ އެވެ.
ވެޑިން ކާޑާއި އެހެނިހެން ކާޑު ވެސް ކަސްޓަމައިޒްކޮށް ކުރަހަ އެވެ. ނައުފާގެ މަސައްކަތުގެ ތެރެއިން ފަހަކަށް އައިސް ބޮޑު ތަރުހީބެއް ލިބިފައިވާ އެއް މަސައްކަތަކީ ފޮޓޯ އިލަސްޓްރޭޝަން ހެދުމެވެ.
އޭނާގެ އެ މަސައްކަތްތަކުގެ ތެެރޭގައި އޭނާ ލޯންޗްކުރި ޕޯސްޓަރު ސީރީޒެއް ވަނީ މީހުންގެ ލޮލުގައި އަޅައިގެންފަ އެވެ. މިއީ މުޖުތަމައުގައި އާއްމުކޮށް މީހަކު ހުންނަ ގޮތަކުން އެމީހަކަށް އަމާޒުވާ އެކި ކަހަލަ ފާޑުކިޔުންތައް ހިމާނާލައިގެން ނައުފާ އެކުލަވާލާފައިވާ ސީރީޒެކެވެ.
އެ އިލަސްޓްރޭޝަން ތަކުގައި ނައުފާ އޭނަގެ ހުނަރު ބޭން ކުރީ މުޖުތަމައަށް ރައްދުވާނެ ގޮތަށް ތަފާތު ވާހަކައެއް ބުނާށެވެ. އެގޮތުން މާބަނޑު ދުވަސްވަރު އަންނަ ކޮމެންޓްތަކާއި ހަށިގަނޑު ވަކި ގޮތަކަށް ހުރުމުން ކިޔާ ފާޑުކިޔުންތައް މި ސީރީޒްގައި ދައްކާލާފައި ވެއެވެ. އަދި އެކު މީހުން ސްޓީރިއޯޓައިޕްކޮށް ކުރާ ކޮމެންޓްތަކުގެ މައްޗަށް ހަދާފައިވާ ޕޯސްޓަރުތައް ވެސް ހިމަނާފައި ވެއެވެ.
ފްރީލާންސްކޮށް މަސައްކަތް ކުރަމުން އަންނަ ނައުފާއަކީ މަންމައެކެވެ. އޭނާގެ ބަނޑު ބޮޑު އިރު ވަރަށް ގިނަ މީހުން ހަށިގަނޑާއި މީހާ ހުންނަ ގޮތަށް ކޮމެންޓްތައް ކުރި އެވެ. އެ ތަޖުރިބާއާއެކު، މީހުން އެހެން ކޮށްލާ އެކި ކޮމެންޓްތަކަކީ ހަމައެކަނި ނައުފާއަށް ލިބޭނެ ކޮމެންޓްތަކެއް ނޫން ކަމުގައި އޭނާއަށް އެނގުނެވެ.
"ބަނޑުބޮޑު އިރު ވަރަށް ގިނަ މީހުން ކޮމެންޓް ކުރޭ އެކި ކަހަލަ. ދެން ހިތަށް އެރީ މިކަމަށް މީހުން ހޭލުންތެރި ކުރުމަށް އެއްޗެއް ހަދާނީއޭ. ފުރަތަމަ މި ސިރީޒްގެ ފެށީ މި ފޮޓޯއިން. ބުނެދެން ބޭނުންވީ މި ކަހަލަ ކޮމެންޓް ތަކުން މީހުންނަށް ތަފާތު އަސަރެއް ކުރާނެކަން!"
މާބަނޑު މީހަކު ފެންނަ މި ޕޯސްޓަރުގައި ހުރީ އެކި މީހުން ކުރާ ކޮމެންޓްތަކެވެ. އަދި ބޯ ހާސްކަމެއްގައި މާބަނޑު އަންހެން މީހާ ހުންނަތަން ޕޯސްޓަރުން ފެންނަ އިރު ވަށައިގެން ލިޔެފައިވަނީ "މީހާދޯ ފުފެނީ؟ ބަންޑެއް ނޫން!" "ހަމަ ބޭނުން ވެގެންތަ؟" "ރަނގަޅަށްކަށް ނުކަންދޯ؟" އަދި "ޖަޕާނު މަހެއްތަ؟" މި ފަދަ އިބާރާތްތަކެކެވެ.
ނައުފާ ބުނި ގޮތުގައި މިއީ އޭނާގެ މި ސީރީޒްގައި އެންމެ ގިނަ މީހުންނަށް ކަމުދިޔަ ޕޯސްޓަރަށް ވެސް ވިއެވެ.
މީހަކު ފެނުމުން ހާލު އަހާލުމުގެ ކުރިން "ހާދަ ފަލައޭ" ބުނުމަކީ ވެސް މުޖުތަމައުގައި އޮންނަ ނުރަނގަޅު އާދެއެކެވެ. ހަށިގަނޑުގެ ހުންނަ ބައްޓަމާއި ސައިޒާއި ގުޅޭ ގޮތުން ކުރާ އެކަހަލަ އެތައް ކޮންމެންޓަކީ ބައެއް ފަހަރު މަޖާކޮށްލަން ބުނާ އެއްޗެއް ގޮތުގައި ވިއަސް ރައްދުވާ މީހާއަށް މި ބަސްތައް އެއީ އެހާ އަޑުހަން ފަސޭހަ އަދި ބޭނުން ބަސްތަކަކަށް ނުވެދާނެ އެވެ.
ބޮޑު ހަށިގަނޑެއް ހުންނަ މީހެއްނަމަ އެމީހަކަށް އާއްމުކޮށް ދިވެހިން ސަލާމް ގޮވާލާނީ "ކޮބާ ހިކޭކަށް ނުވޭތަ؟" "ތެއްޔެއް އެއްކޮށް ދޯ ކާލަނީ؟" "ޔަގީން މިހާރު ދޮރުން ނުކަތާނެ" މި ފަދަ ބަސްތަކަކުން ކަމަށް ބުނެ ނައުފާ ކުރަހާފައިވާ ޕޮސްޓަރެއް ވެސް ދޫކޮށްލާފައި ވެެއެވެ. ވަރަށް ގިނަ މީހުންގެ މަގުބޫލުކަން އެ ޕޯސްޓަރު ހޯދާފައި ވެއެވެ.
ބޮޑުކޮށް ބިޔަކޮށް ތިބޭ މީހުންނާއި އެއްވަރަށް ހަށިގަނޑު ހިކިކޮށް ކުޑަކޮށް ތިބޭ މީހުންނަށް ވެސް ބޮޑީޝޭމް ކުރުމަކީ އޮންނަ ކަމެއް ކަމަށް ބުނެ އެގޮތަށް ހަށިގަނޑު ތިބޭ މީހުންނަށް އެންމެ ގިނަ މީހުން ކުރާ ކޮމެންޓްތަކާއެކު ނައުފާފެ ކުރެހުމެއް ގެނެސްދިނެވެ.
"ދެ ފުށް ޖެހިފަތަ؟" "ބަނޑަށް ޖެހިފަތަ" އަދި "ފައްކާ ފްލައިވުޑް ފިލާގަނޑެއް؟" ފަދަ ފާޑުކިޔުމަކީ ހިކި ހަށިގަނޑު ހުންނަ މީހުންނަށް އަންނަ ބައެއް ކޮމެންްޓެވެ. އެކަމް ނައުފާ ކުރަހާފައިވާ ޕޯސްޓަރުން ދައްކުވައި ދެއެވެ.
ބޯ ދިގުކޮށްފައި ތިބެނީ ވަކި ބައެކޭ ކިޔާ އެމީހަކު ވެސް ވަކި ގޮޅިއެއްގައި ލޭބަލް ކުރެ އެވެ. ކޮންމެ މީހާކުވެސް ހުންނަނީ އެމީހާކަށް އެންމެ ރީތި ގޮތަކަށެވެ. އެކަކު ހުންނަ ގޮތަށް އޭނާގެ ވައްޓަފާޅިއަށް އަނެކަކު ހެދުން އަޅައި ބޯ ހަދާފައި ހުންނާކަށް ނުޖެހެ އެވެ.
ނައުފާގެ ބުނި ގޮތުގައި އޭނާގެ ފިރިމީހާ އަކީ ބޯ ދިގުކޮށް ހުންނަ މީހެކެވެ. އެހެންވެ އެފަދަ ކަންކަމާ ގުޅޭ ޕޯސްޓަރެއް ހަދާލުމަށް ވަރަށް ފަސޭހަ ވި އެވެ. މީހުން ފިރިމީހާއަށް ރައްދު ކުރާ ބައެއް ބަސް ބަސް ހިމަނާލައިގެން ކުރާހާލީ އެވެ. މި ސީރީޒް އަށް ތަރުހީބު ބޮޑުއިރު ނައުފާ ބުނި ގޮތުގައި ބައެއް މީހުން، އެމީހުންނަށް ލިބޭ އެފދަ ކޮމެންޓްތައް މިހާރު ނައުފާއާ ހިއްސާ ވެސް ކުރެ އެވެ.
މިކަހަލަ ކޮމެންޓެއް މީހަކު ކުރިއަސް ކޮންމެ ފަހަަރަކު އަދި ކޮންމެ މީހަކު ވެސް ރުޅިވެރި ކަމާއެކު ރައްދެއް ނުދީފާނެ އެވެ. ނަމަވެސް މިފަދަ ބަސްތަކުން ވެސް އަނެކާއަށް ތަފާތު މޮޅިވެރި އިހްސާސްއެއް ކޮށްފާނެ އެވެ. ނައުފާގެ މި ސީރީޒްގެ ބޭނުމަކީ ހެޔޮބަހެއް ނޫނީ އަނެކާއަށް ނުބުނަން ހަނދާން ކޮށްދިނުމެވެ. އޭނާގެ އާޓު ހުނަރު ބޭނުންކޮށްލީ މި ބޭނުމުގަ އެވެ.
މީހަކާއި ދިމާއަށް ބުނާ ކުޑަ ބަހަކުން ވެސް އެނެކާއަށް ހިތްހަމަނުޖެހުމާއި ނުތަނަވަސްކަން ގެނުވާފާނެ އެވެ. ދުލަކީ ވަރަށް ވަރުގަދަ ހަތިޔާރެކެވެ. ބަސްމަގު ބަހައްޓާ ގޮތުން ވެސް އެއީ ކިހާވަރެއްގެ މީހެއްކަން އަނެކާއަށް އެނގޭވަރުވާނެ އެވެ.